ޚަބަރު
ސިއްޙީ ދާއިރާއިން ތަމްރީން ފުރުސަތުތައް އިތުރުކުރުމަށް ކޮރެއާ އާއިއެކު މަޝްވަރާކުރައްވައިފި
ސިއްޙީ ވަޒީރު ދެކުނު ކޮރެއާގެ ވައިސް މިނިސްޓަރ އޮފް ހެލްތު އެންޑް ވެލްފެއާ، އެޗްއީ.ޕާކް މިންސޫއާ ބައްދަލުކުރެއްވުމުގެ ތެރެއިން|ފޮޓޯ: ސިއްޙީ ވުޒާރާ
ހުލާސާ
ސިއްޙީ ޚިދުމަތް ފުޅާކުރެވޭނެ ގޮތްތަކާއި ގުޅޭގޮތުން މަޝްވަރާކުރެއްވި
ސިއްޙީ ދާއިރާއިން ތަމްރީނު ފުރުސަތުތައް އިތުރުކުރުމާއި ގުޅޭގޮތުން، ދެކުނު ކޮރެއާ އާއިއެކު މަޝްވަރާކުރައްވައިފިއެވެ.
މިކަމާއި ގުޅޭގޮތުން، މަޝްވަރާކުރައްވާފައި ވަނީ ސިއްޙަތާއި ބެހޭ ވަޒީރު ޢަބްދުﷲ ނާޘިމް އިބްރާޙިމް ދުނިޔޭގެ ސިއްޙަތު ޖަމިއްޔާގެ 156 ވަނަ އެގްޒެކެޓިވް ބޯޑު ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގަތުމަށް ސްވީޓްލަޒޭންޑުގެ ޖެނީވާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ. މި ދަތުރުފުޅުގައި ވަޒީރު ވަނީ ދެކުނު ކޮރެއާގެ ވައިސް މިނިސްޓަރ އޮފް ހެލްތު އެންޑް ވެލްފެއާ، އެޗްއީ.ޕާކް މިންސޫއާ ބައްދަލުކުރައްވާފައެވެ.
މި ބައްދަލުކުރެއްވުމުގައި، ސިއްޙީ ދާއިރާގެ ގުޅުން މިހާރަށް ވުރެ ބޮޑަށް ހަރުދަނާކުރުމަށް ރާއްޖެއާއި ދެކުނު ކޮރެއާއަށް ކުރެވިދާނެ ކަންކަމާއި ގުޅޭ ގޮތުން މަޝްވަރާކުރައްވާފައިވާކަމަށް ސިއްޙީ ވުޒާރާއިން މަޢުލޫމާތު ދެއެވެ. މީގެ އިތުރުން ޢާންމު ސިއްޙަތު ރައްކާތެރިކުރުމާއި، ސިއްޙީ ދާއިރާގެ އިންސާނީ ވަޞީލަތްތައް ތަރައްޤީ ކުރުމާއި ގުޅޭގޮތުން މަޝްވަރާކުރައްވާފައިވާކަމަށް އެ ވުޒާރާއިން ވިދާޅުވެއެވެ.
ދުނިޔޭގެ ސިއްޙަތު ޖަމިއްޔާގެ 156 ވަނަ އެގްޒެކެޓިވް ބޯޑުގެ މެންބަރުންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ވަޒީރު ވަނީ، ސިއްޙީ ދާއިރާއިން ރާއްޖެއިން ކުރުމަށް އިސްކަންދެއްވާ މަސައްކަތްތަކާއި ބެހޭގޮތުން ވާހަކަދައްކަވާފަ އެވެ. އެގޮތުން ވަޒީރު ވިދާޅުވީ، ރާއްޖޭގައި އަބަދުވެސް މަސައްކަތް ކުރައްވާނީ ސިއްޙީ ޚިދުމަތްތައް އެންމެންނަށް ހަމަހަމަކޮށް ދިނުމަށް ކަމަށެވެ. ހަމަ އެހެންމެ، މި ޚިދުމަތުގައި އެއްވެސް މީހެއް ބާކީ ނުކޮށް، އިންސާފުވެރިކަމާއި އެކު މި ޚިދުމަތް ދިނުމަށް މަސައްކަތް ކުރައްވާ ކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ.
ވަޒީރު ވިދާޅުވީ، ރައްޔިތުންނާއި ގާތުން އެންމެ އެކަށޭނެ ޚިދުމަތެއް ދިނުމަށްޓަކައި ޕްރައިމަރީ ހެލްތު ކެއަރ (ޕީއެޗްސީ) ހަރުދަނާކުރުމުގެ މަސައްކަތް ކުރައްވަމުން އަންނަ ކަމަށެވެ.