ޚަބަރު
ކެފޭއެއްގެ ތެރޭގައި ބިދޭސީންތަކެއް މާރާމާރީ ހިންގައިފި: އެކަކުގެ ޙާލު ސީރިއަސް
ޕޮލިސް ހެޑްކުއަރޓަރސް|ފޮޓޯ: އެޓޯލް ޓައިމްސް
ހުލާސާ
މާރާމާރީ ހިނގާފައި ވަނީ ނޭޕާލް މީހަކާއި ބަންގްލަދޭޝް މީހަކާއި ދެމެދު
މާވެޔޮމަގުގައި ހުރި ކެފޭއެއްގެ ތެރޭގައި މިއަދު މާރާމާރީއެއް ހިންގާފައިވާކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ. ފުލުހުން ހާމަކޮށްފައިވާ ގޮތުގައި، މި މައްސަލަ ހިނގިކަމުގެ ރިޕޯޓު ފުލުހުންނަށް ލިބިފައިވަނީ މިއަދު މެންދުރު 12:10 ހާއިރުއެވެ.
ފުލުހުން ވިދާޅުވީ، މި މާރާމާރީ ހިންގާފައި ވަނީ ދެ ބިދޭސީއެއްގެ މެދުގައި ކަމަށެވެ. އެއީ، އެ ކެފޭގައި ކައްކާ މީހެއްގެ ވަޒީފާ އަދާކުރާ ނޭޕާލަށް ނިސްބަތްވާ މީހަކާއި، ހެލްޕަރެއްގެ ގޮތުގައި މަސައްކަތް ކުރަމުންދާ ބަންގްލަދޭޝްއަށް ނިސްބަތްވާ ދެ މީހުންކަމަށް ފުލުހުން މަޢުލޫމާތުދެއެވެ. ފުލުހުން ވިދާޅުވީ، މި މާރާމާރީގައި ދެ ބިދޭސީންނަށް ވެސް އަނިޔާވެފައިވާ ކަމަށެވެ. އަދި، އެ ދެ މީހުންނަށް ވެސް އިންދިރާ ގާންދީ މެމޯރިއަލް ހޮސޕިޓަލުގައި ފަރުވާދެމުންދާ ކަމަށެވެ. މީގެ އިތުރުން، މި މައްސަލާގައި އަނިޔާވި ބަންގްލަދޭޝް އަށް ނިސްބަތްވާ މީހާގެ ޙާލު ސީރިއަސް ކަމަށް ވެއެވެ.
ބިދޭސީންގެ މެދުގައި ޢާންމު މަސްލަޙަތު ގެއްލޭކަހަލަ މިފަދަ މައްސަލަތައް ފަހަކަށް އައިސް ވަނީ ވަރަށް ޢާންމު ވެފައެވެ. އެހެންކަމުން، މިކަހަލަ މައްސަލަތައް މަދުކުރުމަށް ފުލުހުންގެ ޚިދުމަތާއި، މޯލްޑިވްސް އިމިގްރޭޝަނުން ގުޅިގެން އަންނަނީ އެކިއެކި މަސައްކަތްތައް ކުރަމުންނެވެ.
މި މައްސަލަ ހިނގިގޮތް އިތުރަށް ތަހުޤީޤު ކުރަމުންދާ ކަމަށް ފުލުހުން ވިދާޅުވިއެވެ.