ކޮލަމް
އިންސާނާގެ ދިރިއުޅުން ބައްޓަންވުމުގައި ރަޙްމަތްތެރިންގެ ނުފޫޒު
ރަޙްމަތްތެރިން/ ފޮޓޯ: އިންޓަރނެޓް
އިންސާނުންގެ އާންމު ދިރިއުޅުމުގައި އެމީހުން ވިސްނާ ވިސްނުމާއި، ސިކުނޑީގައި ދައުރުވާ ޚިޔާލުތަކާއި، ނިންމާ ބޮޑެތި ނިންމުންތަކަށް ބާރުފޯރުވުމުގައި އެންމެ އިސް ރޯލެއް އަދާކުރާނީ، އެމީހުންގެ ރަޙްމަތްތެރިންގެ ފުށުން ވާރުތަވެފައިވާ ޤަބޫލުކުރުންތަކެވެ. އަމިއްލަ އިޚްތިޔާރުގައި ނޫނަސް، ދިރިއުޅުމުގެ ނިންމުންތައް ނިންމުމާއި، އާންމު ދިރިއުޅުމުގެ ކަންތައްތަކާ ގުޅިގެން ކަށީގައި ހިފާ އާދަތަކާއި، ކެއިންބުއިމާއި، ހެލިފެލިވެއުޅުންފަދަ ކަންކަމަކީ، ރަޙްމަތްތެރިން އެ ކަންކަމަށް ދޭ ސަމާލުކަމުގެ މައްޗަށް ބިނާވާ ކަންކަމެވެ.
ކޮންމެ މުޖުތަމަޢެއްގައި ވެސް، އެ މުޖުތަމަޢެއްގައި އާދަވެފައިވާ، އެ މުޖުތަމަޢަކުން ބަލައިގަންނަ ޢަމަލުތަކާއި، ބަލައި ނުގަންނަ ކަންތައްތަކެއް ހުންނާނެއެވެ. މިފަދަ އާދަތަކަށް ސަމާލުކަންދީ، މުޖުތަމަޢު ބަލައިގަންނަ މީހަކަށްވުމަށް މަސައްކަތްކުރުމަކީ، ޠަބީޢީގޮތުން އިންސާނާގެ ކިބައިގައި ހަރުލާފައިވާކަމެކެވެ. ސޯޝަލް ސައިކޮލޮޖިސްޓެއްކަމަށްވާ އެމްބަރ ގަފްނީ، ރަޙްމަތްތެރިންގެ ފުށުން އިންސާނުންނަށް އަންނަ ބަދަލުތައް ދިރާސާކުރަށްވަމުން ވިދާޅުވެފައި ވަނީ، ބައިގަނޑެއްގެ ނުވަތަ މުޖުތަމަޢެއްގެ ގޮތުގައި މީހުން ދެނެގަނެ، ސުޕަވައިޒްކުރުމަކީ އެބައެއްގެ މެދުގައި އޮންނަންޖެހޭ އާދަތަކާއި އަގުކުރުންތައް ހިފެހެއްޓުމަށް ފަސޭހަވެގެންދާނެ ކަމެއްކަމަށެވެ. މިސާލަކަށް، ތިމާވެއްޓަށް ލިބެމުންދާ ބަދަލުތަކަށް އަހުލުވެރި، އެ ގެއްލުންތައް ކުޑަކުރުމަށް މަސައްކަތްކުރާ ރަޙްމަތްތެރިނާއެކު އުޅޭ މީހަކު، މަގުމައްޗަށް ކުނިއެޅުމާއި، ފަރުތަކަށް ގެއްލުނަވާނެހެން މޫދަށް ކުނިއެޅުންފަދަ ޢަމަލުތައްކުރުމާ ދުރުހެލިވާނެކަމަށް އޭނާ ބުނެފައިވެއެވެ.
ކަންކަމާ ކުރިމަތިލާއިރު، ދަރިވަރުންގެ ކިބައިގައި ހުންނަ ކެރުންތެރިކަމާއި، ބައިވެރިވާ ޙަރަކާތްތަކާމެދު ދަރިވަރުންގެ ޚިޔާލުހުންނަގޮތް ދެނެގަތުމަށް ހަމްބޮލްޓް ސްޓޭޓް ޔުނިވަރސިޓީ އިން ކޮށްފައިވާ ދިރާސާއަކުން ހާމަކުރާގޮތުގައި، އެކުދިންގެ ސިއްޙަތާއި، ތިމާވެއްޓާ ގުޅުންހުރި ޤަބޫލުކުރުންތަކައި، އެ ދަރިވަރުންގެ ރަޙްމަތެރިން ބައިވެރިވާ ހަރަކާތްތަކާ ވަނީ ގުޅިލާމެހިފައެވެ. ދަރިވަރުންގެ ތެރެއިން، އިރުގެ ދޯދިތަކުން ރައްކާތެރިވުމަށް އެއްވެސް މަސައްކަތެއް އާންމު ދިރިއުޅުމުގައި ނުކުރާ ދަރިވަރުން ވެސް، އެ ދޯދިތަކުން ސަލާމަތްވުމަށް މަސައްކަތްކުރާ ރަޙްމަތްތެރިންނާ ދިމާވުމަށްފަހު، ނުވަތަ އެ ރަޙްމަތަތެރިންނާއެކު އުޅޭއިރު، ކުޑަ ނުވަތަ ތޮފި އެޅުމާއި، ސަންސްކްރީން ބޭނުންކުރުންފަދަ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅާފައިވާކަން މި ދިރާސާއިން ހާމަކޮށްދެއެވެ.
އިރުގެ ދޯދިތަކުން ރައްކާތެރިވުމަށްވުރެ މާ ބޮޑަށް ތިމާގެ ދިރިއުޅުމަށް އަސަރުކުރާ ފަދަ ކަންކަމުގައި ވެސް ރަޙްމަތްތެރީންގެ އުސޫލުތަކާ ހަމަތަކާއި އާދަކާދައަށް ތަބާވުމަކީ އިންސާނުންގެ އާދައެކެވެ. ވޭޕުކުރުމާއި، ސިނގިރޭޓު ބުއިމާއި، މަސްތުވާތަކެތީގެ ވަބާގައިޖެހުމަށް މެދުވެރިވާ އެންމެ އާންމު ސަބަބަކީ އެފަދަ ރަޙްމަތްތެރިންނާއެކު ވަގުތުތައް ހޭދަކުރެވުމެވެ. ހަމައެހެންމެ، މާރާމާރީއާއި، ވައްކަމާއި، ފޭރުމާއި، ލޭ އޮހުރުވުމުގެ ކަށިކުނބުރު ޖަންގައްޔަށް ޤައުމުގެ ޒުވާނުން ހުށައެޅިގެންދާ މައި ދޮރާށްޓަކީ ވެސް، ދިރިއުޅުމުގެ އެކި ހިސާބުތަކުން އެކުދިންނާ ބައްދަލުވާ ތަފާތު ރަޙްމަތްތެރިންނެވެ. ތިމާގެ ސިއްޙަތަށާއި، މުޅި މުޖުތަމަޢުއަށް ގެއްލުންވާ އާދަތަކުގެ އިތުރުން، ކުށުގެ ވެއްޓަށް ޒުވާނުން ހުށައެޅިގެން ދަނީ ރަޙްމަތްތެރިން މެދުވެރިކޮށްކަމަށް ވީއިރު، ތިމާގެ ރަޙްމަތެރިންނަށް ނަޒަރު ހިންގާލާ، އެ ރަޙްމަތްތެރިން ތިމާގެ އުޅުންތަކާއި ގުޅުންތަކަށް ނެގެސްދީފައިވާ ބަދަލު ދެނެގަތުމަކީ ވަރަށް މުހިންމުކަމެކެވެ.
ކެއުމުގެ އަދަބުތަކުގައި ވެސް ރަޙްމަތްތެރިންނަކީ ބޮޑު ދައުރެއް ކުޅޭ ބައެއްކަން ގައިމެވެ. ދިރާސާތަކުން ދައްކާގޮތުގައި ގިނައިން ކާ މީހުންނާއެކުގައި ކެއުމަކީ، އާންމުކޮށް ކާ މިންވަރަށްވުރެ އިތުރަށް ކެއުމަށް އެހެންމީހުން ވެސް ހުށައެޅިގެންދާ ކަމެކެވެ. ސޯޝަލް އިންފްލުއެންސިންގެ ދަށުން އެންމެ ގިނަ ދިރާސާތައް ކުރެވިފައިވާ ދާއިރާއަކީ ކެއުމުގެ ދާއިރާއަށްވީއިރު، ބޮޑެތި ކެއުންތައް އާންމުކޮށް ކާ މީހުންގެ ރަޙްމަތްތެރީންގެ ކެއުންތައް ބޮޑެތިވުމާއި، ގިނައިން ލުއިކާނާ ކާ މީހުންނާއެކު އުޅޭއިރު ލުއިކާނާ ކެވޭ މިންވަރު އިތުރުވުމާއި، ސިއްޙަތަށް ފައިދާހުރި ކާނާ ކާންޖެހޭ މިންވަރު ދެނެގަނެ، ގަޑިންގަޑިއަށް ކާ މީހުންނާއެކު އުޅޭ ރަޙްމަތްތެރީންގެ ކެއުމަށް އައިސްފައިވާ ހެޔޮ ބަދަލުތައް ވެސް ގިނަ ދިރާސާތަކެއްގެ އަލީގައި ރެކޯޑުކުރެވިފައިވެއެވެ.
ރަޙްމަތްތެރިންނާއި، ވަޒީފާގެ މައިދާނުގައި ތިމާއާއެކު ހަރަކާތްތެރިވާ މީހުންނާއި، މުޖުމަޢުގައި އުޅޭ ފެނިދެނިވެ ބައްދަލުވާ އެންމެންނަކީ، ސީދާ ގޮތުންނާއި ނުސީދާގޮތުން ތިމާގެ އުޅުމާއި، ގުޅުމާއި، އަދަބާއި، އަޚްލާޤަށް، ޖިސްމާނީ ގޮތުންނާއި ނަފްސާނީގޮތުން ބާރުފޯރުވާ ބައެއްކަން ދެނެގަތުމަކީ، ގިނަގުނަ ފައިދާތަކެއް އެކަމަކުން ލިބިގެންދާނެކަމެކެވެ. އަހިވަކާ ޖެހި އަހިވަކެއް ފާވާ އުސޫލުން، ތިމާގެ ރަޙްމަތްތެރީންގެ ދިރިއުޅުމުގެ ވައްޓަފާޅިއަށް ތިމާ ހޭނިގެންދާދިޔުން އިހުސާސްކުރެވުމަކީ، ރަނގަޅު އެކުވެރިން ޚިޔާރުކޮށް، ދިރިއުޅުމުގެ ދުވަސްތައް ރައްކާތެރި، އަގުހުރި ވަގުތުތަކެއްގެ ގޮތުގައި ބޭނުންކުރެވުމަށް އެޅިގެންދާނެ އެންމެ މުހިންމު އެއް ފިޔަވަޅެވެ. އެހެންކަމުން، ރަނގަޅު ދިރިއުޅުމެއް އުޅުމަށް ހަމައެކަނި ނަފްސު ހިސާބުކޮށްލުމުން ނިންމާ ނުލާ، ތިމާގެ ރަޙްމަތްތެރީންގެ އުޅުން ހިސާބުކޮށްލާށެވެ. އަހިވަކެއްގައި ޖެހި ތިމާގެ ދިރިއުޅުން ފާވަމުން ދަނީ ރަނގަޅު މުސްތަޤުބަލަކަށްކަން ޔަޤީންކުރާށެވެ.