ކުޅިވަރު
ކޭންގެ ދެ ޕެނަލްޓީއާއެކު ބެޔާންއިން ލީޑު ފުޅާކޮށްފި

ގޯލު ޖެހުމަށްފަހު ހެރީ ކޭން އުފާފާޅުކުރަނީ---
ޖަރުމަން ބުންޑަސްލީގާގައި ހެރީ ކޭންގެ ދެ ޕެނަލްޓީއާއެކު 3-0 އިން ވާޑަރ ބްރޭމެން ބަލިކޮށް، ބެޔާން މިއުނިކުން ލީގުގެ އެއްވަނައިގައި އޮތް ލީޑު 9 ޕޮއިންޓަށް އިތުރުކޮށްފިއެވެ.
މިއުނިކްގެ އެލިއަންޒް އެރީނާގައި ކުޅުނު މި މެޗުގެ ފުރަތަމަ ހާފުގައި އެއްވެސް ޓީމަކަށް ގޯލެއް ކާމިޔާބު ކުރެވިފައެއް ނުވެއެވެ. ނަމަވެސް މުޅި މެޗުގައި ވެސް ބެޔާނުން ވަނީ މޮޅު ކުޅުމެއް ދައްކާފައެވެ.
ބެޔާންއިން މެޗުގައި ލީޑު ނެގީ އިދިކޮޅު ކުޅުންތެރިއެއްގެ އަތުގައި އެ ޓީމުގެ ޕެނަލްޓީ އޭރިޔާގެ ތެރެއިން ޖެހިގެން ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކުރި ގޯލަކުންނެވެ. ދެވަނަ ހާފުގެ 11 ވަނަ މިނެޓުގައި މި ގޯލު ކާމިޔާބު ކުރީ ކޭންއެވެ.
ބެޔާންއަށް ލީޑު ފުޅާކުރެވުނީ މެޗު ނިމެން 8 މިނެޓަށް ވެފައިވަނިކޮށެވެ. ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުތްތާ މިނެޓެއް ފަހުން އެ ގޯލު ކާމިޔާބުކުރީ ލެރޯއީ ސާނޭއެވެ.
ކޭންގެ ދެވަނަ ގޯލު ކާމިޔާބުކޮށްފައިވަނީ މެޗުގެ އިތުރު ވަގުތުގެ ހަތްވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުންނެވެ. މި ޕެނަލްޓީއަކީ ބްރޭމަންގެ ޖުންގް އޭރިޔާ ތެރެއިން މުސިއާލާއަށް ފައުލް ކުރުމާއި ގުޅިގެން އެ ޓީމަށް ލިބިފައިވާ ޕެނަލްޓީއެކެވެ.
މި މެޗުން ބެޔާން މިއުނިކް މޮޅުވުމާއިއެކު އެ ޓީމަށް ވަނީ ތާވަލުގެ އެއްވަނައިގައި 9 ޕޮއިންޓުގެ ލީޑެއް ލިބިފައެވެ. ބެޔާނަށް 21 މެޗުން 54 ޕޮއިންޓު ލިބިފައިވާއިރު ދެވަނައިގައި އޮތް ބެޔާ ލެވަކޫސަން އެއް މެޗު މަދުން ކުޅެގެން 20 މެޗުން ލިބިފައިވަނީ 45 ޕޮއިންޓެވެ. މި މެޗުން ބަލިވި ވާޑަރ ބްރޭމަންއަށް 21 މެޗުން ލިބިފައިވާ 30 ޕޮއިންޓާއެކު އެ ޓީމު އޮތީ 8 ވަނައިގައެވެ.