ޚަބަރު
އެކި ދާއިރާތަކުން ސްޓެލްކޯގެ މުވައްޒަފުން ތަމްރީނުކުރުމަށް ސިވެކް އާއިއެކު ފަހުމުނާމާއެއްގައި ސޮއިކޮށްފި

ސްޓެލްކޯއާއި ސިވެކް ގުޅިގެން ތަމްރީނު ޕްރޮގްރާމުތައް ހިންގުމަށް ފަހުމަނާމާގައި ސޮއިކުރުން/ފޮޓޯ: ސްޓެލްކޯ
ހުލާސާ
މިހާރުވެސް އެ ކުންފުނީގެ 668 މުވައްޒަފުން ވަނީ އެމްއެންޑީއެފްގެ އެހީގައި ކުރިއަށް ގެންދާ ޕްރޮގްރާމެއް ފުރިހަމަކޮށްފައި
އެކި ދާއިރާތަކުން ސްޓެލްކޯގެ މުވައްޒަފުން ތަމްރީނުކުރުމަށް ސިފައިންގެ ވެލްފެއާ ކުންފުނި، ސިވެކް އާއިއެކު ފަހުމަނާމާއެއްގައި ސޮއިކޮށްފިއެވެ.
ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ، ސްޓެލްކޯގެ ފަރާތުން މި ފަހުމުނާމާގައި ސޮއި ކުރެއްވީ، ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ޙުސައިން ފަހުމީ އެވެ. އަދި، ސިވެކްގެ ފަރާތުން މި ފަހުމުނާމާގައި ސޮއިކުރެއްވީ، ސިވެކްގެ މެނޭޖިންގ ޑިރެކްޓަރ ކާނަލް އަޙުމަދު ޒުބައިރު އެވެ.
މި ފަހުމުނާމާގެ ދަށުން ސިފައިންގެ އެހީގައި ސްޓެލްކޯގެ މުވައްޒަފުންނަށް އެކިއެކި ދާއިރާތަކުން ޕްރޮގްރާމްތައް ހިންގުމަށް ވަނީ ހަމަޖެހިފަ އެވެ. އޭގެ ތެރޭގައި، ބޭސިކް ފަސްޓް އެއިޑް، ފަޔަރ އެވެއާނެސް، އިންޑަސްޓްރިއަލް ފަޔަރ ބްރިގޭޑް ކޯސް، ސެކިއުރިޓީ އޮފިސަރުންގެ ޓްރެއިނިންގ، ސުވިމިންގް އެންޑް ރެސްކިއު، އަދި ލައިފް ކޯޗިންގ ހިމެނެއެވެ. މީގެ އިތުރުން، ފަޔަރ އެވެކުއޭޝަން ޑްރިލް ބޭއްވުމަށް އެހީވުމާއި، އިންޖީނުގެތަކުގައި ޤާއިމްކޮށްފައިވާ އަލިފާން ނިއްވާ ނިޒާމު ބެލެހެއްޓުމުގައި ފަންނީ އެހީތެރިކަން ފޯރުކޮށްދިނުންވެސް މި ފަހުމުނާމާގައި ހިމަނާފައިވާ ކަމަށް ސްޓެލްކޯ އިން ވިދާޅުވެއެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ޙުސައިން ފަހުމީ ވިދާޅުވީ، މި ޕްރޮގްރާމަކީ ސްޓެލްކޯގެ ހުރިހާ މުވައްޒަފުންނަށް ވެސް އެކި ގޮތްގޮތުން ފައިދާ ކުރާނެ ޕްރޮގްރާމެއް ކަމަށެވެ. އެގޮތުން، މަސައްކަތުގެ މާޙައުލުގައާއި، އަމިއްލަ ޢާއިލީ ދިރިއުޅުމުގެ އިތުރުން، ޤައުމަށް ޚިދުމަތްކޮށްދިނުމުގައި ވެސް، މި ޕްރޮގްރާމުގެ ދަށުން ފައިދާ ކުރައްވާނެ ކަމަށް އެމްޑީ ވިދާޅުވިއެވެ. މީގެ އިތުރުން ސްޓެލްކޯގެ އެމްޑީ ވިދާޅުވީ، ފާއިތުވެ ދިޔަ ދުވަސްތަކުގައި އެ ކުންފުނީގެ މުވައްޒަފުންގެ ފަރާތުން ފާހަގަކޮށްލެވޭ ފަދަ ރެސްކިއު އޮޕަރޭޝަންތަކެއް ހިންގާފައިވާ ކަމަށެވެ.
ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ، ސްޓެލްކޯ ގެ މެނޭޖިންގ ޑިރެކްޓަރ ޙުސައިން ފަހުމީ ވިދާޅުވީ، ރައްޔިތުންގެ ތެރެއިން މޫދަށް ވެއްޓުނު މީހަކު ވެސް ސްޓެލްކޯގެ މުވައްޒަފަކު ސަލާމަތްކޮށްފައިވާ ކަމަށެވެ. ހަމަ އެހެންމެ، ސްޓެލްކޯގެ ޕްރޮޕަޓީތަކުން ވައްކަންކުރަން ވަތް ކިތަންމެ މީހަކުވެސް އެ ކުންފުނީގެ މުވައްޒަފުން ހުއްޓާފައިވާ ކަން އެމްޑީ ވަނީ ފާހަގަކުރައްވާފަ އެވެ. އެހެންކަމުން، މި ފަރާތްތަކީ އެއްވެސް ކަހަލަ ޓްރޭނިންގ އެއް ހަދާފައިވާ ފަރާތްތަކެއްތޯ އެ ކުންފުނިން ބަލާފައިވާކަން އެމްޑީ ފާހަގަ ކުރެއްވި އެވެ. އެމްޑީ ވިދާޅުވީ، އެ ކުންފުނިން ބެލި ބެލުމުން ހާމަވިގޮތުގައި މި ފަރާތްތަކަކީ، މީގެ ކުރިން އެމްއެންޑީއެފުން ހިންގާފައިވާ ލީޑަރޝިޕް ޓްރެއިނިންގެ ޕްރޮގްރާމްތަކުގައި ބައިވެރިވެފައިވާ މުވައްޒަފުންނެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ސްޓެލްކޯގެ ހިއުމަން ރިސޯސަސް އެންޑް ޓްރެއިނިންގ ޑިޕާޓްމަންޓްގެ ޖެނެރަލް މެނޭޖަރ ޙުސައިން ފަރުހާދު ވިދާޅުވީ، އެ ކުންފުނީގެ އަމާޒަކީ ކުންފުނީގައި އިޚްލާސްތެރި، ވަފާތެރި، ބުރަކޮށް މަސައްކަތްކުރާ، ހިތްވަރާއި އަޒުމާއެކު، އެކުވެރިކަމާއެކު، އެ ކުންފުނީގެ ތަޞައްވުރާ، މުހިންމަތާ، އަދި ކުންފުނީގާ ރާވާލެވޭ ސްޓެރެޓެޖިކް އޮބްޖެކްޓިވްސްތައް އެޗީވް ކުރާނެ ވަރުގަދަ ޓީމެއް ޤާއިމްކުރުން ކަމަށެވެ. ހަމަ އެހެންމެ، މި ކަންކަން އެމްޑީގެ އިސްނެންގެވުމުގެ ދަށުން ކުރިއަށް ގެންދެވޭނެ ކަމަށް ޙުސައިން ފަރުހާދު ވިދާޅުވި އެވެ.
ސްޓެލްކޯ އިން ވިދާޅުވީ، އެ ކުންފުނީގެ އަމާޒަކީ މިއަހަރު ނިމުމުގެ ކުރިން ސްޓެލްކޯގެ ހުރިހާ މުވައްޒަފުން މި ޕްރޮގްރާމް ފުރިހަމަ ކުރުން ކަމަށެވެ. އަދި، މިހާރުވެސް އެ ކުންފުނީގެ 668 މުވައްޒަފުން އެމްއެންޑީއެފްގެ އެހީގައި ކުރިއަށްދާ ލީޑަރޝިޕް އެންހޭންސްމަންޓް ޕްރޮގްރާމް ފުރިހަމަކޮށްފައިވާ ކަމަށް ސްޓެލްކޯ އިން ވިދާޅުވިއެވެ.