Ads by Exprox

ޚަބަރު

އެމްއެމްއޭގެ ބޭރު ފައިސާއާބެހޭ އާންމު ޤަވާއިދަށް ޚިޔާލު ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފި

އެމްއެމްއޭގެ ބޭރު ފައިސާއާބެހޭ އާންމު ޤަވާއިދަށް ޚިޔާލު ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފި

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ ފޮޓޯ:އަވަސް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

20 ފެބްރުއަރީ 2025، 04:20

20 ފެބްރުއަރީ 2025، 04:20

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން މިހާރު އެކުލަވާލާފައިވާ ބޭރު ފައިސާއާބެހޭ އާންމު ޤަވާއިދަށް އާންމުންގެ ޚިޔާލު ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.

އެމްއެމްއޭއިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވާ ގޮތުގައި، ބޭރު ފައިސާއާބެހޭ ޤާނޫނުގެ 24 ވަނަ މާއްދާގެ ދަށުން ޤަވާއިދުތައް ހެދުމާއި ތަންފީޒުކުރުމަކީ އެމްއެމްއޭގެ ޒިންމާއެކެވެ. އެހެންކަމުން، އެމްއެމްއޭއިން ބޭރު ފައިސާއާބެހޭ އާންމު ޤަވާއިދެއް އެކުލަވާލުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް އެ އޮތޯރިޓީން ވަނީ ހާމަކޮށްފައެވެ.

މި ޤަވާއިދުގެ މައިގަނޑު މަޤްޞަދުތަކުގެ ތެރޭގައި ބޭރު ފައިސާއިން ކުރެވޭ މުޢާމަލާތްތައް ކަނޑައެޅުމާއި، ވިޔަފާރިތަކަށް ބޭރު ފައިސާއިން ލިބޭ އާމްދަނީ ބޭންކްތަކަށް ޖަމާކުރުމާއި މާރުކުރުން ހިމެނެއެވެ. މީގެ އިތުރުން، ޤާނޫނާ ޚިލާފުވާ ފަރާތްތަކުގެ މައްސަލަ ބަލައި ފިޔަވަޅު އެޅުމާއި، މިކަންކަމާ ގުޅުންހުރި އެހެނިހެން ކަންކަމާބެހޭ އުޞޫލުތަކާއި އިޖުރާއަތުތައް ކަނޑައެޅުން ހިމެނޭކަމަށް އެމްއެމްއޭއިން ބުނެފައިވެއެވެ.

އާންމުންގެ ފަރާތުން މި ޤަވާއިދަށް އެއްވެސް ޚިޔާލެއް އޮތްނަމަ، 23 ފެބްރުއަރީ 2024 ވާ އާދީއްތަ ދުވަހުގެ 13:00 ގެ ކުރިން foreignexchange@mma.gov.mv އަށް މެއިލް ކުރުމަށް އެމްއެމްއޭއިން އެދިފައިވެއެވެ.

އެމްއެމްއޭއިން ފާހަގަކޮށްފައިވާ ގޮތުގައި، މި އައު ޤަވާއިދަކީ 1987 އިން ފެށިގެން ޢަމަލުކުރަމުން އައި ޤަވާއިދުގެ ބަދަލުގައި ޢަމަލުކުރަން ފަށާ އައު ޤަވާއިދެކެވެ. މީގެ މައިގަނޑު މަޤްޞަދަކީ ބޭރުފައިސާ ގަނެވިއްކުމުގެ ވިޔަފާރި ބެލެހެއްޓުން މިހާރަށްވުރެ ހަރުދަނާކޮށް، އެ ވިޔަފާރި ހިންގުމުގައި ޒަމާނީ އުސޫލުތަކެއް ކަނޑައެޅުމެވެ.

މި ޤަވާއިދަށް އާންމުންގެ ޚިޔާލު ހޯދުމަކީ ދިވެހިރާއްޖޭގެ އިޤްތިޞާދަށް ވަރަށް މުހިންމު ކަމެއްކަމަށް އެމްއެމްއޭއިން ބުނެފައިވެއެވެ. އަދި މި ފުރުޞަތުގެ ބޭނުން ހިފައި، ގިނަ ފަރާތްތަކުން ޚިޔާލު ހުށަހަޅާނެ ކަމަށް އެ އޮތޯރިޓީން އުންމީދުކުރާ ކަމަށްވެސް ބުނެފައިވެއެވެ.
                    

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު

450

Ads by MSS