ޚަބަރު
އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ކުރިއަށް ގެންދާ ނޫރުލް އަޛާން ބަންގި މުބާރަތް މިރޭ ފަށަނީ

ބަންގި ގޮވުން|ފޮޓޯ: އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާ
ހުލާސާ
މި މުބާރާތުގައި 1 ވަނަ، 2 ވަނަ، އަދި 3 ވަނަ ހޮވުމަށް ވަނީ ހަމަޖެހިފައި
އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ކުރިއަށް ގެންދާ ނޫރުލް އަޛާން ބަންގި މުބާރާތުގެ ފުރަތަމަ ބުރު މިރޭ ފެށުމަށް ތައްޔާރުވެއްޖެ އެވެ.
އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވިދާޅުވީ، މި މުބާރާތުގެ ފުރަތަމަ ބުރަށް ބައިވެރިން ހޮވާފައިވަނީ އެކަމަށް ޚާއްޞަކޮށް ބޭއްވި އޮޑިޝަނަކުން ކަމަށެވެ. އަދި މި އޮޑިޝަނުގައި 20 ބައިވެރިން ވާދަކޮށް، އޭގެތެރެއިން ފުރޭނިގެން ފުރަމަ ބުރާއި ހަމައަށް ދަތުރުކޮށްފައިވަނީ 10 ބައިވެރިންނެވެ.
މި މުބާރާތުގައި، ފައިނަލް ބުރަށް ދަތުރުކުރާނީ މުބާރާތުގެ ފުރަތަމަ ބުރުން އެންމެ މަތިން މާކްސް ހޯދާ 6 ބައިވެރިންނެވެ. އަދި މި 6 ބައިވެރިންގެ ތެރެއިން 1 ވަނަ، 2 ވަނަ، އަދި 3 ވަނަ ހޮވުމަށް ހަމަޖެހިފައިވާކަމަށާއި ވަނަތަކަށް އަންނަ ބައިވެރިންނަށް އިނާމު ދިނުމަށް ހަމަޖެހިފައިވާ ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.
މި މުބާރާތުގެ އެންމެ ބޮޑު އެއް މަޤްސަދަކީ، ރީތި ރާޤުތަކަށް ޞައްޙަ މަގުން ހުނަރުވެރިކަމާއެކު ބަންގިދޭ ޒުވާނުންތަކެއް އުފެއްދުންކަމަށް އެ ވުޒާރާއިން ވިދާޅުވިއެވެ. ހަމަ އެހެންމެ، ޒުވާނުންނާއި ކުދިބޮޑު އެންމެންގެ ހިތްތަކުގައި އިސްލާމީ ރިވެތި ކަންކަމަށް ޝައުޤުވެރިކަން އުފެއްދުމާއި ޤައުމުގެ އިސްލާމީ ޝަޚްސިއްޔަތު ވަރުގަދަކުރުމަކީ މި މުބާރާތުގެ މުހިންމު މަޤްސަދެކެވެ.
މީގެ އިތުރުން އެ ވުޒާރާއިން ވިދާޅުވީ، މި މުބާރާތުގެ ސަބަބުން ރީތިކޮށް ބަންގިދޭ ޒުވާނުންގެ ޕޫލެއް އެކުލަވާލުމަށް ފަސޭހަވެ، މި ފަންނުގެ ރޫޙު ކުރިއެރުވުމަށް ފަސޭހަވެގެންދާނެ ކަމަށެވެ. އަދި މިއީ ދާއިރާއެއްގެ ގޮތުގައި ފާހަގަކޮށް، މުޅި ރާއްޖޭގައި އިސްލާމީ ސަޚުސިއްޔަތު ވަރުގަދަވެގެންދާނެ ކަމަށް އެ ވުޒާރާއިން ވިދާޅުވެއެވެ.
މި މުބާރާތުގެ ވަނަ ވަނައަށް އަންނަ ބައިވެރިންނަށް މިއަހަރުގެ ރަމަޟާން މަހު މާލޭގެ ބޮޑެތި މިސްކިތްތަކުގައި ހުކުރު ނަމާދުގެ ބަންގި ގޮވުމުގެ ފުރުސަތު ދިނުމަށް ހަމަޖެހިފައިވާކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވިދާޅުވިއެވެ.