Ads by Exprox

ޚަބަރު

ރަމަޟާން މަހުގެ ކަރަންޓު ބިލުން މަދުވެގެން %10 ޑިސްކައުންޓު ލިބޭނެ - ސްޓެލްކޯ

ރަމަޟާން މަހުގެ ކަރަންޓު ބިލުން މަދުވެގެން %10 ޑިސްކައުންޓު ލިބޭނެ - ސްޓެލްކޯ

ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

26 ފެބްރުއަރީ 2025، 02:53

26 ފެބްރުއަރީ 2025، 02:53

މިއަހަރުގެ ރަމަޟާން މަހުގެ ކަރަންޓު ބިލުން ކޮންމެ ގޭބީސީއަކަށް މަދުވެގެން 10 އިންސައްތައާ ހަމައަށް ޑިސްކައުންޓު ލިބޭނެ ކަމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އިން ބުދަ ދުވަހު ވަނީ އިޢުލާނުކޮށްފައެވެ.

ސްޓެލްކޯއިން މި މަޢުލޫމާތު ހާމަކުރީ ރަމަޟާން މަހަށް ވަމުންދާ ތައްޔާރީތަކާއި ބިލުތަކަށް ޑިސްކައުންޓު ދިނުމުގައި ޢަމަލުކުރާނެ ގޮތުގެ މަޢުލޫމާތު ނޫސްވެރިންނާ ހިއްސާކުރުމަށް ބޭއްވި ބައްދަލުވުމެއްގައެވެ. މި ބައްދަލުވުމުގައި ސްޓެލްކޯއިން ވިދާޅުވީ، މިދިޔަ އަހަރެކޭ އެއްގޮތަށް މި އަހަރުވެސް ޑިސްކައުންޓު ދޭނީ ފާއިތުވި އެއް އަހަރު ދުވަހު ކަރަންޓު ބޭނުންކޮށްފައިވާ އެވްރެޖަށް ބަލައި، އިތުރުވާ ބަޔަށް ކަމަށެވެ.

ކުރިއަށް އޮތް ރަމަޟާން މަހުވެސް ކަރަންޓު ބިލާއި ފެން ބިލުން ޑިސްކައުންޓް ދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިޢުލާނުކުރެއްވީ މި މަހުގެ 23 ވަނަ ދުވަހު ދ. ކުޑަހުވަދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.

ސްޓެލްކޯއިން ވިދާޅުވީ، މިދިޔަ ރަމަޟާން މަހު ދިމާވި އެންމެ ބޮޑު އެއް ދަތިކަމަކީ ރަމަޟާން މަހުގެ ޑިސްކައުންޓު ދެ މަހެއްގެ ބިލުގައި ހިމަނަން ޖެހުން ކަމަށެވެ. އެހެންކަމުން، މި މައްސަލަ ހައްލުކުރުމަށްޓަކައި މި އަހަރު ރަމަޟާން މަހަށް ތައްޔާރުކުރާނީ އެއް ބިލް ކަމަށް އެ ކުންފުނިން ހާމަކުރިއެވެ.

ރަމަޟާން މަހުގެ ބިލް ތައްޔާރުކުރުމަށްޓަކައި ބުރާސްފަތި ދުވަހުން ފެށިގެން ސްޓެލްކޯގެ ޓީމުތައް ހަރަކާތްތެރިވާނެ ކަމަށް އެ ކުންފުނިން ބުންޏެވެ. ބުރާސްފަތި ދުވަހު ރީޑިންގ ނެގުމަށްފަހު ދެން ރީޑިންގ ނަގާނީ ރަމަޟާން މަސް ނިމުމުން  މާރިޗު މަހުގެ 30 ވަނަ ދުވަހުއެވެ. އަދި އެއް ދުވަހުން ރާއްޖޭގެ ހުރިހާ ސަރަޙައްދެއްގައި ރީޑިންގ ނަގައި ނިންމާލާނެ ކަމަށް ސްޓެލްކޯއިން ވިދާޅުވިއެވެ.

ބުރާސްފަތި ދުވަހު މާލެ ސަރަޙައްދުގައި ކަރަންޓު މީޓަރުގެ ރީޑިންގ ނެގުމަށްޓަކައި ސްޓެލްކޯގެ 350 މުވައްޒަފުން ހަރަކާތްތެރިވާނެ ކަމަށް އެ ކުންފުނިން ހާމަކުރިއެވެ. އަދި މި މަސައްކަތުގައި ހުރިހާ ރައްޔިތުންގެ އެއްބާރުލުން ބޭނުންވާ ކަމަށް ސްޓެލްކޯއިން އެދިވަޑައިގަތެވެ.

މިދިޔަ ރަމަޟާން މަހު ސަރުކާރުން ވަނީ ފެން ބިލާއި ކަރަންޓު ބިލުތަކަށް 142 މިލިއަން ރުފިޔާގެ ޑިސްކައުންޓެއް ދެއްވާފައެވެ. މިއީ ރަމަޟާން މަހެއްގައި މިގޮތަށް ހުރިހާ ރައްޔިތުންނަށް ބިލުތަކުން ޑިސްކައުންޓު ދިން ފުރަތަމަ ފަހަރެވެ.

ސްޓެލްކޯއިން ވިދާޅުވީ، އެ ކުންފުނިން ބޭނުންވަނީ ރަމަޟާން މަހުގެ ކަރަންޓު ޑިސްކައުންޓު ހުރިހާ ގޭބީސީތަކަށްވެސް ލިބުން ކަމަށެވެ. އެހެންކަމުން، ގޭގައި ގިނަ ވަގުތު ނޫޅޭ ފަރާތްތަކުންވެސް ގޭގައި މީހަކު ހުރެ، ސްޓެލްކޯގެ މުވައްޒަފުންނަށް މީޓަރު ރީޑިންގ ނެގުމަށް ފުރުޞަތު ދިނުމަށް އެދިވަޑައިގަތެވެ.

ރޯދަ މަހު ބޭނުންކުރާ ފެނާއި ކަރަންޓަށް އާންމު މަސްތަކަށްވުރެ ބިލު ބޮޑުނުވާނެހެން ބިލަށް ޑިސްކައުންޓު ދިނުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިދިޔަ ރޯދަ މަހު ނިންމެވިއެވެ. މި ނިންމެވުމާ އެއްގޮތަށް، މި އަހަރުވެސް ރަމަޟާން މަހުގެ ކަރަންޓު ބިލުން ޑިސްކައުންޓު ދިނުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ.

ސްޓެލްކޯއިން އިތުރަށް ވިދާޅުވީ، ރަމަޟާން މަހުގެ ބިލު ތައްޔާރުކުރުމުގައި ވީހާވެސް އަވަހަކަށް މަސައްކަތް ނިންމުމަށް މަސައްކަތްކުރާނެ ކަމަށެވެ. އަދި ބިލުތައް ތައްޔާރުވުމުން ވީ އެންމެ އަވަހަކަށް ރައްޔިތުންނަށް ފޯރުކޮށްދޭނެ ކަމަށްވެސް އެ ކުންފުނިން ހާމަކުރިއެވެ.


                    


                    

މި ލިޔުން ކިޔާލުމުން

Ads by Stelco