ޚަބަރު / ވިޔަފާރި
ރަމަޟާން މަހުގެ ކަރަންޓް ޑިސްކައުންޓް: މިއަހަރު ދޭނީ އެއް ބިލަކުން

ސްޓެލްކޯ ކަރަންޓު ބިލެއް ފޮޓޯ:ސަން އޮންލައިން
ސްޓެލްކޯއިން މިއަދު ހާމަކުރި ގޮތުގައި މިއަހަރުގެ ރަމަޟާން މަހުގެ ކަރަންޓް ޑިސްކައުންޓް ދޭނީ އެއް ބިލަކުންނެވެ. މިކަން މިގޮތަށް ހަމަޖެއްސީ މިދިޔަ އަހަރު ދެ މަހުގެ ބިލުގައި ޑިސްކައުންޓް ހިމެނުމުން ދިމާވި ދަތިތަކަށް ހައްލެއް ހޯދުމުގެ ގޮތުންނެވެ.
ސްޓެލްކޯއިން ބުނީ މާދަމާއިން ފެށިގެން ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި ކަރަންޓް މީޓަރުގެ ރީޑިންގ ނެގުމުގެ މަސައްކަތް ފަށާނެ ކަމަށެވެ. މާލެ ސަރަހައްދުގައި މި މަސައްކަތުގައި 350 މުވައްޒަފުން ބައިވެރިވާނެ ކަމަށް އެ ކުންފުނިން ހާމަކުރިއެވެ. ރީޑިންގ ނެގުމަށްފަހު ދެން ރީޑިންގ ނަގާނީ ރަމަޟާން މަސް ނިމުމުން، މާރޗް މަހުގެ 30 ވަނަ ދުވަހުއެވެ.
ސްޓެލްކޯއިން އިތުރަށް ބުނީ ރަމަޟާން މަހުގެ ކަރަންޓް ޑިސްކައުންޓް ހުރިހާ ގޭބީސީތަކަށް ލިބޭނެ ކަމަށެވެ. ޑިސްކައުންޓް ދިނުމުގައި އަމަލުކުރާނީ މިދިޔަ އަހަރެކޭވެސް އެއްގޮތަށް ކަމަށާއި، ހުރިހާ ގޭބީސީއަކަށްވެސް އެންމެ މަދުވެގެން 10 ޕަސެންޓް ޑިސްކައުންޓް ލިބޭނެ ކަމަށް އެ ކުންފުނިން ހާމަކުރިއެވެ. ޑިސްކައުންޓް ދޭނީ ފާއިތުވި އެއް އަހަރު ދުވަހު ކަރަންޓު ބޭނުންކޮށްފައިވާ އެވްރެޖަށް ބަލައި އިތުރުވާ ބަޔަށެވެ.
މިދިޔަ އަހަރު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމެވީ ރޯދަ މަހު ބޭނުންކުރާ ފެނާއި ކަރަންޓަށް އާންމު މަސްތަކަށްވުރެ ބިލް ބޮޑުނުވާނެހެން ބިލަށް ޑިސްކައުންޓް ދިނުމަށެވެ. މިއީ ރަމަޟާން މަހެއްގައި މިގޮތަށް ހުރިހާ ރައްޔިތުންނަށް ބިލުތަކުން ޑިސްކައުންޓް ދިން ފުރަތަމަ ފަހަރެވެ. މިދިޔަ ރަމަޟާން މަހު ސަރުކާރުން ވަނީ ފެން ބިލާއި ކަރަންޓް ބިލުތަކަށް 142 މިލިއަން ރުފިޔާގެ ޑިސްކައުންޓެއް ދީފައެވެ.
ސްޓެލްކޯއިން ރައްޔިތުންނަށް ގޮވާލާފައިވަނީ ރީޑިންގ ނެގުމުގައި އެއްބާރުލުން ދިނުމަށެވެ. ގޭގައި ގިނަ ވަގުތު ނޫޅޭ ފަރާތްތަކުން ގޭގައި އުޅޭނެ ވަގުތު ސްޓެލްކޯއަށް އަންގާލުމުން އެ ކުންފުނިން އެ ވަގުތުގައި ރީޑިންގ ނަގަން ދާނެ ކަމަށް ބުނެފައިވެއެވެ.