ވިޔަފާރި
ރީ-އެކްސްޕޯޓުކޮށްގެން މި އަހަރު ލިބުނު އާމްދަނީ ތިންސަތޭކަ މިލިއަން ޑޮލަރުން މައްޗަށް
ބްރިޓިޝް އެއަރވޭސްގެ ފްލައިޓަކަށް ކާގޯ ލޯޑު ކުރަނީ / ފޮޓޯ: އެމްއޭސީއެލް
ރާއްޖެއިން މުދާ ރީ-އެކްސްޕޯޓުކޮށްގެން މި އަހަރުގެ މިހާތަނަށް ލިބުނު އާމްދަނީ 300 މިލިއަން ޑޮލަރަށްވުރެ މައްޗަށް އަރައިފިއެވެ.
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ކޮންމެ މަހަކު އެއްފަހަރު ނެރޭ ތަފާސްހިސާބުތަކުގެ ރިޕޯޓުން ދައްކާގޮތުގައި، މި އަހަރުގެ މިހާތަނަށް ރީ-އެކްސްޕޯޓްކޮށްގެން ރާއްޖެއަށް ވަނީ 319 މިލިޔަން ޑޮލަރު ލިބިފައެވެ. މިއީ ވޭތުވެދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު ފާހަގަކޮށްލެވޭ ބޮޑު ކުރިއެރުމެކެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ރީ-އެކްސްޕޯޓުން ލިބިފައިވަނީ 299 މިލިޔަން ޑޮލަރެވެ. އެހެންކަމުން މިއީ %6.8 ގެ އިތުރުވުމެކެވެ.
ރީ-އެކްސްޕޯޓަކީ ބޭރުގެ އެހެން ޤައުމުތަކުން ރާއްޖެއަށް އެތެރެކުރާ މުދާ، ރާއްޖެ މެދުވެރިކޮށް އަލުން އެހެން ޤައުމުތަކަށް ބޭރުކުރުމެވެ. މި ދާއިރާއިން ލިބޭ އާމްދަނީ ބޮޑުތަނުން އިތުރުވެގެން ދިޔުމުގެ މައިގަނޑު ސަބަބަކީ، ރާއްޖޭގައި އަލަށް ފެށި "ސީ-ޓު-އެއަރ" ކާގޯގެ ޚިދުމަތް ކަމަށް ތަފާސްހިސާބުތަކުން އެނގެއެވެ.
ސީ-ޓު-އެއަރ ކާގޯގެ ޚިދުމަތަކީ ކަނޑުމަގުން ރާއްޖެއަށް ގެންނަ މުދާ، ޓްރާންސިޓުކޮށް ވައިގެ މަގުން ދުނިޔޭގެ އެކި މަންޒިލްތަކަށް އަވަހަށް ފޮނުވައިދިނުމުގެ ފުރުޞަތު ފަހިކޮށްދޭ ޚިދުމަތެކެވެ. މި ޚިދުމަތް ރާއްޖޭގައި ރަސްމީކޮށް ފަށާފައިވަނީ 2024 ވަނަ އަހަރުގެ މޭމަހުގެ ތެރޭގައެވެ.
މި ޚިދުމަތް ފެށިތާ ކުރު މުއްދަތެއްގެ ތެރޭގައި ބޮޑު ތަރުޙީބެއް ލިބިފައިވާއިރު، މިހާތަނަށް 17 އަށްވުރެ ގިނަ ބައިނަލްއަޤްވާމީ އެއާލައިނުން މި ޚިދުމަތާ ގުޅިފައިވާކަން ފާހަގަކޮށްލެވެއެވެ. އަދި މި ވިޔަފާރި ފުޅާވަމުން އަންނަކަން ހާމަވާ އެއް ހެއްކަކީ، ވޭތުވެދިޔަ ޖުލައި މަހު އެކަނިވެސް ސީ-ޓު-އެއަރ ކާގޯ މެދުވެރިކޮށް ރާއްޖެއިން ބޭރަށް 633 ޓަނުގެ މުދާ ފޮނުވާފައި ވުމެވެ.
މިފަދަ ޚިދުމަތްތަކާއެކު ރާއްޖޭގެ އިޤްތިޞާދު ފުޅާވެ، ބޭރު ފައިސާ ލިބޭނެ އިތުރު ދޮރުތައް ހުޅުވިގެންދިއުމަކީ ރާއްޖޭގެ އިޤްތިޞާދަށް ލިބޭ ބޮޑު ކުރިއެރުމެއްގެ ގޮތުގައި އިޤްތިޞާދީ މާހިރުން ދެކެއެވެ.