ޚަބަރު
ފްލެޓް ނުލިބޭ ފަރާތްތަކުން ޝަކުވާ ހުށައަޅަން 1 މަސް ދުވަހުގެ މުއްދަތެއް!

ހުޅުމާލޭގަިއ ހަދަމުންދާ ފްލެޓްތަކެއް/ފޮޓޯ: ކޯޕަރޭޓް މޯލްޑިވްސް
ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓް ނުލިބޭ ފަރާތްތަކުން، އެކަމާއި ގުޅޭގޮތުން ޝަކުވާ ހުށައެޅުމަށް އެއް މަސް ދުވަހުގެ މުއްދަތެއް ދީފައިވާކަމަށް އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބު ވިދާޅުވެއްޖެ އެވެ.
ވަޒީރު މިފަދައިން ވިދާޅުވީ، ކުރީ ސަރުކާރުން ޢާންމުކުރި 4000 ފްލެޓު ލިބޭ މީހުންގެ ލިސްޓު އާންމުކުރުމުގެ ކުރިން އެ ވުޒާރާއިން ބޭއްވި ޕްރެސް ކޮންފަރެންސްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބު ވިދާޅުވީ، ފްލެޓް ލިބޭ ފަރާތްތަކުގެ ލިސްޓް ޢާންމުކުރުމާއި އެކީ، ފްލެޓް ނުލިބޭ ފަރާތްތަކަށް އެކަމާއި މެދު ޝަކުވާ ހުށައެޅުމަށް އެއް މަސް ދުވަހުގެ މުއްދަތެއް ލިބޭނެ ކަމަށެވެ. އެގޮތުން، މި ލިސްޓުން އުނިވި ފަރާތްތަކުން ޝަކުވާ ހުށައަޅަން ޖެހޭނީ ޕޯޓަލް މެދުވެރިކޮށް ކަމަށް ވަޒީރު މުއްޠަލިބު ވަނީ ވިދާޅުވެފަ އެވެ. މީގެ އިތުރުން، ލިސްޓުގައި ހިމެނޭ ފަރާތަކާއި މެދު ޢާންމު ފަރާތަކުން ޝަކުވާ ހުށައަޅަން ބޭނުންވާނަމަ، އެކަމަށް އެދި އީ-މެއިލް އެއް ނުވަތަ ސިޓީއެއް އެ ވުޒާރާއަށް ފޮނުއްވުމަށް ވަޒީރު ވަނީ އެދިވަޑައިގެންފައެވެ.
ވަޒީރު ވިދާޅުވީ، ފްލެޓްތަކާއި ގުޅޭ ފޯމުތަކުގެ ވެރިފިކޭޝަން މަރުޙަލާ ކުރިއަށްދިޔައީ ޕޯޓަލްގެ ތެރެއިންކަމަށާއި، ޕޯޓަލްއިން ހުށައަޅާފައިވާ އެއްވެސް ފޯމަކަށް ނުވަތަ ލިޔެކިޔުމަކަށް ބަދަލުގެނައުމުގެ ފުރުޞަތު އެއްވެސް މީހަކަށް ލިބިފައިނުވާ ކަމަށެވެ.