ޚަބަރު
އެމެރިކާގެ ރަސްމީ ބަހަކީ އިނގިރޭސި ބަސް ކަމުގައި ހަމަޖައްސައިފި

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް/ފޮޓޯ: ދަ އޮނިއަން
އެމެރިކާގެ ރަސްމީ ބަހަކީ އިނގިރޭސި ބަސްކަމުގައި ހަމަޖައްސަވައި، ޤަރާރެއްގައި ސޮއިކުރައްވައިފިއެވެ.
މި ޤަރާރުގައި ސޮއިކުރައްވާފައި ވަނީ، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕެވެ. މި ޤަރާރުގެ ދަށުން މީގެ ފަހުން އެމެރިކާގައި ރަސްމީ ބަހެއްގެ ގޮތުގައި ބޭނުންކުރާނީ އިނގިރޭސި ބަހެވެ.
ރައީސް ޓްރަމްޕް ގެ މި ޤަރާރުގައި ވަނީ، އެމެރިކާގެ ސަރުކާރުގެ އިދާރާތަކާއި، ޖަމިއްޔާ ޖަމާއަަތްތަކުގެ އިތުރުން، ހުރިހާ ބާވަތެއްގެ ލިޔެކިޔުމުގައި ބޭނުންކުރަން ޖެހޭނީ އިނގިރޭސި ބަސްކަމުގައެވެ. މީގެ އިތުރުން، އެ ޤައުމުގެ ރަސްމީ ބަހުގެ ގޮތުގައި އިނގިރޭސި ބަސް ކަނޑައަޅުއްވައި، ހުރިހާ ފަރާތްތަކުން ވެސް އެބަސް ބޭނުންކުރަން ފެށުމުން ގިނަ ގޮތްގޮތުން ފަސޭހަ ވެގެންދާނެކަމަށް ރައީސް ޑޮނަލްޑް ޓްރަމްޕުގެ ޤަރާރުގައި ވަނީ ފާހަގަކުރައްވާފައެވެ.
އެމެރިކާގެ އޮފިޝަލުން ވަނީ މީގެ ކުރިން، އެ ޤައުމުގައި ބޭނުންކުރާނެ ރަސްމީ ބަހެއް ކަނޑައެޅިފައި ނެތްކަން ފާހަގަކޮށް އެކަމާއި މެދު ކަންބޮޑުވުން ފާޅުކުރައްވާފައެވެ. ނަމަވެސް، އެމެރިކާގެ 250 އަހަރުވީ ދިގު ތާރީޚުގައި މި ޤަރާރުގެ ސަބަބުން އެކަމަށް ނިމުމެއް އައިސް، ރަސްމީ ބަހެއް ކަނޑައެޅުނީ ކަމަށް އެ ޤައުމުގެ އޮފިޝަލުން ބުނެއެވެ.
އެމެރިކާގެ ބޯހިމެނުމާ ބެހޭ އިދާރާގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، އެ ޤައުމުގެ އާބާދީގެ 340 މިލިއަން މީހުންގެ ތެރެއިން 68 މިލިއަން މީހުން ބޭނުން ކުރަނީ އިނގިރޭސި ނޫން އެހެން ބަސްތަކެވެ.