ކުޅިވަރު
ފީފާ ކްލަބް ވޯލްޑް ކަޕްގެ ޓްރޮފީ ޓްރަމްޕަށް ދައްކާލައިފި

ޓްރަމްޕާއި އިންފެންޓީނޯގެ ބައްދަލުކުރެއްވުން---
2026 ވަނަ އަހަރު ފީފާ ވޯލްޑް ކަޕް ބޭއްވުމަށް ހަމަޖެހިފައިވާ ތިން ޤައުމުގެ ތެރޭގައި ހިމެނޭ އެމެރިކާއަށް ފީފާގެ ރައީސް ޖިއާނީ އިންފެންޓީނޯ ވަޑައިގެން، އެ ޤައުމުގެ ރައީސް، ޑޮނަލްޑް ޓްރަމްޕްއާ ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުމުގައި އިންފެންޓީނޯ ވަނީ ފީފާ ކްލަބް ވޯލްޑް ކަޕްގެ ޓްރޮފީ ޓްރަމްޕަށް ދައްކާލައިފިއެވެ.
ވައިޓް ހައުސްގައި ބޭއްވި މި ރަސްމިއްޔާތުގައި ފީފާ ވޯލްޑް ކަޕަށް ޚާއްސަ ޓާސްކްފޯހެއް އުފެއްދުމުގެ ޤަރާރެއްގައި ވެސް ޓްރަމްޕް ސޮއިކުރެއްވިއެވެ. މި ކޮމެޓީގެ ޗެއާރއަކަށް އިންނަވަން ހަމަޖެހިފައިވަނީ ޓްރަމްޕެވެ. މި ކޮމެޓީ އުފެއްދެވުމަށްފަހު ޓްރަމްޕް ވިދާޅުވީ، ވޯލްޑްކަޕްގެ ކަންކަން ފުރިހަމަ ކުރުމަށްޓަކައި ގިނަ ކަންތައްތަކެއް އެ ޓާސްކްފޯހުން ކުރައްވާނެކަމަށެވެ.
މި ފަހަރުގެ ވޯލްޑް ކަޕް އެމެރިކާ، ކެނެޑާގެ އިތުރުން މެކްސިކޯގައި ބޭއްވުމަށް ނިންމާފައިވާއިރު، މިއީ 1994 އަށް ފަހު އެމެރިކާގައި ބާއްވާ ފުރަތަމަ ވޯލްޑް ކަޕެވެ.
މި ފަހަރުގެ މުބާރާތުގައި ތަފާތުކަމަކަށް ވަނީ މުބާރާތުގައި ވާދަކުރާ ޓީމުތަކުގެ އަދަދެވެ. އެގޮތުން ކުރިން 32 ޓީމު ވާދަކުރަމުން އައި މި މުބާރާތުގައި މި އަހަރު 48 ޓީމު ވާދަކުރާނެއެވެ. އަދި ޖޫން 11 އިން ޖުލައި 19 އަށް ކުރިޔަށްދާ މި މުބާރާތުގައި ޖުމްލަ 104 މެޗު ކުޅުމަށް ވަނީ ހަމަޖެހިފައެވެ.
މި ރަސްމިއްޔާތުގައި ވާހަކަ ދައްކަމުން އިންފަންޓީނޯ ވިދާޅުވެފައިވަނީ މި މުބާރާތުގެ ސަބަބުން އެމެރިކާއަށް އެތަކެއް މިލިއަން މީހުން ޒިޔާރަތް ކުރާނެ ކަމަށާއި އަދި މާލީ ގޮތުން 40 ބިލިއަން އެމެރިކާ ޑޮލަރުގެ އާމްދަނީއެއް ލިބިގެންދާނެ ކަމަށެވެ. އަދި މި މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ދެ ލައްކަ ވަޒީފާ އުފެދިގެންދާނެ ކަމަށާއި މިއީ ކުޅިވަރުގެ އީދެއް ކަމަށެވެ.