ދީން / ކޮލަމް
މިސްކިތުގެ އިލްތިމާސް

މިސްކިތުގެ އިލްތިމާސް
ރޯދަމަހަކީ އަހަރެން އެންމެ އުފާ ވާ މައްސަރެވެ. އެ މަހުގައި އަހަރެންގެ ގާތަށް ޒިޔާރަތް ކުރާ މީހުންގެ ގިނަ ކަމުންނެވެ. ކުދި ބޮޑު ހުރިހާ ފަންތިއެއްގެ މީހުން ދަރުމަ އެދިގެން އަންނަ އައުމަކީ ކޮންމެ އަހަރަކުވެސް އެތަކެއް އިހްސާސްތަކެއް ގެނުވާ ކަމެކެވެ. އަޅުކަމާއި ގުޅުން ހުރި ހުރިހާ ކަމެއް އެންމެން އެމީހަކުގެ ހުރި ކުޅަދާނަ ކަމާއި އެކު ކުރެއެވެ. ޤުރުއާން ކިޔެވުމާއި، ޒިކުރު ކުރުމާއި، ނަސޭހަތް ދިނުމާއި އަޑު އެހުމާއި އަދި އެނޫނަސް އެތައް ސުންނަތް އަޅުކަންތައްތަކެއް އަހަރެންގެ ހިޔާވަހި ކަމުގައި ކުރެއެވެ. މިފަދަ ގޮތަކަށް އަބަދު އޮންނާނޭ ނަމައޭވެސް ހިތަށް އަރައެވެ. ނަމަވެސް މި ވަޤުތީ ދުނިޔޭގެ ކަންކަން ހުންނަ އުސޫލުން މި ކަންތައްތައް ވެސް ދެމިގެން ދަނީ ރޯދަމަސް ނިމެންދެނެވެ. ދެން އަހަރެންގެ ހިޔާވަހި ކަމުގައި ހީވާގި ކަމާއި އެކު އަޅުކަން ކުރި މީހުން މަދުވެ، ފުރެމުން ދިޔަ ސަފުތައް ހުސްވެ، ވަޤުތަށް ހާޒިރުވި އެތައް ބައެއް ފެނިގެން ދަނީ ހާލަކުން ފަހަރެކެވެ.
ރޯދަމަހު އަހަރެންނަށް މި ލިބުނު އުފާވެރިކަން މި އަހަރުވެސް ނިމުނީ އެވެ. ޖަމާޢަތުގެ ސަފުތައް މަދުވެއްޖެއެވެ. ތުއްތު ކުދިން ނަމާދު ކުރަން އަންނަ އައުން މަދުވެއްޖެއެވެ. ޤުރުއާނުގެ އަޑު ކެނޑިއްޖެ އެވެ. ރޯދަމަހު މުޅި ދުވަހު އިވެމުން ދިޔަ ނަލަ ނަލަ ރާގުތަކަށް ކިޔެވި މީސްތަކުން އަހަރެން މަތިން ފޫހި ވެއްޖެއެވެ. އަހަރެންނާއި ހަމަޔަށް ޒިޔާރަތް ކޮށްލުމަށް ބުރަހެލިވެއްޖެ އެވެ. ޒިކުރު ކުރުމާއި ދުޢާކުރުމަށް މަޑުކުރި އެތައް ބަޔަކު ގެއްލިއްޖެ އެވެ. މީ އަހަރެންނަށް އަބަދުވެސް ހައިރާން ކުރުވަނިވި ކަމެކެވެ. މީސްތަކުން އެ މީހުންގެ ފާފަ ފުއްސެވުމަށް ކެނޑި ނޭޅި މާތް ﷲ ގެ ހަޟްރަތުން އެދެމުން ދިޔަ ދިޔުން ހުއްޓުނީތީއެވެ. ހަމަ ގައިމުވެސް އަހަރެންގެ ހިޔާވަހި ކަމުގައި އަދި އަހަރެންގެ ވަށާ ލެވިފައި މިވާ ފާރުތަކުގެ ބޭރަކަށް އެފަދަ އެއްކަމެއްވެސް ނުދާނެއެވެ. އެ މީހެއްގެ ސިއްރަކީ އަހަރެންގެ އަމާނާތެވެ. ﷲގެ ރަޙްމަތުން ފާފަ ފުއްސެވިގެން ދިޔަ އެތައް ބަޔަކުވެސް އެބަ ތިއްބެވެ. އަދި އެގޮތުގައި ދެމި ތިބުމަށް އަހަރެންގެ ހިޔާވަހި ކަމުގެ ދަށަށް އައުމަކީ ކޮންމެ ހެންވެސް ބޭނުން ކަމެއްކަން އިންސާނާއަށް ނުވިސްނެނީ ބާއެވެ؟ ނުވަތަ ދެން ފުދުނީ ހެއްޔެވެ؟
ނުހަނު ކާރޫ ބާރު ބޮޑުވެގެން ދިޔަ ޖަމާޢަތުގައި ސާބިތުވެ ދެން އަންނަ ރޯދަމަހާއި ހަމަޔަށް ހިތްވަރު ކުރަނީ މަދު ބައެކެވެ. އެފަދަ މީހުންގެ ހެކި ވެރިއަކަށް ޤިޔާމަތް ދުވަހު އަހަރެން ވާނަމެވެ. އެފަދަ މީހުންނަށް ހުރި ނަސީބެއްގެ ބޮޑު ކަމާއެވެ. ކާމިޔާބު ލިބިގެންވަނީ ހަމަ އެމީހުންނަށޭ ބުނުމަކީ އެހެން ބަޔަކު ކުޑައިމީންސް ކުރުމަށް ބުނެވޭ ބަހަކަށް ނުވާނެއެވެ.
އަހަރެންގެ ތާޅަފިލި ތަކުން ތިބާއަށް އަބަދުވެސް ގޮވާނަމެވެ. ފަލާހާ ކާމިޔާބަށް އެދިއެވެ. ﷲގެ ރަޙްމަތަށް އައުމަށާއި މަލާއިކަތުން ހާޒިރުވާ ޖަމާޢަތަށް އައުމަށެވެ. ފާހިޝްކަންކަމާއި ފާފަތަކުން ދުރުކުރުމަށް ކުރެވޭ ނަމާދުގެ ހަނދުމަ އަހަރެންގެ ތާޅަފިލިތަކުން ގޮވާނީ ނުހަނު އާދޭހާއި އެކުއެވެ. އިޖާބަ ދޭށެވެ. ތިބާގެ ހަޔާތުން ދިހަ މިނިޓުގެ ވަގުތު ކޮޅަކަށް އެދި އާދޭސްކޮށް މި އެދެނީ އާޚިރަތުގެ ގޮވަތި ކަށަވަރު ކުރުވުމަށެވެ. ދެން އަންނަ ރޯދަމަހަކަށް ތިބާ ނުފެނި ދިއުމީ އެކަށޭނަ ކަމެކެވެ. ދެން އަހަރެންގެ ހިޔާވަހި ކަމަށް ތިބާގެ ދަރިން އެކަނި އައުމަކީވެސް އެކަށޭނަ ކަމެކެވެ. ހަޔާތަކީ ވަޤުތީ އެއްޗެކެވެ. މި ކުޑަ ކުޑަ ވަޤުތުކޮޅުގެ ތެރޭގައި ކުރެވޭ ހެޔޮ ޢަމަލުތައް އެތައް ގުނައެއް އަހަރެންގެ ހިޔާވަހި ކަމުން އަހަރެން ކޮށް ދެމެވެ. ރޯދަމަސް ނިމުމުން އަހަރެންގެ ދޮރުތައް ބަންދެއް ނުވެއެވެ. އަހަރެންގެ ގާތަށް ޒިޔާރަތްކުރުމަކަށް ފީއެއް ނުނަގަމެވެ. އަހަރެންގެ ހިޔާވަހި ކަމުގައި ކިތަންމެ ގިނައިރު ހޭދަ ކުރިއަކަސް ޝަކުވާއެއް ނުކުރާނަމެވެ. އަބަދުވެސް މަރުހަބާ ކިޔާ ހާލު އަހަރެން ހުންނަމެވެ. އަދި މަލާއިކަތުން އަހަރެންގެ ދޮރުތަކުގައި ތިބާޔަށް ސަލާމް ގޮވާލަން އަބަދުވެސް ހުރެއެވެ. އެކަމަކު ތިބާ އަހަރެންގެ ކުރިމަތިން ދުއްވާފައި ނުފެންނަ ކަމަށް ނުވަތަ އަޑު ނީވޭ ކަމަށް ހަދާފައި ދަނީ ކިތައް ފަހަރު ހެއްޔެވެ؟ ހަމަ ގައިމުވެސް އެއްކަމެއް ޔަޤީނެވެ. ތިބާ މި ދުނިޔޭގެ ދިރިއުޅުން ނިންމާލަން މި ބިންމަތިން ވަންނާނެ އެންމެ ފަހުގެ ހިޔާވައްސަކީ އަހަރެން ކަމެވެ. އެދުވަހުން އަހަރެން ތިބާ މަތިން ހަނދުމަކުރާނަމެވެ. މިއަދު މިކުރާ ފަދައިންނެވެ. ނަމަވެސް ދެން ތިބާ އެނބުރި ނާންނާނެކަން އެއީ ޔަޤީން ކަމެކެވެ. ތިބާގެ ހިތުގެ ތެރޭގައި އަހަރެންނަށް ލޯތްބެއް ވާ ކަމުގައި ވާ ނަމަ، މާތް ﷲ ތިބާޔަށް އެކަލާނގެ ޢަރުޝީގެ ހިޔާވަހިކަން ދެއްވާނެއެވެ. އަހަރެންނަށް ޒިޔާރަތް ކުރުން މަދު ނުކުރާށެވެ. މީ އަހަރެންގެ އިލްތިމާސެވެ!