ރިޕޯޓް

ރޫޅާލާފަ ރާވަން މިއީ ކުޅޭ ކުޅޭ އެއްޗެއްތަ؟

ރޫޅާލާފަ ރާވަން މިއީ ކުޅޭ ކުޅޭ އެއްޗެއްތަ؟

ރޫޅާލާފަ ރާވަން މިއީ ކުޅޭ ކުޅޭ އެއްޗެއްތަ؟

farudhun logo

ފަރުދުން

08 އޭޕްރީލު 2025، 11:00

08 އޭޕްރީލު 2025، 11:00

"ރޫޅާލާނަން، ރޫޅާލާނަން ،ރޫޅާލާނަން" މިއީ 2023 ވަނަ އަހަރު އާޓިފިޝަލް ބީޗުގައި  ކުރީގެ ރައީސް މުޙައްމަދު ނަޝީދު ޑިމޮކްރެޓްސްގެ ޕޯޑިއަމްގައި އެމްޑީޕީ ރޫޅާލާނެ ކަމަށް އިންޤިލާބީ ޖޯޝާއެކު ދެއްކެވި ވާހަކައިން ތަންކޮޅެކެވެ. ތެދެކެވެ. އެމްޑީޕީ ރޫޅި ، ރިޔާސީ އިންތިހާބު ގެއްލި، މަޖިލިސް އިންތިހާބު ގެއްލި އަދި އެންމެ ކުޑަ މިނުން ރަށްރަށުގެ ބައި އިލެކްޝަން ތަކުގެ އިންތިހާބުވެސް ގެއްލުނީއެވެ. މިހާރު މި އަޑުއިވެނީ އަނެއްކާވެސް ނަޝީދު އެމްޑީޕީ އެކުލަވާލަން އުޅޭކަހަލަ ވާހަކަތަކެއްގެ އަޑެވެ.ރައީސް މުޙައްމަދު ނަޝީދު، އޭނާ އަމިއްލަފުޅަށް ރޫޅާލި ޕާޓީ އަލުން އެއްކޮށްލުމަށް ގޮވާލުމާ ގުޅިގެންނެވެ. މިކަމާ ގުޅިގެން ހިތުގައި އުފެދޭ ސުވާލަކީ "ރޫޅާލާފަ ރާވަން މިއީ ކުޅޭ ކުޅޭ އެއްޗެއްތޯއެވެ؟.

އަޅުގަނޑަށް ފެންނަ ގޮތުގައި މި ވަގުތު ރާއްޖެއަށާއި އެމްޑީޕީއަށް އަދި ޑިމޮކްރެޓްސް އަށްވެސް އެންމެ ރަނގަޅު ގޮތަކީ އެމްޑީޕީއާއި ޑިމޮކްރެޓްސް ގުޅުން  

މުޙައްމަދު ނަޝީދު

 ނަމަވެސް މިމޭރުމުން ވިދާޅުވުމުގެ ފަހަތުގައި އޮތީ ކޮން ސިއްރެއްތޯ އެއީ ގިނަ ބައެއްގެ ސުވާލެކެވެ. ނަޝީދު ޙަޤީޤަތުގައިވެސް އެމްޑީޕީއަށް ހެޔޮއެދިވަޑައިގަންނަވަނީތޯއެވެ؟

ބޭރުގަ ހުރެގެން ކެޔޮގަނޑަށް ދަޅި އުކީމަ ކެޔޮގަނޑަށް ގޮތެއްނުވި. ދެން އެއުޅެނީ، ކެޔޮ ދަނޑުގެ ވެރިއަކާ ގުޅިގެން، ދަނޑުތެރަށް ވަދެ ކެޔޮގަނޑު ކަނޑާލެވޭތޯ! އަޅުގަޑު ދަންނަވަން ބޭނުންވަނީ، އެފުރުސަތު ނެދެއްވައްޗޭ، އަދި ޛަނޑަށް ވަނުމުގެ ފުރުޞަތު ދެއްވިއަސް. 

ސޯޝަލް މީޑިއާގައި ކޮށްފައިވާ ކޮމެންޓެއް

ރޫޅާލާނެ ކަމަށް ވިދާޅުވެ މިމޭރުމުން އަޑުގަދަކޮށް ހަމަ އެ އެމްޑީޕީ މިއަދު އަލުން ޑިމޮކްރެޓްސްއާ އެއްކޮށްލަން ބޭނުންވާ ސަބަބަކީ ކޮބައިތޯއެވެ؟ ނަޝީދު އޭރު ސިފަކުރެއްވި "ފީވެފައިއޮތް ކަށިކެޔޮގަނޑު" ފަދަ "އެއްވެސް އުސޫލެއް ނެތް" އެމްޑީޕީ މިއަދު ތާޒާވެގެން ދިޔައީ ކިހިނެއްބާއެވެ؟އަނެއްކާ ނަޝީދުގެ ސިޔާސީ ބަގީޗާގައި ހުރި ކަށިކެޔޮގަނޑު ކުއްލިއަކަށް ތާޒާވެ، ފޫވަށް ދޮންވާންފެށީބާއެވެ!

ޙަޤީޤަތުގައި ސިޔާސީ ޕާޓީތަކަކީ ކުޅޭ ކުޅޭ އެއްޗެއް ނޫނެވެ. އެއީ ރުޅިއައިސް ހިތްހަމަނުޖެހިގެން ރޫޅާލާފައި، ބޭނުންވާ ވަގުތެއްގައި އަލުން ރާވާލެވޭނެ ލެގޯ ސެޓެއް ފަދަ ކުޅޭއެއްޗެއް ނޫނެވެ. މިއީ ޤައުމެއްގެ ޑިމޮކްރެޓިކް މުސްތަޤްބަލާ ގުޅިފައިވާ ނާޒުކު ކަމެކެވެ.ނަމަވެސް ނަޝީދުގެ ސިޔާސީ ކުޅިވަރުގައި މި ނާޒުކުކަން ގެއްލި، ޕާޓީތަކަކީ އަތްމަތީ ކުޅޭ ކުޅޭ އެއްޗެހި ކަމަށް ވެނިމެނީބާއެވެ.

ނަޝީދުގެ މި ކުއްލި އެއްބައިވުމުގެ ގޮވާލުން އައިސްފައިވަނީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ކުރިއަށް އޮތް އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރައްވާނެ ކަމުގެ އަޑުތައް ބާރުވަމުން އަންނަ ދަނޑިވަޅުގައެވެ. އަދި ހަމަ އެހެންމެ އެމްޑީޕީން އާދަޔާ ޚިލާފު ކޮންގްރެހެއް ބޭއްވުމަށް ތައްޔާރުވަމުންދާ ވަގުތެއްގައެވެ. މި ކޮންގްރެހުގައި ޕާޓީގެ އެތެރޭގެ ކޮންޓްރޯލްތައް ހަރުދަނާކޮށް، ޗެއަރޕާސަން ފައްޔާޟް އިސްމާޢީލްގެ ބާރުތަކަށް ހަނިކުރުންތަކެއް ގެނައުމަށް މަސައްކަތްކުރެވޭނެ ކަމަށް ލަފާކުރެވެއެވެ.

މި ހުރިހާ ކަމެއް މިހެން ހުރިއިރު، ނަޝީދުގެ މި ހުށަހެޅުއްވުމަކީ ހަމައެކަނި އެއްބައިވުމުގެ ގޮވާލުމެއްތޯ ނުވަތަ އޭގެ ފަހަތުގައި އެހެން ސިޔާސީ ބޭނުމެއް އޮތްތޯ ގިނަބަޔަކު ސުވާލު އުފައްދާފައިވެއެވެ. ބައެއް ފަރާތްތަކުން ދެކޭގޮތުގައި މިއީ 2028 ގެ ރިޔާސީ އިންތިޚާބަށް ނަޝީދު އަމިއްލަފުޅަށް ނުވަތަ އޭނާގެ ވަފާތެރި އެކުވެރިއެއް ކުރިމަތިލުމަށް މަގުފަހިކުރުމުގެ ސްޓްރެޓެޖީއެކެވެ. އަދި ހަމައެއާއެކު، ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަށް ދެވަނަ ދައުރެއް ނުލިބޭކަން ޔަޤީންކުރުމުގެ މަސައްކަތެކެވެ.އަނެއްކާ ތިމަންނާއަށް ނުލިބޭ ކަދުރު ދޫނި ކައިފާނެތީ ކަދުރު ގަހުގައި އަލިފާން ޖައްސަވަނީބާއެވެ.

ނަޝީދުގެ ސިޔާސީ ކެރިއަރަށް ބަލާއިރު، އެބޭފުޅާއަކީ އިސްތިޢުފާދެއްވާ ފިއްލެވި ރައީސެއްގެ ގޮތުގައި ބައެއް ފަރާތްތަކުން ލޭބަލްކުރެވިފައިވާ ފަރާތެކެވެ. އަނެއްކާ މިހާރު މަސައްކަތް ކުރައްވަމުންދަނީ މި ލޭބަލުން އަރައިގަތުމަށާއި، އަލުން ސިޔާސީ މައިދާނަށް ނުކުންނެވުމަށް ކަމަށް ބެލެވޭކަމަށްވެސް ތުންތުންމަތިން އަޑުއިވެއެވެ. ނަމަވެސް މިފަހަރު އެެބޭފުޅާގެ އަމާޒަކީ ސީދާ ވޯޓު ފޮށިތައްތޯ ނުވަތަ އޭގެ ބަދަލުގައި ފަރުދާ ފުރަގަހުން ހިންގާ ސިޔާސީ މަސައްކަތްތަކާއި ސޯޝަލް މީޑިއާގެ ބޭނުން ހިފައިގެން ކުރިއަށްވަޑައިގެންނެވުންތޯ ސުވާލު އުފެދެއެވެ.

ނަޝީދުގެ މި "ސިޔާސީ ލެގޯ ކުޅިވަރު" ގެ ފަހަތުގައި އޮތް ޙަޤީޤަތް ދެނެގަތުމަށް، ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް ރީކޯ މޫސާމަނިކު ވަނީ ވަރަށް މުހިންމު ނުކުތާތަކެއް ފާހަގަކުރައްވާފައެވެ. އޭނާގެ ބަހުން ދޭހަވަނީ ނަޝީދުގެ މި ހުށަހެޅުމަކީ އެމްޑީޕީއަށް އިތުރު އަނިޔާއެއް ދިނުމުގެ ގޮތުން ކުރާ ކަމެއްކަމެވެ.

ރީކޯ ފާހަގަކުރައްވާ ގޮތުގައި، ނަވާރަވަނަ މަޖިލީހުގައި އެމްޑީޕީއަށް އޮތް ސުޕަ މެޖޯރިޓީ ގެއްލުވާލީ ނަޝީދެވެ. އަދި މަޖިލީހުގެ ރައީސްކަމާއި ނައިބު ރައީސްކަން އެމްޑީޕީއަށް ގެއްލުވާލީވެސް ނަޝީދެވެ. މީގެ އިތުރުން، އެމްޑީޕީ ސަރުކާރުން މުޅި ރާއްޖޭގެ ތަރައްޤީއަށް ފަށާފައިވާ ހުރިހާ މަސައްކަތެއް ހުއްޓުމަކަށް އައީ ސަރުކާރު ގެއްލުނީމައެވެ. މާލޭ ރައްޔިތުންގެ ގޯއްޗާއި ފްލެޓް ނުލިބި ހާލުގައި ޖެހުނީވެސް އެމްޑީޕީއަށް ސަރުކާރު ގެއްލުނީމައެވެ.

ހަމައެހެންމެ، ލޯކަލް ކައުންސިލް އިންތިޚާބު ގެއްލުވާލީވެސް ނަޝީދެވެ. އަދި އަންހެނުން ކުރިއަރުވާ ކޮމެޓީތަކުގެ އިންތިޚާބުތައްވެސް ގެއްލުވާލީ ނަޝީދެވެ. މި ހުރިހާ ކަމެއް ކޮށްފައި، އެމްޑީޕީއަށް އެތައް ޤުރުބާނީއެއްވީ އެތައް މެންބަރުންނެއް ގެންގޮސް، މި ޕާޓީއަށް ދިން އަނިޔާ އެއީ އިބޫ ނޫން ގޮތެއްތޯ ރީކޯ ސުވާލު އުފައްދަވައެވެ. އަދި މިއީ އެމްޑީޕީ މަރާލުންތޯވެސް އޭނާ ސުވާލުކުރައްވައެވެ.

މިހާރު ރައީސް ނަޝީދު އަމިއްލަ ޕާޓީއެއް ހަދައިގެން ސަރުކާރާ ގުޅިގެން ހުރެ، ރާއްޖެއަށް އެންމެ ރަނގަޅީ އެމްޑީޕީއާ ގުޅުމޭ ބުނުމުން، އެމްޑީޕީގެ ޗެއަރ ފުންމައިގެން ދާނަމަ، ޗެއަރ އިސްތިޢުފާ ދެއްވުމަށް ރީކޯ ގޮވާލައްވާފައިވެއެވެ.

މި ހުރިހާ ކަމަކަށް ބަލާއިރު، ނަޝީދުގެ މި ހުށަހެޅުމަކީ ހަމައެކަނި އެއްބައިވުމުގެ ގޮވާލުމެއް ނޫންކަމަށް ބައެއް އާންމުން ފާހަގަކުރެއެވެ. އެމްޑީޕީއަށް މިހާ ބޮޑެތި ގެއްލުންތަކެއް ދިނުމަށްފަހު، މިހާރު އަނެއްކާވެސް އެ ޕާޓީއާ ގުޅުމަށް ގޮވާލެއްވުމުގެ ފަހަތުގައިވަނީ ކޮންކަމެއްތޯ މިއީ ގިނަބައެއްގެ ހިތުގައި އުފެދިފައިވާ ސުވާލެކެވެ.

ޙަޤީޤަތުގައި މިއީ އެމްޑީޕީ ނުވަތަ ދިވެހިރާއްޖެ ސަލާމަތްކުރުމާ ބެހޭ ކަމެއް ބާއެވެ. ނުވަތަ މިއީ ނަޝީދުގެ  ސިޔާސީ މުސްތަޤުބަލާ ގުޅުންހުރި ކަމެއްބާއެވެ. ނަޝީދުގެ އަތުން ބީވެގެންދިޔަ ސިޔާސީ ބާރު އަލުން ހޯދުމަށް ކުރާ މަސައްކަތްޕުޅެއްބާއެވެ؟ ނުވަތަ  ވެރިކަމުގެ ތަޚުތު އަމިއްލަފުޅަށް ނުލިބޭނަމަ، އެހެން މީހަކަށްވެސް ނުލިބޭނެކަން ކަށަވަރުކުރުމުގެ ރޭވުމެއްބާއެވެ.

ނަޝީދުގެ މި ސިޔާސީ ލެގޯ ކުޅިވަރުގައި އަޅުގަނޑުމެންނަށް ފެންނަނީ ހަމައެކަނި އެއް ކުލައެވެ.  މި ކުލަ އެހާ ބޮޑަށް ފާޅުވެފައިވާތީ، ޤައުމީ މަޞްލަޙަތުގެ ކުލަ ވަނީ އެއްކޮށް ފޮރުވިފައެވެ. 

ނަޝީދުގެ މި ހުށަހެޅުމަކީ ސިޔާސީ ދުނިޔޭގެ "ޖާދޫ ދައްކާ މީހާ" ގެ ޙީލަތްތެރި ރޭވުމެއް ތޯވެސް ބައެއް ފަރާތްތަކުން ސުވާލު އުފައްދައެވެ. އެއްއަތުން އެއްބައިވަންތަކަމުގެ ދޯދި ދައްކާއިރު، އަނެއް އަތުން ބައިބައިވުމުގެ ވިހަ އެޅުމުގެ މަސައްކަތަކީ މިއީބާއެވެ.

ސިޔާސީ ޕާޓީތަކަކީ ކުޅެން ހަދާ އާލާތްތަކެއް ނޫނެވެ. އެއީ ޤައުމުގެ މުސްތަޤުބަލާ ސީދާ ގުޅިފައިވާ ކަމެކެވެ. އެހެންކަމުން، ޕާޓީއެއް ރޫޅާލުމަށްފަހު އަލުން އެއްކޮށްލުމަކީ އެހާ ފަސޭހަ ކަމަކަށް ނުވާނެއެވެ. އަދި ހަމައެހެންމެ، ސިޔާސީ ލީޑަރުން އަބަދުވެސް ވިސްނަންވާނީ  ޤައުމީ މަޞްލަޙަތު އިސްކުރެއްވުމަށެވެ. ނޫންނަމަ، ޑިމޮކްރަސީގެ އަސާސްތައް ނާޒުކުވެ، ޤައުމުގެ ސިޔާސީ މާޙައުލު އިތުރަށް ހަލަބޮލިވެގެން ހިނގައިދާނެއެވެ.

މި ލިޔުން ކިޔާލުމުން

Ads by MSS