ޚަބަރު
މާފަރު އެއާރޕޯޓުގެ ޓާރމިނަލް ބޮޑު ކުރަނީ

މާފަރު އިންޓަނޭޝަނަލް އެއާރޕޯޓު ---
މާފަރު އިންޓަނޭޝަނަލް އެއާރޕޯޓުގެ ޓާރމިނަލް ބޮޑުކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އައިލެންޑް އޭވިއޭޝަން ސާރވިސަސް ޕްރިވެޓް ލިމިޓެޑުން ހުޅުވާލައިފިއެވެ.
މި މަސައްކަތް ކޮށްދިނުމަށް އެ ކުންފުނިން ހުޅުވާލާފައިވަނީ ކޮންޓްރެކްޓާރ ފައިނޭންސް އުސޫލުންނެވެ.
މި މަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުން މި މަހުގެ 17 ވަނަ ދުވަހުގެ ނިޔަލަށް، އެ ކުންފުންޏަށް އެކަން އަންގަންޖެހެއެވެ. އަދި މި މަޝްރޫޢުގެ މަޢުލޫމާތު ސެޝަން މި މަހުގެ 21 ގައި އޮންނައިރު، ޕްރޮޕޯޒަލް ހުށަހަޅަން ޖެހެނީ މިއަންނަ މެއި މަހުގެ 5 ވަނަ ދުވަހުގެ ނިޔަލަށެވެ.
އައިލެންޑް އޭވިއޭޝަން ސާރވިސަސްއިން ހާމަކޮށްފައިވާ ގޮތުގައި، އެ ކުންފުނިން މި މަސައްކަތް މިހާރަށް ތާވަލުކޮށްފައިވާ ގޮތުން، އެންމެ ރަގަޅު ހުށަހެޅުމެއް ހުށަހަޅާ ފަރާތަކާއި މި މަސައްކަތް ހަވާލުކުރުމަށްފަހު، މި އަހަރުގެ ޖޫން މަހުގެ ތެރޭގައި މަޝްރުޢުގެ ޢަމަލީ މަސައްކަތް ފަށާނެއެވެ.
2019 ވަނަ އަހަރު ހުޅުވި މި އެއާރޕޯޓުގެ ރަންވޭ ބޮޑުކުރުމުގެ މަސައްކަތް ކުރުމަށް 2023 ވަނަ އަހަރު އެ އެއާރޕޯޓުގެ އޮޕަރޭޝަންތައް މެދުކަނޑާލާފައި ވެއެވެ. މި މަސައްކަތް ނިންމައި މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު އެއާރޕޯޓު އަލުން އޮޕަރޭޝަނަށް ގެނެވުނުއިރު، ރަންވޭއަށް އިތުރު 600 މީޓަރު ވަނީ އިތުރުކޮށްފައެވެ. އެގޮތުން މަސައްކަތުގެ ކުރިން ރަންވޭގައި 2.2 ކިލޯމީޓަރު ހުރިއިރު، މިހާރު އެ ރަންވޭގެ ދިގުމިނަކީ 2.8 ކިލޯމީޓަރެވެ.
މި ބަދަލާއެކު، ބޮއެން 777-ER300 ގެ މަތިންދާބޯޓަށް އެ ރަންވޭގައި ޖެއްސޭނެކަމަށް އައިލެންޑު އޭވިއޭޝަނުން ވަނީ ހާމަކޮށްފައެވެ.
މާފަރު އެއާރޕޯޓަކީ އަބޫދާބީ ފަންޑު ފޯރ ޑިވެލޮޕްމެންޓް (އޭޑީއެފްޑީ) އިން 60 މިލިއަން ޑޮލަރު ޚަރަދުކޮށްގެން ހެދި އެއާރޕޯޓެކެވެ. މި އެއާރޕޯޓުގެ މަސައްކަތްކުރީ ޓަފް އޮފްޝޯރ ކިޔާ ސިންގަޕޫރުގެ ކުންފުންޏަކުންނެވެ.
އެއާރޕޯޓު ބޮޑު ކުރުމުގެ މަސައްކަތަށް ވެސް ފަންޑު ކުރީ އޭޑީއެފްޑީއިންނެވެ.