ވިޔަފާރި
ދުނިޔޭގެ އެންމެ ބޮޑު ފެއާރއަށް މޯލްޑިވިއަންގެ ޙާއްސަ ޕެކޭޖުތަކެއް

މި އަހަރު އޮންނަނީ 137 ވަނަ ކެންޓަން ފެއާރ ---
ޗައިނާގެ ގުއާންޒޯގައި އޮންނަ ދުނިޔޭގެ އެންމެ ބޮޑު ވިޔަފާރި އެކްސްޕޯއަށް މޯލްޑިވިއަން އެއާރލައިންސްގެ ޙާއްސަ ޕެކޭޖުތަކެއް ތަޢާރަފްކޮށްފިއެވެ.
ގުއާންޒޯގައި އޮންނަ ކެންޓަން ފެއާރއަކީ ދުނިޔޭގެ ހުރިހާ ބިތަކުން ވިޔަފާރިވެރިން ޒިޔާރަތްކުރާ ބޮޑު އެކްސްޕޯއެކެވެ. އެގޮތުން އައު އުފެއްދުންތަކާ، ދުނިޔޭގެ ބޮޑެތި ސަޕްލަޔަރުންނާ ބައްދަލުކުރުމާއި، ޖެހިގެން އޮންނަ ހަރުފަތަށް ވިޔަފާރި ގެންދިއުމަށް މިއީ ދެވަނައެއް ނެތް ފުރުސަތެކެވެ.
މި ފެއާރ މި އަހަރު ބޭއްވުމަށް ހަމަޖެހިފައިވަނީ ތިން ފިޔަވައްސަކަށް ބަހާލައިގެންނެވެ. އެގޮތުން ފުރަތަމަ ބުރު ކުރިޔަށްދާނީ އެޕްރީލް 15-19 އަށެވެ. އަދި ދެވަނަ ބުރު އެޕްރީލް 23-27 އަށް ކުރިޔަށް ގެންދިއުމަށް ނިންމާފައިވާއިރު، ތިން ވަނަ ބުރު ކުރިޔަށް ދާނީ މެއި 1-5 އަށެވެ. މި ތާރީޙު ތަކުގައި ކޮންމެ ދުވަހެއްގެ ހެނދުނު 9:30 އިން ހަވީރު 6:00 އަށް ފެއާރއަށް ޒިޔާރަތް ކުރެވޭނެއެވެ.
137 ވަނަ ކެންޓަން ފެއާރއާ ދިމާކޮށް މޯލްޑިވިއަންގެ ދަތުރުތައް ވެސް ރާވާފައިވަނީ ވަކިވަކިން ތިން ފިޔަވައްސާ ދިމާވާގޮތަށެވެ. އެގޮތުން ފުރަތަމަ ފުރަތަމަ ދަތުރު އެޕްރީލް 14-22 އަށް އޮންނައިރު، ދެވަނަ ދަތުރު އޮންނަނީ އެޕްރީލް 21-29 އަށެވެ. އަދި ފަހު ދަތުރު ރާވާފައިވަނީ 30 އެޕްރީލްއިން 7 މެއި އަށެވެ.
މި ފެއާރއަށް ޙާއްސަކޮށްގެން ބާއްވާ މޯލްޑިވިއަންގެ ފުރަތަމަ ދަތުރުގެ އަގަކީ 1140$ އެވެ. އަދި ދެވަނަ ދަތުރުގެ އަގު 1025$ އަށް އުޅޭއިރު، ފަހު ދަތުރުގެ އަގަކީ 965$ އަށެވެ. މޯލްޑިވިއަންގެ މި ޕެކޭޖުގައި، ހުރުމާއި، އެތެރޭގެ އުދުހުންތަކުގެ ޚަރަދު ވެސް ހިމެނެއެވެ.
މީގެ އިތުރުން، މި ޕިކޭޖު ނުނެގި ނަމަވެސް ކެންޓަން ފެއާރއަށް ޝަންހާއީއަށް ދަތުރުކުރާ ފަރާތްތަކަށް ޙާއްސަ ޓިކެޓުގެ އަގު ފެށެނީ 999$ އިންނެވެ. އަދި ޗެންގްޑޫ ޓިކެޓު އުޅެނީ 750$ އަށެވެ.
ކެންޓަން ފެއާރގެ ފުރަތަމަ ބުރު އިލެކްޓްރޯނިކް ތަކެއްޗަށް ޙާއްސަކޮށްފައިވާއިރު، ދެވަނަ ބުރުގައި އޮންނާނީ ގޭތެރޭގެ ތަފާތު ބޭނުންތަކަށާއި ޑެކަރޭޝަންގެ ކަންކަމަށް ބޭނުންކުރާ ސާމާނެވެ. އަދި ފަހު ބުރު ޙާއްސަކޮށްފައި އޮންނާނީ ފޮއްޗާއި، ދަބަހާއި، ކުޅިވަރުކުޅޭ ސާމާނާއި، މެޑިކަލް ތަކެއްޗާއި މިހެން ގޮސް ބޭނުންތެރި ބައިވަރު ސާމާނަށެވެ.