ޚަބަރު
ދިރާސީ އަހަރު ޖެނުއަރީ މަހަށް ބަދަލުކުރިޔަސް ފަތުރުވެރިކަމުގެ ދާއިރާގެ ބޭފުޅުންނަށް ގެއްލުމެއް ނުވާނެ: ރައީސް

"ރައްޔިތުންނާ އެކު" ޕޮޑްކާސްޓު - 3، ފޮޓޯ: ރައީސް އޮފީސް
މި އަންނަ އަހަރުގެ ޖެނުއަރީ މަހު ދިރާސީ އަހަރު ފެށުމަށް ނިންމާފައިވީނަމަވެސް، މިކަމުގެ ސަބަބުން ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރައްވާ ފަރާތްތަކަށް އާއިލާއާއެކު ހޭދަކުރުމަށް ލިބެމުން އައި ވަގުތަށް އުނިކަމެއް ނާންނާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، ރައްޔިތުންގެ ސުވާލުތަކަށް ޖަވާބު ދެއްވައި، ރައްޔިތުންގެ ކަންބޮޑުވުންތައް އަޑުއެއްސެވުމުގެ ކުރިޔަށްގެންދާ "ރައްޔިތުންނާ އެކު" ޕޮޑްކާސްޓުގައެވެ.
އެ މަނިކުފާނު ވިދާޅުވީ، އަހަރު ނިމޭތަނަށް ސްކޫލުގެ ބޮޑު ޗުއްޓީ ބަދަލުވުމުން، ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ ބޭފުޅުންނަށް އާއިލާއާއެކު ވަގުތު ހޭދަކުރުމަށް، ނުވަތަ ސިއްޙީ ފަރުވާއެއް ހޯދުމަށް ރާއްޖެއިން ބޭރަށް ދާންޖެހިފައި އޮތަސް، އެކަން ކުރުމަށް އުދަގޫ ކަމުގެ ޝަކުވާ އެ މަނިކުފާނަށް ވެސް ލިބިފައިވާކަމަށެވެ. އެހެންކަމުން ކުރިން އޮތް ގޮތަށް ދިރާސީ އަހަރު ބަދަލުކުރައްވަނީ އެކަމަށް ވިސްނަވައި، އެ ބޭފުޅުންނަށް ވެސް އުނިކަމެއް ނުލިބޭގޮތަށްކަމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ. އެގޮތުން އަހަރުގެ މެދުތެރެއިން އެކަށޭނަ ޗުއްޓީއެއް ލިބޭނެކަމަށް ވިދާޅުވިއެވެ.
އަހަރު ފަށާތަނަށް ދިރާސީ އަހަރު ބަދަލުކުރެވުނަސް، އަހަރުގެ މެދުތެރެއިން، ދެ ޓާރމުގެ ދޭތެރެއިން ރަގަޅު ޗުއްޓީއެއް ލިބޭނެ.
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.
މި މޭރުމުން ވާހަކަފުޅު ކުރިޔަށްގެންދަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މިދިޔަ ސަރުކާރުން އަހަރުގެ މެދުތެރެއަށް ދިރާސީ އަހަރު ބަދަލުކުރުމުން ދަރިވަރުންނަށް ބޮޑު ގެއްލުމެއްވެފައިވާކަމަށެވެ. އެގޮތުން މަތީ ތަޢުލީމަށް ރާއްޖެއިން ބޭރަށްދާ ކުދިންނަށް މިކަމުގެ އުނދަގޫ ވަރަށް ބޮޑަށް ކުރިމަތިވާކަމަށް ވިދާޅުވިއެވެ.
މިދިޔަ ސަރުކާރުން އަހަރުގެ މެދުތެރެއިން ދިރާސީ އަހަރު ފެށޭ ގޮތަށް ބަދަލުކުރި. އޭގެ ސަބަބުން ހަޤީޤަތުގައި ހައެއްކަ މަސް ކިޔަވާކުދިންގެ ހަޔާތުން ގެއްލިގެން ގޮސްފައި މިވަނީ. އެހެންކަމުން، ޙާއްސަކޮށް މަތީ ތަޢުލީމަށް ދާއިރު ވަރަށް ބޮޑު ގެއްލުމަކަށްވޭ. އަދި ބޭރުގަމުތަކަށް އަންޑަރ ގްރެޖުއޭޓް ކޯސްތައް ފަށާއިރު މިކަން ވަރަށް އުނދަގޫ ކަމަކަށްވޭ.
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.
އެހެންކަމުން ޖެނުއަރީ މަހަށް ދިރާސީ އަހަރު ބަދަލުކުރުމަކީ ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ވަޢުދެއް ކަމަށާއި، އަހަރަކުންއަހަރަކުން ގޮސް މިއަންނަ އަހަރު ދިރާސީ އަހަރު ޖެނުއަރީއަށް ބަދަލުކުރެވޭނެކަމަށް އެ މަނިކުފާނު ތަކުރާރު ކުރެއްވެވިއެވެ.
އަދި މި ބަދަލާއެކު ކުދިންގެ ތަޢުލީމީ ހަޔާތުން އިތުރަކަށް ދުވަހެއް ނުގެއްލޭނެކަމަށާއި، ނަމަވެސް ގެއްލުނު ހަ މަސް ވަކި ގުރޭޑަކަށް ވުރެ ދަށުގެ ކުދިންނަށް އަލުން ލިބޭނީކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ކުރީ ސަރުކާރުން މި ބަދަލު ގެންނެވީ 2020 ވަނަ އަހަރު ކޮވިޑުގެ އާލަމީވަބާއާ ގުޅިގެން ސްކޫލްތައް ބަންދުކުރުމަށްފަހު އަލުން ހުޅުވިއިރެވެ. ދިރާސީ އަހަރު އޭރު ލަސްކުރީ ފަތުރުވެރިކަމުގެ ޕީކް ސީޒަން ޑިސެމްބަރުގައި އަންނާތީ، ރިސޯޓު މުވައްޒަފުންނަށް އެމީހުންގެ ދަރިން ގާތުގައި ޗުއްޓީ ހޭދަކުރަން ދަތިވާތީކަމަށް ބުނެއެވެ.