ޚަބަރު
މިއަންނަ އަހަރު ހުރިހާ ސްކޫލެއްގެ ހޯލްތަކެއް އޭސީ ކުރަނީ

މިއަންނަ އަހަރު ސްކޫލް ހޯލްތައް އޭސީ ކުރަން ވަނީ ނިންމާފައި
ރާއްޖޭގެ ހުރިހާ ސްކޫލެއްގެ ކްލާސްރޫމްތައް މި އަހަރު އޭސީކުރަން ނިންމާފައިވާއިރު، އިތުރުކަމެއްގެ ގޮތުން މި އަންނަ އަހަރު ސްކޫލްތަކުގެ ހޯލުތައް އޭސީކުރުމުގެ މަސައްކަތް ފެށިގެންދާނެކަމަށް، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، ރައްޔިތުންގެ ސުވާލުތަކަށް ޖަވާބު ދެއްވައި، ރައްޔިތުންގެ ކަންބޮޑުވުންތައް އަޑުއެއްސެވުމުގެ ކުރިޔަށްގެންދާ "ރައްޔިތުންނާ އެކު" ޕޮޑްކާސްޓުގައެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ގިނަ ރަށްރަށުގައި އިޖުތިމާއީ އިމާރާތްތައް ނުހުންނާނީ، ރައްޔިތުންގެ ބޭނުންތަކަށާއި އިޖުތިމާއީ ކަންކަމަށް ވެސް ސްކޫލް ހޯލުތަކުގެ ބޭނުން ވަރަށް ބޮޑަށްޖެހޭ ކަމަށެވެ.
ގިނަ ރަށްތަކުގައި އެއީ ހަމައެކަނި ސްކޫލްގެ ބޭނުންތަކަށް އެކަނި ބޭނުންކުރާ ތަންތަނެއް ނޫން. ގިނަ ރަށްރަށަކު ނުހުރޭ ގިނަ ރައްޔިތުން އެއްވެގެން އިންޑޯ ހަރަކާތެއް ބޭއްވޭނެ ތަނެއް ވެސް. ޖަލްސާއެއް ބާއްވާލަން ވިޔަސް، ނޫންނަމަ އެހެންކަހަލަ ބައްދަލުވުމެއް ބާއްވާލަން ވިޔަސް ހުންނަތަނަކީ ސްކޫލްތަކުގެ މަލްޓިޕާޕަސް ހޯލްތައް.
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.
އަދި އޭސީ ކުރުމުގެ މަޝްރޫޢަށް ސްކޫލްތަކުގެ ހޯލުތައް އިތުރުކުރުމަށް ނިންމެވި އެއް ސަބަބަކީ އެއީކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މީގެއިތުރުން މި އަހަރު ހުރިހާ ކްލާސް ރޫމްތަކެއް އޭސީކޮށް ނިންމުމަށްފަހު މިއަންނަ އަހަރު އެކަން ފައްޓަވާނެކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
ސަރުކާރުން ވަނީ މުޅި ރާއްޖޭގައި މިވަގުތުހުރި 3,704 ކްލާސްރޫމް އޭސީ ކުރުމުގެ މަސައްކަތް ވެސް މިހާރު ފަށާފައެވެ. އަދި މި މަސައްކަތް ނިންމުމަށް އަމާޒު ކުރެވިފައިވަނީ ސެޕްޓެމްބަރ މަހުގެ ތެރޭގައިކަމަށާއި، ނަމަވެސް ޔަގީންކަމާއިއެކު މަސައްކަތް މި އަހަރުގެ ނިޔަލަށް ނިންމާލެވޭނެކަމަށް އެ މަނިކުފާނު ވަނީ ވިދާޅުވެފައެވެ.