ވިޔަފާރި

ރާއްޖޭގައި ލޮނު އުފައްދާ ފުރަތަމަ ފެކްޓްރީ ދިއްދޫގައި ހުޅުވައިފި

ރާއްޖޭގައި ލޮނު އުފައްދާ ފުރަތަމަ ފެކްޓްރީ ދިއްދޫގައި ހުޅުވައިފި

ދިއްދޫގެ ފެކްޓްރީން އުފައްދާ ބްރޭންޑުގެ ފުޅިއެއް ---

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

11 އޭޕްރީލު 2025، 04:14

11 އޭޕްރީލު 2025، 04:14

ކެއިންބުއިމުގައި ބޭނުންކުރާ ލޮނު އުފައްދާ ފެކްޓްރީއެއް ހއ. ދިއްދޫގައި ހުޅުވައިފިއެވެ. މިއީ މިފަދަ ފެކްޓްރީއެއް ރާއްޖޭގައި ހުޅުވި ފުރަތަމަ ފަހަރެވެ.

އެމް.ޑީޕް އިންވެސްޓްމަންޓް ކިޔާ އަމިއްލަ ކުންފުންޏަކުން ޤާއިމްކުރި މި ފެކްޓްރީއަކީ ޖަޕާނުގެ ކުންފުންޏަކާ ގުޅިގެން އުފަންކުރުވި ފެކްޓްރީއެކެވެ.

މި ކުންފުނީގެ އަމަލީ މަސައްކަތް މިދިޔަ އަހަރު ފަށާފައިވާއިރު، އޭގެ ކުރިން ރާއްޖޭގެ މޫދުގެ ލޮނުގެ ތަހުލީލުތަކެއް ޖަޕާނުގައިކޮށްފައިވާކަމަށް އެމް. ޑީޕް ކުންފުނިން ވަނީ ހާމަކޮށްފައެވެ. އަދި މި ތަހުލީލުތަކުން އެނގުނު ގޮތުގައި، އެހެން ޤައުމުތަކުގެ ކަނޑުގެ ލޮނާ ޚިލާފަށް ރާއްޖޭގެ ކަނޑުގެ ލޮނުގެ ކޮލިޓީ ރަނގަޅުވެފައި، އޭގެން ސިއްޙަތަށް ފައިދާހުރި މާއްދާތަކުގެ މިންވަރުވެސް މައްޗެވެ. 

މި ތަނުގައި ތިން ބާވަތެއްގެ ލޮނު އުފެއްދުމުގެ މަސައްކަތް ފަށާފައިވާއިރު، މި ތަން ތަރައްޤީކޮށްފައިވަނީ އައްޔާއި ހޫނު ބޭނުންކޮށްގެން ލޮނުފެން ގުދުރަތީގޮތުން ހިއްކައިގެން، ލޮނު އުފައްދާގޮތަށެވެ. މި ފެކްޓްރީގައި އުފައްދާ ލޮނުގެ ތެރޭގައި އާންމުކޮށް ކެއިންބުއިމަށް ބޭނުންކުރާ ލޮނު ހިމެނޭނެއެވެ. އަދި ލޮނުގެ އުފެއްދުންތައް ރާއްޖޭގެ ރިސޯޓްތަކަށާއި، މީހުން ދުރިއުޅޭ ރަށްތަކަށްވެސް މާކެޓްކުރާނެއެވެ.

ލޮނު ބެޗެއް ތައްޔާރުކުރުމަށް ހަފްތާއެއްހާ ދުވަސް ހޭދަވާނެއެވެ. ހިކި ލޮނު ތައްޔާރުކުރާނީ މޫދުން ނަގާ ލޮނު ފިލްޓަރކޮށް ސާފުކުރުމަށްފަހުގައެވެ. ކޮންމެ މަހެއްގައިވެސް ތައްޔާރުކުރާ ލޮނުގެ ބެޗުތައް، ރާއްޖޭގެ އިތުރުން ޖަޕާނުގައިވެސް ޓެސްޓުކުރުމަށް ވަނީ ހަމަޖެހިފައެވެ.

މި ލިޔުން ކިޔާލުމުން

Ads by MSS