ޚަބަރު
މިއަދުގެ ކެބިނެޓް ބައްދަލުވުމުގައި ޖެނެރޭޝަން ބޭންއަށް ގޮތެއް ނިންމަނީ

2024 ޑިސެންބަރުގައި ބޭއްވި ކެބިނެޓް ބައްދަލުވުމެއްގެ ތެރެއިން، ފޮޓޯ: ރައީސް އޮފީސް
މިއަދު އޮންނަ ކެބިނެޓު ބައްދަލުވުމުގައި ދުންފަތުން ރައްކާތެރި ޖީލެއް ބިނާކުރުމަށް ޖެނެރޭޝަނަލް ބޭން ތަޢާރަފު ކުރުމަށް މަޝްވަރާކޮށް، އެކަމަށް ގޮތެއް ނިންމަވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
މި ޚަބަރު ދެއްވުމަށް، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ޙިއްސާކުރި ރައީސުލްޖުމްހޫރިއްޔާގެ ވީޑިއޯގައި އެ މަނިކުފާނު ވަނީ ދުންފަތުގެ އިސްތިޢުމާލުކުރުމުގެ ޙައްސާސްކަމަށް އަލިއަޅުވާލައްވައި، މި ކަމަށް ސަރުކާރުން މިހާ ބޮޑު އަހައްމިއްޔަތެއް ދެއްވާ އެތައް ސަބަބެއް ޙިއްސާ ކުރައްވާފައެވެ.
އެގޮތުން އެ މަނިކުފާނު ވިދާޅުވީ، މޯލްޑިވްސް ހެލްތުގެ ސްޓެޓިސްޓިކްސް ސާރވޭ 2022 އިން ދައްކާ ގޮތުން ރާއްޖޭގައި ގައިންގަޔަށް ނާރާ ބަލިތައް ޖެހުމަށް، އަދި ނުކުޅެދުންތެރިކަމަށް ހުށަހެޅޭ އެންމެ ބޮޑު ސަބަބަކީ ދުންފަތްކަމަށެވެ. އަދި މީގެ އިތުރުން، ރާއްޖޭގައި ގައިންގަޔަށް ނާރާ ތަފާތު ބަލިތައް ޖެހިގެން މަރުވާ މީހުންގެ އަށްޑިހަ އިންސައްތަ މީހުން މަރުވަނީ ދުންފަތުގެ އިސްތިޢުމާލު ކުރުމުގެ ސަބަބުން ޖެހޭ ބަލިތަކުގެ ސަބަބުންކަމަށް ތަފާސް ހިސާބުތަކުން ދައްކާކަމަށް ވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
އަދި 2021 ވަނަ އަހަރު ހަދާފައިވާ، ގައިން ގަޔަށް ނާރާ ބަލިތަކުގެ ސާރވޭގެ ތަފާސް ހިސާބުތަކަށް އަލިއަޅުވާލައްވަމުން އެ މަނިކުފާނު ވިދާޅުވީ، 15 އަހަރާއި 22 އަހަރާއި ދޭތެރޭގެ ޒުވާނުންގެ %21.8 އަކީ ދުންފަތުގެ އިސްތިޢުމާލުކުރާ ޒުވާނުން ކަމަށެވެ.
އެ މަނިކުފާނު ވަނީ ރާއްޖޭގެ އިތުރުން، ދުންފަތުގެ އިސްތިޢުމާލު ކުރުމާ ގުޅޭގޮތުން ދުނިޔޭގައި ހަދާފައިވާ ޔޫތު ޓޮބޭކޯ ސާރވޭއަށް ވެސް އަލިއަޅުވާލައްވާފައެވެ.
އެ ސާވރވޭއިން ދައްކާ ގޮތުން، ސްކޫލް އުމުރުފުރައިގެ ކުދިންގެ ތެރެއިން %45 ކުދިންނަކީ ދުންފަތް ނުވަތަ ކޮންމެވެސް ބާވަތެއްގެ ނިކޮޓިންއެއް ބޭނުންކުރާ ކުދިން. އެހެންކަމުން މިއީ ރާއްޖެފަދަ ކުޑަ އާބާދީއެއްގައި ވަރަށް ސީރިއަސްކޮށް ވިސްނަންޖެހޭ ކަމެއް.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ދުންފަތުގެ އިސްތިއުމާލު ކުރުން މަނާކުރުމަށް އެންމެ އެކަށީގެންވާ އުމުރުފުރާ ކަނޑައެޅުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޢާންމުންގެ ޚިޔާލަށް ހުޅުވާލެއްވިއެވެ. އެގޮތުން ދުންފަތް މަނާކުރުމަށް އެ މަނިކުފާނު ވިސްނަވާ ތިން އުމުރުފުރާއެއް ހުށަހަޅުއްވާފައިވެއެވެ. އެއީ 2007 ވަނަ އަހަރުގެ ޖެނުއަރީ 1އިން ފެށިގެން އުފަންވީ އަދި އުފަންވާނެ ހުރިހާ ކުދިންނަށް ދުންފަތުގެ އިސްތިއުމާލު ކުރުން މަނާކުރުން، ނުވަތަ 2004 ވަނަ އަހަރުގެ ޖެނުއަރީ 1އިން ފެށިގެން އުފަންވީ އަދި އުފަންވާނެ ހުރިހާ ކުދިންނަށް ދުންފަތުގެ އިސްތިއުމާލު ކުރުން މަނާކުރުން، ނުވަތަ 2000 ވަނަ އަހަރުގެ ޖެނުއަރީ 1އިން ފެށިގެން އުފަންވީ އަދި އުފަންވާނެ ހުރިހާ ކުދިންނަށް ދުންފަތުގެ އިސްތިއުމާލު ކުރުން މަނާކުރުމެވެ.
ދުންފަތުގެ އިސްތިއުމާލުކުރުމުން ދުރުކުރުމަށް، “ޖެނެރޭޝަނަލް ބޭން” ކަނޑައެޅުއްވުމާމެދު ގޮތެއް ނިންމެވުމަށް މިއަދުގެ ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި މަޝްވަރާކުރައްވާނެ pic.twitter.com/PGdsaWRMsA
— The President's Office (@presidencymv) April 13, 2025
މި ހުށަހެޅުންތަކަށް އަލިއަޅުވާލައްވަމުން މިއަދު ދެއްވި ވީޑިއޯ މެސެޖުގައި ރައީސް ވިދާޅުވީ، 2007 ވަނަ އަހަރުގެ ޖެނުއަރީ 1 އިން ފެށިގެން އުފަންވެފަ ތިބި ކުދިންނަކީ ރާއްޖޭގެ ޖުމްލަ އާބާދީގެ %30.1 ކަމަށެވެ. އެހެންކަމުން މި ކަމުގައި އެންމެން ގުޅިގެން މަސައްކަތް ކުރަންޖެހޭކަމަށް ރައީސް ވިދާޅުވިއެވެ.
އަޅުގަނޑު ޤަބޫލުކުރާ ގޮތުގައި ރައްޖޭގެ ޒުވާނުންނާއި އަދި ޖުމްލަކޮށް ރާއްޖޭގެ މުޅި އާބާދީ ދުންފަތުގެ އިސްތިޢުމާލުކުރުމުން ޖެހޭ ގައިންގަޔަށް ނާރާ ބަލިތައް، އޭގެ ތެރޭގައި ކެންސަރު ބައްޔާއި، ހިތުގެ ބައްޔާއި، މިހެން ގޮސް އެކިކަހަލަ ބަލިތައް، މި ބަލިތަކުން ސަލާމަތްކޮށްދިނުމަށްޓަކައި އަޅުގަނޑުމެން އެންމެން ގުޅިގެން އެބަޖެހޭ މަސައްކަތްތަކެއް ކުރަން. އެގޮތުން ޖެނެރޭޝަނަލް ބޭންއެއް ގެނައުމަކީ ވަރަށް މުހިންމު ކަމެއްގެ ގޮތުގައި އަޅުގަނޑު ދެކެން.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
އެހެންކަމުން، މިކަމަށް ހެދުނު ދިރާސާތަކުގެ އަލީގައި މިއަދުގެ ކެބިނެޓު ބައްދަލުވުމުގައި މިކަމަށް ގޮތެއް ނިންމަވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ.