ޚަބަރު
މުލީ އެއަރޕޯޓު ހުޅުވުމުގެ ތައްޔާރީތައް އެންމެފަހު މަރުޙަލާގައި

މުލީ އެއަރޕޯޓް ގެ ޓަރމިނަލް ފޮޓޯ: އެމްޓީސީސީ
މުލީ އެއަރޕޯޓު ހުޅުވުމުގެ އެންމެ ފަހުގެ ތައްޔާރީތައް ދަނީ ކުރެވެމުންކަމަށް ރީޖަނަލް އެއަރޕޯޓްސްއިން މިއަދު ހާމަކޮށްފިއެވެ. މިމަހުގެ ތެރޭގައި އެއަރޕޯޓު ހުޅުވުމަށް އެކުންފުނިން ދަނީ ތައްޔާރުވަމުންނެވެ.
ރާއްޖޭގެ ކޮންމެ އަތޮޅެއްގައި އެއަރޕޯޓެއް ތަރައްޤީކުރުމުގެ ސަރުކާރުގެ ތަސައްވުރުގެ ދަށުން، މ. މުލީގައި އެއަރޕޯޓެއް ތަރައްޤީކުރުމުގެ މަސައްކަތް ފެށުނީ 2021 ވަނަ އަހަރުއެވެ. އެއަރޕޯޓުގެ މަސައްކަތް ނިންމައި ޚިދުމަތް ފެށުމަށް އަމާޒުކުރެވުނީ 2023 ވަނަ އަހަރުގައި ނަމަވެސް، އެކި ސަބަބުތަކާ ހުރެ އެ މުއްދަތުގައި މަސައްކަތް ނިންމާލެވިފައެއް ނުވެއެވެ.
ރީޖަނަލް އެއަރޕޯޓްސްގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު މުބީން ވިދާޅުވީ، އެއަރޕޯޓުގެ ގިނަ މަސައްކަތްތައް މިހާރު ނިމިފައިވާ ކަމަށާއި، މިމަހުގެ 25 ވަނަ ދުވަހު ޓެސްޓު ފްލައިޓުތައް ބޭއްވުމަށް ތައްޔާރުވަމުންދާ ކަމަށެވެ.
އެއަރޕޯޓުގެ ސަލާމަތާއި ރައްކާތެރިކަމުގެ މިންގަނޑުތަކަށް ފެތޭތޯ ބެލުމަށް ކުރިއަށްގެންދާ އިންސްޕެކްޝަންތައް މިހަފްތާގެ ތެރޭގައި ކުރިއަށް ގެންދިޔުމަށް، މިނިސްޓްރީ އޮފް ޑިފެންސްގެ ޑައިރެކްޓްރޭޓް އޮފް އެވިއޭޝަން ސެކިއުރިޓީ އެޑްމިނިސްޓްރޭޝަން (ޑާސާ) އާއި ސިވިލް އެވިއޭޝަން އޮތޯރިޓީގެ ޓީމުތައް ދާނެ ކަމަށް މުބީން ވިދާޅުވިއެވެ.
މުބީން އިތުރަށް ވިދާޅުވީ، އެއަރޕޯޓުގެ ފަޔަރ ޓްރަކް މިހަފްތާގެ ފަހުކޮޅު ނުވަތަ އަންނަ ހަފްތާގެ ތެރޭގައި ރާއްޖެއަށް އަންނާނެ ކަމަށް ކޮންޓްރެކްޓަރު މަޢުލޫމާތު ދެއްވާފައިވާ ކަމަށެވެ. މި މަޝްރޫޢުގެ ދަށުން މުލީގައި 1200 މީޓަރު ދިގު އަދި 30 މީޓަރު ފުޅާ ރަންވޭއެއް ޤާއިމުކުިމުކުރުމުގެ މަސައްކަތް ދަނީ ކުރެވެމުންނެވެ. މި މަޝްރޫޢުއަށް ސަރުކާރުން 221 މިލިއަނަށްވުރެ ގިނަ ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ.
އާބާދީގައި 8000 މީހުން ދިރިއުޅެމުންދާ މ. އަތޮޅުގައި ތަރައްޤީކުރާ މި އެއަރޕޯޓަކީ އެ އަތޮޅުގެ ރައްޔިތުންގެ އުއްމީދާ ގުޅިފައިވާ ކަމެކެވެ. މި މަޝްރޫޢާއެކު އެ ސަރަޙައްދުގެ ފަތުރުވެރިކަން އިތުރު ހަރުފަތަކަށް ދާނެ ކަމަށް އެ ސަރަޙައްދުގެ ރައްޔިތުން ޤަބޫލުކުރެއެވެ.