Ads by Aqeeqa Maldives

ޚަބަރު

2007 ޖެނުއަރީ 1 އިން ފެށިގެން އުފަންވެފައިވާ ކުދިންނަށް ޖެނެރޭޝަނަލް ބޭން ތަންފީޒު ކުރުމަށް ނިންމައިފި

2007 ޖެނުއަރީ 1 އިން ފެށިގެން އުފަންވެފައިވާ ކުދިންނަށް ޖެނެރޭޝަނަލް ބޭން ތަންފީޒު ކުރުމަށް ނިންމައިފި

25 ޑިސެންބަރު 2023 ގައި އޮތް ކެބިނެޓު ބައްދަލުވުން، ފޮޓޯ: ރައީސް އޮފީސް

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

13 އޭޕްރީލު 2025، 08:37

13 އޭޕްރީލު 2025، 08:37

އުމުރުން 19 އަހަރުން ދަށުގެ ޒުވާނުންނާއި ކުދިންނަށް ދުންފަތާ ގުޅޭ ޖެނެރޭޝަނަލް ބޭން ތަންފީޒު ކުރުމަށް މިއަދު ބޭއްވި ކެބިނެޓު ބައްދަލުވުމުގައި ނިންމައިފިއެވެ.

އެގޮތުން، ކެބިނެޓުން ނިންމާފައިވަނީ 1 ޖެނުއަރީ 2007 ގެ ފަހުން އުފަންވެފައިވާ އަދި އުފަންވާ ކުދިންނަށް ދުންފަތުގެ ބާވަތްތައް ގަތުމާއި ވިއްކުމާއި، ދުންފަތުގެ އިސްތިއުމާލު ކުރުން  މަނާކުރުމަށެވެ. 

އަދި މި ނިންމުމާ ގުޅިގެން  ޤާނޫނާއި ގަވާއިދުތަކަށް ގެންނަންޖެހޭ އިޞްލާޙުތައް ގެނައުމަށްޓަކައި ތަންފީޒީ އިދާރާތަކުން ކުރަންޖެހޭ ކަންކަންކޮށް ނިންމުމަށްފަހު، 1 ނޮވެންބަރު 2025 ގައި މި ޤާނޫނު ތަންފީޒުކުރަން ފެށުމަށް ވެސް ވަނީ ނިންމާފައެވެ.

މި މިންގަނޑުން ބަލާނަމަ، މި ޤާނޫނު ތަންފީޒު ކުރުމަށް ކަނޑައަޅާފައިވާ ކުދިންގެ ތެރެއިން އެންމެ ދޮށީ ކުދިންނަށް، މި އަހަރުގެ ޖެނުއަރީ 1 ވަނަ ދުވަހަށް 19 އަހަރު ފުރޭނެއެވެ. އަދި މި ޤާނޫނު ތަންފީޒު ކުރަންފަށާއިރު، މި އަހަރު 19 އަހަރު ފުރިފައިވާ ކުދިންނާއި އެއަށް ވުރެ ހަގު ކުދިންނަށް މި ނިންމުމާ ގުޅިގެން ދުންފަތް ބޭނުން ކުރުން މަނާވާނެއެވެ.

ދުންފަތުން ރައްކާތެރި ޖީލެއް ބިނާކުރުމަކީ މި ސަރުކާރުގެ ވަރަށް ބޮޑު އަމާޒެކެވެ. މިކަމުގެ މުހިންމުކަމަށް އަލިއަޅުވާލައްވައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މިއަދު ދެއްވި ވީޑިއޯ މެސެޖެއްގައި ވިދާޅުވީ، މޯލްޑިވްސް ހެލްތުގެ ސްޓެޓިސްޓިކްސް ސާރވޭ 2022 އިން ދައްކާ ގޮތުން ރާއްޖޭގައި ގައިންގަޔަށް ނާރާ ބަލިތައް ޖެހުމަށް، އަދި ނުކުޅެދުންތެރިކަމަށް ހުށަހެޅޭ އެންމެ ބޮޑު ސަބަބަކީ ދުންފަތްކަމަށެވެ. އަދި މީގެ އިތުރުން، ރާއްޖޭގައި ގައިންގަޔަށް ނާރާ ތަފާތު ބަލިތައް ޖެހިގެން މަރުވާ މީހުންގެ އަށްޑިހަ އިންސައްތަ މީހުން މަރުވަނީ ދުންފަތުގެ އިސްތިޢުމާލު ކުރުމުގެ ސަބަބުން ޖެހޭ ބަލިތަކުގެ ސަބަބުންކަމަށް ތަފާސް ހިސާބުތަކުން ދައްކާކަމަށް ވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. 

އަދި 2021 ވަނަ އަހަރު ހަދާފައިވާ، ގައިން ގަޔަށް ނާރާ ބަލިތަކުގެ ސާރވޭގެ ތަފާސް ހިސާބުތަކަށް އަލިއަޅުވާލައްވަމުން އެ މަނިކުފާނު ވިދާޅުވީ، 15 އަހަރާއި 22 އަހަރާއި ދޭތެރޭގެ ޒުވާނުންގެ %21.8 އަކީ ދުންފަތުގެ އިސްތިޢުމާލުކުރާ ޒުވާނުން ކަމަށެވެ.

އެ މަނިކުފާނު ވަނީ ރާއްޖޭގެ އިތުރުން، ދުންފަތުގެ އިސްތިޢުމާލު ކުރުމާ ގުޅޭގޮތުން ދުނިޔޭގައި ހަދާފައިވާ ޔޫތު ޓޮބޭކޯ ސާރވޭއަށް ވެސް އަލިއަޅުވާލައްވާފައެވެ.

އެ ސާވރވޭއިން ދައްކާ ގޮތުން، ސްކޫލް އުމުރުފުރައިގެ ކުދިންގެ ތެރެއިން %45 ކުދިންނަކީ ދުންފަތް ނުވަތަ ކޮންމެވެސް ބާވަތެއްގެ ނިކޮޓިންއެއް ބޭނުންކުރާ ކުދިން. އެހެންކަމުން މިއީ ރާއްޖެފަދަ ކުޑަ އާބާދީއެއްގައި ވަރަށް ސީރިއަސްކޮށް ވިސްނަންޖެހޭ ކަމެއް.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ދުންފަތުގެ އިސްތިއުމާލު ކުރުން މަނާކުރުމަށް އެންމެ އެކަށީގެންވާ އުމުރުފުރާ ކަނޑައެޅުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޢާންމުންގެ ޚިޔާލަށް ހުޅުވާލެއްވިއެވެ. އެގޮތުން ދުންފަތް މަނާކުރުމަށް އެ މަނިކުފާނު ވިސްނަވާ ތިން އުމުރުފުރާއެއް ހުށަހަޅުއްވާފައިވެއެވެ. އެއީ  2007 ވަނަ އަހަރުގެ ޖެނުއަރީ 1އިން ފެށިގެން އުފަންވީ އަދި އުފަންވާނެ ހުރިހާ ކުދިންނަށް ދުންފަތުގެ އިސްތިއުމާލު ކުރުން މަނާކުރުން، ނުވަތަ 2004 ވަނަ އަހަރުގެ ޖެނުއަރީ 1އިން ފެށިގެން އުފަންވީ އަދި އުފަންވާނެ ހުރިހާ ކުދިންނަށް ދުންފަތުގެ އިސްތިއުމާލު ކުރުން މަނާކުރުން، ނުވަތަ 2000 ވަނަ އަހަރުގެ ޖެނުއަރީ 1އިން ފެށިގެން އުފަންވީ އަދި އުފަންވާނެ ހުރިހާ ކުދިންނަށް ދުންފަތުގެ އިސްތިއުމާލު ކުރުން މަނާކުރުމެވެ. 

މި ހުށަހެޅުންތަކަށް އަލިއަޅުވާލައްވަމުން މިއަދު ދެއްވި ވީޑިއޯ މެސެޖުގައި ރައީސް ވިދާޅުވީ، 2007 ވަނަ އަހަރުގެ ޖެނުއަރީ 1 އިން ފެށިގެން އުފަންވެފަ ތިބި ކުދިންނަކީ ރާއްޖޭގެ ޖުމްލަ އާބާދީގެ %30.1 ކަމަށެވެ. އެހެންކަމުން މި ކަމުގައި އެންމެން ގުޅިގެން މަސައްކަތް ކުރަންޖެހޭކަމަށް ރައީސް ވިދާޅުވިއެވެ.

އަޅުގަނޑު ޤަބޫލުކުރާ ގޮތުގައި ރައްޖޭގެ ޒުވާނުންނާއި އަދި ޖުމްލަކޮށް ރާއްޖޭގެ މުޅި އާބާދީ ދުންފަތުގެ އިސްތިޢުމާލުކުރުމުން ޖެހޭ ގައިންގަޔަށް ނާރާ ބަލިތައް، އޭގެ ތެރޭގައި ކެންސަރު ބައްޔާއި، ހިތުގެ ބައްޔާއި، މިހެން ގޮސް އެކިކަހަލަ ބަލިތައް، މި ބަލިތަކުން ސަލާމަތްކޮށްދިނުމަށްޓަކައި އަޅުގަނޑުމެން އެންމެން ގުޅިގެން އެބަޖެހޭ މަސައްކަތްތަކެއް ކުރަން. އެގޮތުން ޖެނެރޭޝަނަލް ބޭންއެއް ގެނައުމަކީ ވަރަށް މުހިންމު ކަމެއްގެ ގޮތުގައި އަޅުގަނޑު ދެކެން.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މި ލިޔުން ކިޔާލުމުން

Ads by MSS