ކުޅިވަރު

އަލާވޭޒްއާ ދެކޮޅަށް ކުޅުނު މެޗުގައި ރަތް ކާޑަކާއެކު އެމްބައްޕޭ ދަނޑުން ފޮނުވާލައިފި

އަލާވޭޒްއާ ދެކޮޅަށް ކުޅުނު މެޗުގައި ރަތް ކާޑަކާއެކު އެމްބައްޕޭ ދަނޑުން ފޮނުވާލައިފި

މި ރަތް ކާޑާ ގުޅިގެން އެމްބައްޕޭއަށް އެއް މެޗު ނުކުޅެވޭނެ ---

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

14 އޭޕްރީލު 2025، 07:21

14 އޭޕްރީލު 2025، 07:21

ސްޕެނިޝް ލަ ލީގާގައި ރެއާލް މެޑްރިޑާއި އަލާވޭޒް ބައްދަލުކުރި މެޗުގައި ކީލިއަން އެމްބައްޕޭ ކުރި ނުރައްކާތެރި ފައުލަކާ ގުޅިގެން، ރަތް ކާޑަކާއެކު އޭނާ ދަނޑުން ފޮނުވާލައިފިއެވެ. ނަމަވެސް މި މެޗު 1-0 އިން ކާމިޔާބުކޮށް ރެއާލް ވަނީ ލީގުގެ އެއްވަނައިގައި އޮތް ބާސެލޯނާއާ ދެމެދު އޮތް ފަރަގު 4 ޕޮއިންޓަށް ކުޑަކޮށްފައެވެ.

މި މެޗުގައި އެމްބައްޕޭއަށް ފުރަތަމަ ދެއްކީ ރީނދޫ ކާޑެކެވެ. ނަމަވެސް ވީޑިއޯ އެސިސްޓެންޓް ރެފްރީ (ވީއޭއާރު) ގެ ލަފަޔާއެކު، އެ ހާދިސާ ހިނގާދިޔަ ގޮތް ދަނޑުގައި އިންނަ މޮނިޓަރުން ބެލުމަށްފަހު ރެފްރީގެ ކުރީގެ ނިންމުން ބަދަލުކޮށް، ކުރިން ދެއްކި ރީނދޫ ކާޑު ބާތިލުކޮށް، ރަތް ކާޑަކަށް ބަދަލުކުރިއެވެ.

މި ހާދިސާ ހިނގާފައިވަނީ، ރެއާލްއަށް އެޑުއާޑޯ ކަމަވިންގާ ލީޑު ނަގައިދިންތާ ހަތަރު މިނެޓު ފަހުންނެވެ. ކަނާތް ފަރާތުގައި ހުރެފައި ކަމަވިންގާ ވާތުފައިން ދުރުކަނަށް ފޮނުވާލި ބޯޅަ ދެ ޑިފެންޑަރުންގެ ދޭތެރެއިން ގޮސް ގޯލަށް ވަތްއިރު އަލާވޭޒްގެ ކީޕަރަށް ކުރެވޭނެ މާބޮޑު ކަމެއް ނެތެވެ. 

މި މެޗުގައި އަލާވޭޒްގެ ނުރައްކާތެރި ހަ ހަމަލާއެއް ވަނީ ރެއާލްގެ ގޯލްކީޕަރު ތިއާބަތު ކޯޓްވާ މަތަކޮށްފައެވެ. އެ ޓީމުން ގޯލެއް ކާމިޔާބު ކުރުމަށް ކުރަމުން ދިޔަ މަސައްކަތަށް އިތުރު ގޮންޖެހުމަކަށްވީ، އެ ޓީމުގެ ޑިފެންޑަރު، މެނޫ ސަންޗޭޒްއަށް  މެޗުގެ 70 ވަނަ މިނެޓުގައި ރަތް ކާޑެއް ދެއްކުމެވެ. ސަންޗޭޒްއަށް ރަތް ކާޑު ދެއްކީ ވިނީސިއަސް ޖޫނިއަރއަށް ކުރި ފައުލަކާ ގުޅިގެންނެވެ.

މި މެޗުގައި ވިނީސިއަސް އާއި ޖޫޑް ބެލިންގްހަމް ކުޅެން ނިކުމެފައި ވަނީ ބަދަލު ކުޅުންތެރިންގެ ގޮތުގައެވެ. ބެލެވޭ ގޮތުގައި މި ކުޅުންތެރިން މި މެޗުގައި މަދުން ބޭނުންކުރީ ޗެމްޕިއަންސް ލީގުގެ ދެވަނަ ލެގުގައި އާސެނަލްއާ ދެކޮޅަށް ކުޅޭ މެޗަށް ތައްޔާރުވުމަށެވެ.

މި މެޗުގައި އެމްބައްޕޭއަށް ދެއްކި ރަތް ކާޑާ ގުޅިގެން، އަމިއްލަ ދަނޑުގައި އެތުލެޓިކް ބިލްބާއޯއާ ބައްދަލުކުރާ މެޗުގައި އޭނާއަށް ނުކުޅެވޭނެއެވެ.

ލީގުގައި ރެއާލްއަށް ދެން އޮތް އެންމެ ބޮޑު މެޗަކީ މެއި 11 ގައި ބާސެލޯނާއާ ދެކޮޅަށް ރަށުން ބޭރުގައި ކުޅޭ މެޗެވެ. ބެލެވޭ ގޮތުގައި ލީގު ކަނޑައެޅިގެން ދާނީ މި މެޗުގައެވެ.

މި ލިޔުން ކިޔާލުމުން

Ads by MSS