ކުޅިވަރު / ޚަބަރު
އޭޝިއާގެ 18 އަހަރުން ދަށުގެ އެތުލެޓިކްސް މުބާރާތަށް ރާއްޖޭގެ އެތުލީޓުން ސައުދީއަށް ފުރައިފި

މި މުބާރާތުގައި ވާދަކުރާ ރާއްޖޭގެ އެތުލީީޓުން/ފޮޓޯ: އެތުލެޓިކްސް އެސޯސިއޭޝަން
އޭޝިއާގެ 18 އަހަރުން ދަށުގެ އެތުލެޓިކްސް މުބާރާތުގައި ދިވެހިރާއްޖެ ތަމްސީލުކުރާ ރާއްޖޭގެ އެތުލީޓުން ސައުދީ ޢަރަބިއްޔާއަށް ފުރައިފިއެވެ.
އޭޝިއާގެ 18 އަހަރުން ދަށުގެ 6 ވަނަ އެތުލެޓިކްސް މުބާރާތުގައި ރާއްޖެއިން ވާދަކުރާ ޓީމުގައި ހިމެނެނީ، ދެ ފިރިހެން އެތުލީޓުންނާއި ތިން އަންހެން އެތުލީޓުންނެވެ.
މި މުބާރަތުގައި ވާދަކުރާ ރާއްޖޭގެ ފިރިހެން ޓީމުގައި ހިމެނެނީ 100 މީޓަރާއި 200 މީޓަރު ދުވުމުގައި ވާދަކުރާ އަހުނަފް ރައްޔާން ފަހުމީ އަދި ހައި ޖަމްޕުގައި ވާދަކުރާ ޔޫސުފް ނާއިކް ވަޖީހުއެވެ. މީގެ އިތުރުން އަންހެން އެތުލީޓުންގެ ޓީމުގައި ހިމެނެނީ، 200 މީޓަރު އަދި 400 މީޓަރު ދުވުމުގައި ބައިވެރިވާ އައިމިނަތް ލުހްޔާ އަހުމަދު އާއި، 800 މީޓަރާއި 1500 މީޓަރު ދުވުމުގައި ވާދަކުރާ ޒީކް އަޝްރަފް ރަޝީދު، އަދި 100 މީޓަރާއި 200 މީޓަރު ދުވުމުގައި ވާދަކުރާ ރައިން މުހައްމަދުއެވެ.
މި އަހަރުގެ އޭޝިއާ 18 އަހަރުން ދަށުގެ މުބާރާތް ކުރިއަަށް ދާނީ މިމަހުގެ 15 ވަނަ ދުވަހުން ފެށިގެން 18 ވަނަ ދުވަހުގެ ނިޔަލަށް ސައުދީ ޢަރަބިއްޔާގެ ދައްމާމްގައެވެ. މިއަހަރުގެ މުބާރާތުގައި ޖުމްލަ 24 ޤައުމަކުން ވާދަކުރާނެއެވެ.