ކުޅިވަރު
އިނގިރޭސި ކްލަބެއްގެ ޙިއްސާ މޮޑްރިޗް ގަނެފި

ލޫކާ މޮޑްރިޗް ރެއާލްއާއެކު ހަދާފައިވާ އެއްބަސްވުން މި ސީޒަނަށް ހަމަވާނެ ---
ރެއާލް މެޑްރިޑް އަދި ކްރޮއޭޝިއާގެ ތަރި ލޫކާ މޮޑްރިޗް، އިނގިރޭސި ކްލަބެއްގެ ޙިއްސާ ގަނެފިއެވެ.
މޮޑްރިޗް ގަނެފައިވަނީ އިނގިރޭސި ދެވަނަ ޑިވިޝަނުގައި މިހާރު ވާދަކުރަމުން އަންނަ ސްވޯންސީ ސިޓީގެ ޙިއްސާއެވެ. އެހެންކަމުން، އެންޑީ ކޯލްމަން، ބްރެޓް ކްރެވެޓް، ނިގެލް މޮރިސް އަދި ޖޭސަން ކޮހެންއާއެކު އުމުރުން 39 އަހަރުގެ މިޑްފީލަޑަރ މޮޑްރިޗްއަކީ ވެސް މިހާރު ސްވޯންސީގެ ވެރިއެކެވެ.
މޮޑްރިޗް ގަނެފައިވަނީ، ކުރިން އެ ކްލަބުގެ އެންމެ ބޮޑު ޙިއްސާއެއް އޮތް ޖޭސަން ލެވިއެން އާއި ސްޓީވް ކެޕްލަންގެ ޙިއްސާއެވެ. މި މުއާމަލާތް ހިނގާފައިވަނީ މިދިޔަ އަހަރުގެ ނޮވެންބަރު މަހުއެވެ. ނަމަވެސް މިކަމަށް އޭނާ ހޭދަކުރީ ކިހާ ފައިސާއެއް ކަމެއް އެނގިފައެއް ނުވެއެވެ.
މި ކްލަބުގެ ޙިއްސާ ގަތުމާ ގުޅިގެން މޮޑްރިޗް ބުނީ، އެއީ އޭނާ ވަރަށް ގަޔާވާ ކަމެއްކަމަށާއި، ސްވޯންސީއަކީ ގިނަ ބަޔަކު ދަންނަ އަދި ސަޕޯޓަރުން ގިނަ ކްލަބެއް ކަމަށެވެ. އަދި ފުރަތަމަ ޑިވިޝަނަށް އަނބުރާ އައިސް އެ ލީގުގައި ވާދަކުރުމުގެ ގަދަ އަޒުމުގައި އެ ޓީމުން މަސައްކަތް ކުރަމުން ދިއުމީ، އޭނާގެ އެ ނިންމުމަށް އެހީތެރިވި ކަންކަންކަމަށް ފާހަގަކުރިއެވެ.
މީގެ އިތުރުން، މޮޑްރިޗްގެ ތަޖުރިބާ ޙިއްސާކޮށް ޓީމުގެ ކުރިއެރުމަށް ހެޔޮ ބަދަލުތަކެއް ގެނެވޭނެކަމަށް އުއްމީދުކުރެވޭ ކަމަށް ވެސް މޮޑްރިޗް ވަނީ ބުނެފައެވެ.
މޮޑްރިޗު ސްވޯންސީގެ ޙިއްސާ ގަތުމާ ގުޅިގެން އެ ކްލަބުން ބުނީ، މޮޑްރިޗް ފަދަ ޝަޙްސިއްޔަތެއް ކްލަބުގެ ޙިއްސާ ގަތުމަކީ، އެ ކްލަބުން ކުރިމަގަށް ކުރާ އުއްމީދު ދައްކުވައިދޭ ކަމެއްކަމަށެވެ. އެގޮތުން، ދުނިޔޭގެ ސަމާލުކަން އެ ކްލަބަށް ހޯދައިދީ، ދަނޑުތެރެއާއި ދަނޑުން ބޭރުގައި އޭނާ ގިނަ މަސައްކަތްތަކެއް ކުރާނެ ކަމަށް ކްލަބުން ވަނީ ހާމަކޮށްފައެވެ.
އެންމެ ފަހުގެ ފިސްކަލް އަހަރުގައި ޓެކްސް ދެއްކުމުގެ ކުރިން އެ ކަލަބަށް ވަނީ 15.2 މިލިއަން ޕައުންޑުގެ ގެއްލުމެއް ވެފައެވެ. ނަމަވެސް އެއީ އޭގެ ކުރީ އަހަރާ އަޅާބަލާއިރު 2.7 މިލިއަން ޕައުންޑުގެ ކުރިއެރުމެއް ކަމަށް ވެސް ސްވޯންސީއިން ހާމަކޮށްފައިވެއެވެ.
ސްވޯންސީ ވަނީ 2011 ވަނަ އަހަރުން ފެށިގެން ޖެހިޖެހިގެން 7 ސީޒަނުގައި ޕްރިމިއާރ ލީގުގައި ވާދަކޮށްފައެވެ. އެ ޓީމު ޗެމްޕިއަންޝިޕަށް ރެލިގޭޓުވީ 2017/18 ސީޒަނަށްފަހުއެވެ.