ޚަބަރު
އިޒްރާއިލްގެ ޕާސްޕޯޓުގައި ރާއްޖެ އެތެރެވުން މަނާކުރުމަށް މަޖިލީހުން ފާސްކޮށްފި

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ކުރިއަށްދަނީ.ފޮޓޯ: މަޖިލިސް
އިޒްރާއިލްގެ ޕާސްޕޯޓުގައި ރާއްޖެ އެތެރެވުން މަނާކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.
އިޒްރާޢީލުގެ ޕާސްޕޯޓުގައި ރާއްޖެއަށް އެތެރެވުން މަނާކުރުމަށް މޯލްޑިވްސް އިމިގްރޭޝަންގެ ޤާނޫނަށް މަޖިލީހުން ގެންނެވި އިޞްލާހުގައި ވަނީ 7 އޮކްޓޫބަރު 2023އިން ފެށިގެން އިޒްރާއީލުން ފަލަސްތީނުގެ ރައްޔިތުންނާމެދު ހިންގަމުންދާ ލާއިންސާނީ ޢަމަލުތައް ހުއްޓުމަކަށް އަންނަންދެން، އިސްރާއީލްގެ ޕާސްޕޯޓުގައި ދިވެހިރާއްޖެއަށް އެތެރެވުމަކީ މަނާކަމެއްކަމަށެވެ.
މިގޮތައް ފާސްކުރިނަމަވެސް ޑުއެލް ޕާސްޕޯޓު އޮންނަ ފަރާތްތަކަށް ރާއްޖެ އެތެރެވެވޭނެއެވެ. އެގޮތަށް ފާސްކުރީ މޯލްޑިވްސް އިމިގްރޭޝަންގެ ލަފައާއި ގުޅިގެންނެވެ.
ކޮމިޓިން ގެންނެވި އިޞްލާހަށް ވާހަކަފުޅު ދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަޙްމަދު ނާޒިމް ވިދާޅުވެފައިވަނީ މޯލްޑިވްސް އިމިގްރޭޝަނުން ދެއްވި ލަފައަކީ ދެޤައުމަކަށް ނިސްބަތްވާ ރައްޔިތުން ނުވަތަ ޑުއަލް ސިޓިޒަންޝިޕްގެ މީހުން ނުވަތަ އިޒްރާޢީލުގެ ރައްޔިތެއް އެހެން ޤައުމެއްގެ ޕާސްޕޯޓުގައި އެތެރެވުން ބެލޭނެގޮތެއް ނޯންނަކަމަށެވެ. އެހެންކަމުން މިއީ އިމިގްރޭޝަންގެ ލަފައަށް ރިޔާއަތްކޮށް ގެނައި އިޞްލާހެއްކަމަށް ނާޒިމް ވިދާޅުވިއެވެ.
އިމިގްރޭޝަންގެ ޤާނޫނަށް ގެނައި މި އިޞްލާހަށް މަޖިލީހުގެ ގިނަ މެންބަރުން ވަނީ ތާޢީދުކޮށްފައެވެ. އެގޮތުން މި އިޞްލާހު ފާސްވީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 83 މެންބަރުންގެ އިއްތިފާޤުންނެވެ.