ވިޔަފާރި
އުގެނުމުގެ ފެންވަރު ދެނެގަތުމަށް ކުރިއަށްގެންދާ ޤައުމީ އެސެސްމަންޓް މިމަހު 27ގައި ބާއްވަނީ

ސްކޫލް ދަރިވަރެއް އިމްތިޙާނެއްގައި ބައިވެރިވަނީ
އުގެނުމުގެ ފެންވަރު ދެނެގަތުމަށް ކުރިއަށްގެންދާ ޤައުމީ އެސިސްމަންޓް މިމަހު 27ގައި ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް ތަޢުލީމީ ވުޒާރާއިން ހާމަކޮށްފިއެވެ.
ތައުލީމީ ވުޒާރާއިން ބުނެފައިވަނީ މި ދިރާސީ އަހަރުގެ ފުރަތަމަ ޓާމުގައި ހިސާބު، އިނގިރޭސި އަދި ސައިންސް މާއްދާއިން މިއެސެސްމެންޓް ދޭނެކަމަށެވެ. މި މާއްދާތަކުގެ އިމްތިހާނުތައް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ މިމަހުގެ 27 އިން 29 ވަނަ ދުވަހަށެވެ. އަދި ދެވަނަ ޓާމުގައި ދިވެހި، އިސްލާމް މި ދެ މާއްދާގެ އެސެސްމެންޓް ދިނުމަށް ހަމަޖެހިފައިވާއިރު، މި މާއްދާތަކުގެ އިމްތިހާން އޮންނާނީ ސެޕްޓެމްބަރު 2 އިން 3 އަށްކަމަށް އެ ވުޒާރާއިން ބުނެފައިވެއެވެ.
ތައުލީމީ ވުޒާރާއިން ބުނެފައިވަނީ މިއަހަރަކީ އިސްލާމް މާއްދާއިން ނާލޯ ފަދަ އެސެސްމެންޓެއް ދެވޭ ފުރަތަމަ ފަހަރުކަމަށެވެ. މީގެކުރިން މި އެސެސްމަންޓް ކުރިއަށް ގެންގޮސްފައިވަނީ ކީސްޓޭޖް-1 އަދި ކީސްޓޭޖް-2 ނިންމާ މަރުހަލާގައެވެ.
ނާލޯ އަކީ ދިވެހިރާއްޖޭގެ ތަޢުލީމީ ނިޒާމުގެ ޙާލަތާއި، ސްކޫލުތަކުގައި ތަންފީޒުކުރަމުން އަންނަ ޤައުމީ މަންހަޖުގައި ހުރި ރަނގަޅު ކަންކަމާއި، ރަނގަޅު ކުރަންޖެހޭ ކަންކަން ދެނެގަނެ، ދަރިވަރުންނަށް ފޯރުކޮށްދެވޭ ތަޢުލީމުގެ ފެންވަރު މަތިކުރުމަށްޓަކައި ސިލްސިލާކޮށް ކުރިއަށްގެންދާ އެސެސްމެންޓެކެވެ.