ކުޅިވަރު
ބޮޑު ތަފާތަކުން ޕެލެސް ބަލިކޮށް ނިއުކާސްލް ލީގުގެ ތިން ވަނައަށް

ނިއުކާސްލް އިން ގޯލު ކާމިޔާބުކުރުމަށްފަހު އުފާފާޅުކުރަނީ، ފޮޓޯ: ގެޓީއިމޭޖަސް
އިންގްލިޝް ޕްރިމިއަރ ލީގުގައި ބޮޑު ތަފާތަކުން ކްރިސްޓަލް ޕެލެސް ބަލިކުރުމަށްފަހު ނިއުކާސްލް ޔުނައިޓެޑު ލީގުގެ ތިންވަނައަށް ޖެހިލައިފިއެވެ.
ނިއުކާސްލްގެ ސެއިންޓް ޖޭމްސް ޕާކްގައި ކުޅުނު މި މެޗު 5-0 އިން ކާމިޔާބުކުރުމުން، ނިއުކާސްލް އާއި ލީގުގެ ދެވަނައިގައި އޮތް އާސެނަލްއާ މިހާރު އޮތީ ހަތަރު ޕޮއިންޓުގެ ފަރަގެކެވެ. އަދި މި ސީޒަނުގައި މިހާތަނަށް ނިއުކާސްލްއިން އާސެނަލް ތިން ފަހަރު ބަލިކޮށްފައިވާއިރު، މިއަންނަ މަހު އެމިރޭޓްސް ސްޓޭޑިއަމްގައި މި ދެ ޓީމު ބައްދަލުކުރާ މެޗަކީ، ނިއުކާސްލްއިން ލީގުގައި ބޮޑު ކާމިޔާބެއް ހޯދުމަށް އެ ޓީމަށް ލިބިފައި އޮތް ފުރުސަތެކެވެ.
ނިއުކާސްލްއިން ވަނީ ޑިސެންބަރުގެ މެދުތެރެއިން ފެށިގެން މިހާތަނަށް ކުޅުނު 24 މެޗުން 19 މެޗު ކާމިޔާބުކޮށްފައެވެ. މިއީ ލީގުގެ އެއްވަނައިގައި އޮތް ލިވަޕޫލްއަށް ވުރެ ވެސް ރަގަޅު ރެކޯޑެކެވެ.
ރޭގެ މެޗަށް ވެސް ނިއުކާސްލްއިން ނިކުތީ، ނިއުމޯނިއާ ޖެހިފައިވާ އެ ޓީމުގެ ކޯޗު، އެޑީ ހޯވް ހޮސްޕިޓަލްގައި އޮތުމުން، އޭނާގެ ޣައިރު ހާޒިރުގައެވެ. އޭނާގެ ބަދަލުގައި ޓީމަށް ބެންޗުން އިރުޝާދު ދިނީ އެސިސްޓެންޓް ކޯޗެވެ.
ނިއުކާސްލްއިން ވަނީ މި މެޗުގެ ވަރަށް ކުރީކޮޅު ލީޑު ނަގާފައެވެ. އެގޮތުން މެޗުގެ 14 ވަނަ މިނެޓުގައި އެ ޓީމަށް ލީޑު ނަގައިދިނީ ޖޭކޮބް މާފީއެވެ. މިއީ ކަނާތް ފަރާތުން ޕެނަލްޓީ އޭރިއާގެ ރޮނގުމަތިން ކަހަލަ ގޮތަކަށް، ހަނި އޭންގަލްއިން ގޯލުގެ ތެރެއަށް މާފީ ފޮނުވާލި ވަރަށް ރީތި ބޯޅައެކެވެ.
އަދި ފުރަތަމަ ހާފު ނިމުމުގެ ކުރިން މެޗުގެ ނަތީޖާ ހަމަހަމަކުރުމަށް ޕެލެސްއަށް ރަނުގެ ފުރުސަތެއް ލިބުނެވެ. ނަމަވެސް އެ ޓީމުގެ ޑިފެންޑަރ، ކްރިސް ރިޗަޑްސްއަށް ނިއުކާސްލްގެ ނިކް ޕޯޕް ކުރި ފައުލަކަށް ލިބުނު ޕެނަލްޓީ ވަނީ އެޒޭ އަތުން ބޭކާރުވެފައެވެ. ޕޯޕް އެ ޕެނަލްޓީ ދިފާއުކުރީއެވެ.
އަދި އޭގެ ދެ މިނެޓު ފަހުން ނިއުކާސްލްއިން ގޯލް ކުރިމައްޗަށް ހުރަސްކޮށްލި ބޯޅައެއް، ޕެލެސްގެ ޑިފެންޑަރު ގޭހީ ފައިގައި ޖެހިފައި ބައިކޮޅަށް ވަނުން ވީ، މެޗުގެ ނަތީޖާ އަނބުރާލުމަށް ޕެލެސްއަށް ކުރިމަތިވި ބޮޑު ގޮންޖެހުމަކަށެވެ.
އެގޮތުން ދެން ފެނުނީ ފުރަތަމަ ހާފު ނިމުމުގެ ކުރިން ނިއުކާސްލްއިން ފަރަގު ބޮޑުކުރި ތަނެވެ. ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ހާވީ ބާންސް އާއި ފެބިއަން ޝާރ ކާމިޔާބުކުރި ގޯލުތަކާއެކު ނިއުކާސްލްއިން ފުރަތަމަ ހާފު ނިންމާލީ ހަތަރު ގޯލުގެ ލީޑެއްގައެވެ.
ނިއުކާސްލްގެ ފަހު ގޯލު ކާމިޔާބުކުރީ ދެވަނަ ހާފުގައެވެ. ޕެލެސްގެ ޑިފެންސް ލައިނުން ހެދުނު ގޯހެއްގެ ބޭނުން ހިފައި ބޯޅަ ހޯދުމަށްފަހު، އެލެކްސެންޑަރ އިސާކް އެ ބޯޅަ ގޯލަށް ފޮނުވާލީ ޕެނަލްޓީ އޭރިއާގެ ބޭރުންނެވެ.
މި ނަތީޖާއާއެކު ޕެލެސް މިހާރު އޮތީ ލީހުގެ 12 ވަނައިގައެވެ.