ކުޅިވަރު
އިންޓާރ ސެމީއަށް، ބެޔާންއަށް މިއީ ފާއިތުވި ފަސް ސީޒަނުގައި ކުއާޓާގެ ހަރަތުވަނަ ނާކާމިޔާބީ

ގޯލު ޖެހުމަށްފަހު މާޓިނޭޒް އުފާފާޅުކުރަނީ، ފޮޓޯ: ދަ ގާޑިއަން
ޗެމްޕިއަންސް ލީގުގެ ކުއާޓާފައިނަލުގެ ދެވަނަ ލެގުގައި އިންޓާރ މިލާން އާއި ބެޔާން މިއުނިކް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވުމުން، އިންޓާރ މިލާން މުބާރާތުގެ ސެމީފައިނަލަށް ދަތުރުކޮށްފިއެވެ.
މިއީ، މިދިޔަ ސީޒަންގައި ސެމީފައިނަލަށް ދަތުރުކުރި ނަމަވެސް، ބެޔާން މިއުނިކް ފާއިތުވި ފަސް ސީޒަންގައި މި މުބާރަތުގެ ކުއާޓާފައިނަލުން ކެޓި ހަތަރު ވަނަ ފަހަރެވެ.
އިޓަލީގެ ސެންސީރޯގައި ރޭ ކުޅުނު މި މެޗަށް އިންޓާރއިން ނިކުތީ، މީގެ ހަފްތާއެއް ކުރިން ރަށުން ބޭރުގައި ކުޅުނު ފުރަތަމަ ލެގު 2-1 އިން ކާމިޔާބިކޮށްފައި އޮތުމުން، އެޑްވާންޓޭޖުގައި އޮވެގެނެވެ. ނަމަވެސް ދެވަނަ ހާފުގެ ކުރީކޮޅު ހެރީ ކޭން ކާމިޔާބުކުރި ގޯލަކުން އެގްރިގޭޓް ސްކޯރ ހަމަހަމަވިއެވެ.
މި ގޯލާއެކީ ހިތްވަރު ލިބުނީ އިންޓާރއަށެވެ. ކޭން އެ ގޯލު ކާމިޔާބުކުރިތާ ނުވަ މިނެޓު ވީއިރު، އިންޓާރއިން އޮތީ ލީޑުގައެވެ. އެ ޓީމުގެ ފުރަތަމަ ގޯލު ކާމިޔާބުކުރީ، ގޯލު އޭރިއާ ތެރެއަށް ކޯނަރަކުން ނަގައިދިން ބޯޅައެއް ފަސޭހަކަމާއެކު ކާމިޔާބުކޮށް، ލައުޓާރޯ މާޓިނޭޒްއެވެ. އަދި އޭގެ ތިން މިނެޓު ފަހުން، އަނެއްކާ ވެސް ކޯނަރެއްގައި އިންޓާރއިން ލީޑު ނެގީ ބެންޖަމިން ޕަވާޑްގެ ގޯލަކުންނެވެ.
ބެޔާންއިން މި ލެގު ކާމިޔާބުކުރުމަށް ކުރަމުން ދިޔަ މަސައްކަތުން، މެޗުގެ 76 ވަނަ މިނެޓުގައި އެ ޓީމަށް މެޗުގެ ނަތީޖާ ހަމަހަމަ ކުރެވުނެވެ. ހަނި އޭންގަލްއަކުން ބޮލުން ޖަހައި މި ގޯލު ކާމިޔާބުކުރީ އެރިކް ޑަޔާއެވެ.
އިތުރު ގޯލަކާއެކު އެންމެ ކުޑަމިނުން އެކްސްޓްރާ ޓައިމްއަށް މެޗު ގެންދިއުމަށް މަސައްކަތް ކުރަމުން ދިޔަ ބެޔާންއަށް، އިތުރު ވަގުތުގެ ފަހު ވަގުތު ކޮޅު ރަގަޅު ފުރުސަތެއް ލިބުނެވެ. ނަމަވެސް އެ ފުރުސަތުގައި އިންޓާރގެ ގޯލްކީޕަރު، ޔަން ސޮމާރ ފޫއަޅުވާލެވޭ ގޮތެއް ތޯމަސް މުލާއަކަށް ނުވިއެވެ.
ގަޑި ހިނގަމުން ދިޔަ ވަރަކަށް ބެޔާންގެ ކުޅުންތެރިންގެ ނުތަނަވަސްކަން އިތުރުވިއެވެ. އެގޮތުން ބަދަލުކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުތް ޖޮސިޕް ސްޓެނިސިޗް ވަނީ ވަގުތު ގެއްލުވާލަން މަސައްކަތް ކުރި ބޯލް ބޯއީއެއް ގޮނޑިން ކޮއްޕާލާފައެވެ.
މި ހާދިސާއަށް އިޝާރާތަކޮށް މެޗަށްފަހު ވާހަކަ ދައްކަމުން ސްޓެނިސިޗް ބުނީ، އޭނާއަށް ކަންކުރެވުނީ ރަނގަޅަށް ނޫންކަމަށާއި، ނަމަވެސް އެއީ އެ ހާލަތުގެ ގޮތުން އަމަލު ކުރެވުނު ގޮތް ކަމަށެވެ.
ސެމީގައި އިންޓާރ ބައްދަލުކުރަން ޖެހޭނީ ބާސެލޯނާއާއެވެ.