ޚަބަރު
ޢާއިލީ ތަރައްޤީ އާ ބެހޭ ވުޒާރާގައި ކުޑަކުދިން ބަލަހައްޓާ ތަނެއް ހަދައިފި

އާއިލީ ތަރައްޤީއާބެހޭ ވުޒާރާގައި ހުޅުވި ޗައިލްޑް ކެއަރ ސްޕޭސް. ފޮޓޯ:ޕީއެސްއެމް
އިޖްތިމާއީ އަދި ޢާއިލީ ތަރައްޤީ އާ ބެހޭ ވުޒާރާގައި ކުޑަކުދިން ބަލަހައްޓާ ޗައިލްޑް ކެއާ ސްޕޭސް އެއް ހަދައި ހުޅުވައިފިއެވެ.
އިޖްތިމާއީ އަދި އާއިލީ ތަރައްޤީއާއި ބެހޭ ވުޒާރާއިން ބުނެފައިވަނީ އޮފީސްތަކުގައި ނުވަތަ މަސައްކަތްކުރާ ތަންތަނުގައި ކުޑަކުދިން ބަލަހައްޓާ 'ޗައިލްޑް ކެއާރ ސްޕޭސް' އެއް ހުރުމަކީ މަސައްކަތްކުރާ މައިންބަފައިންނަށް، ވަކިން ޚާއްސަކޮށް އަންހެން މުވައްޒަފުންނަށް އެހީތެރިވެ، އެމީހުންގެ މަސައްކަތު މާޙައުލާއި ޢާއިލީ ދިރިއުޅުމުގެ ވަޒަން ހަމަޖެއްސުމުގައްޔާއި ޖުމްލަކޮށް އެމީހުންގެ ނަފްސާނީ ދުޅަހެޔޮކަން އިތުރުކުރުމުގައި ވަރަށް މުހިންމު ދައުރެއް އަދާކުރާ ކަމެއްކަމަށެވެ.
އަދި މީގެ ސަބަބުން މުވައްޒަފުންނަށް އެމީހުންގެ ދަރިން، ކައިރީގައި ރައްކާތެރި އަތްތަކެއްގެ ބެލުމުގެ ދަށުގައި ތިބިކަން އެނގި، އެމީހުންގެ ވިސްނުން މަސައްކަތަށް އަމާޒު ހިފެހެއްޓުމަށް ފަސޭހަވެގެންދާނެ ކަމަށްވެސް އެވުޒާރާއިން ބުނެފައިވެއެވެ.
ޗައިލްޑް-ކެއާރ ސްޕޭސްއަކީ ދައުލަތުގެ އިދާރާތަކުންނާއި ކުންފުނިތަކުން މިންތީގެ ހަމަހަމަކަމަށް ކުރާ މަސައްކަތްތައް ހަރުދަނާ ނިޒާމެއްގެ ތެރެއިން ކުރުމަށާއި، އިދާރީ ފެންވަރެއްގައި ޖެންޑަރ މެއިންސްޓްރީމްކުރުމަށް ކުރާ މަސައްކަތް އެއްހަމަކުރުމަށް ޤާއިމްކުރި ތަނެކެވެ.