ޚަބަރު
ޑރ. ޞަލާޙުލް ބުދައިރުގެ ޙާއްސަ ދަރުހެއް ބުރާސްފަތި ދުވަހުގެ ރޭ އިސްލާމީ މަރުކަޒުގައި

މަސްޖިދުއްނަބަވީގެ އިމާމު ޑރ. ޞަލާޙުލް ބުދައިރު
މަސްޖިދުއްނަބަވީގެ އިމާމު ޑރ. ޞަލާޙުލް ބުދައިރުގެ ޙާއްސަ ދަރުހެއް ބުރާސްފަތި ދުވަހުގެ ރޭ އިސްލާމީ މަރުކަޒުގައި އޮންނާނެ ކަމަށް އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާއިން ބުނެފިއެވެ.
އެވުޒާރާއިން ބުނެފައިވަނީ ރަސްމީ ދަތުރުފުޅެއްގައި ރާއްޖެ ވަޑައިގަތުމަށް ހަމަޖެހިފައިވާ މަސްޖިދުއްނަބަވީގެ އިމާމު ފަޟީލަތުއްޝައިޚް ޑރ. ޞަލާޙުލް ބުދައިރުގެ ޙާއްސަ ދަރުހެއް 24 އޭޕްރިލް 2025 ވާ ބުރާސްފަތި ދުވަހުގެ ރޭ އިސްލާމީ މަރުކަޒުގައި އޮންނާނެކަމަށެވެ. އަދި މި ދަރުސް އޮންނާނީ އިސްލާމީ މަރުކަޒުގެ ނަމާދު ކުރާ ބައިގައިކަމަސްވެސް އެވުޒާރާއިން ބުނެއެވެ.
މި ދަރުސް އޮންނާނީ ބުރާސްފަތި ދުވަހުގެ ރޭ 20:15 ގައި ކަމަށާއި ދަރުސް ކުރިއަށްދާ ވަގުތިު ދަރުސްގެ ދިވެހި ތަރުޖަމާ ދެއްވުމަށް ހަމަޖެހިފައިވަނީ އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ކަމަށްވެސް އެވުޒާރާއިން ބުނެއެެވެ.
މީގެ އިތުރުން ފަޟީލަތުއްޝައިޚް ޑރ. ޞަލާޙުލް ބުރައިދު، 23 އޭޕްރިލް 2025 ވާ ބުދަ ދުވަހުގެ ރޭ ސަލްމާނު މިސްކިތުގައި އިމާމުވެ މަޣްރިބް ނަމާދާއި ޢިޝާ ނަމާދު ކުރައްވާ ގޮތަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން 24 އޭޕްރިލް 2025 ވާ ބުރާސްފަތި ދުވަހުގެ ރޭ އިސްލާމީ މަރުކަޒުގައި އިމާމުވެ ޢިޝާ ނަމާދު ކުރައްވާނީވެސް ފަޟީލަތުއްޝައިޚް ޑރ. ޞަލާޙުލް ބުރައިދުއެވެ.
ފަޟީލަތުއްޝައިޚް ޑރ. ޞަލާޙުލް ބުރައިދުގެ މި ދަތުރުފުޅަކީ ދިވެހިރާއްޖޭގެ އިސްލާމީ ޝަޚުސިއްޔަތު ވަރުގަދަ ކުރުމަށް، އިސްލާމީ އުއްމަތުގެ ފާހަގަކޮށްލެވޭ ޝަޚުސިއްޔަތުން ދިވެހިރާއްޖެއަށް ގެންނެވުމަށް ރައީސުލްޖުމުހޫރިއްްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ލަފާފުޅާއެކު އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާގެ ދަޢުވަތަކަށް ކުރައްވާ ދަތުރުފުޅެއް ކަމަށްވެސް އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާއިން ބުނެއެވެ.