ޚަބަރު
ފުރާޅަށް ވެއްޓުނު އަންހެންކުއްޖާގެ މައްސަލަ: ވަޒީރު އަމީނަށް ކުރާ ތުހުމަތުތައް ސީޕީ ދޮގުކުރައްވައިފި

ސީޕީ ޢަލީ ޝުޖާއު
ހެންވޭރު ގެއެއްގެ ފުރާޅު މައްޗަށް ޚަބަރު ހުސްވެގެން ވެއްޓިފައި އޮތް އަންހެނާގެ މައްސަލާގައި ދަތުރުފަތުރާ ބެހޭ ވަޒީރު މުޙައްމަދު އަމީންއަށް ކުރާ ތުހުމަތުތައް ސިޕީ ޢަލީ ޝުޖާޢު ދޮގު ކުރައްވައިފިއެވެ.
ސީޕީ ޝުޖާޢު ވަޒީރު އަމީންއަށް ކުރެވޭ ތުހުމަތުތައް ދޮގުކުރައްވައި ވާހަކަ ދެއްކެވީ މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.
ވަކިބަޔަކު ހިމެނޭ މައްސަލައެއް ކަމުން ވަކިގޮތަކަށް ނުބަލާ ކަމަށާއި މިމައްސަލަ އެންމެ ފުރަތަމަ ފުލުހުންނަށް ހުށައެޅިގެން ދިޔައިރު މިމައްސަލާގައި ޝާމިލްވަނީ ކޮން ބައެއްކަން ފުލުހުންނަށް އެނގިފައިނުވާ ކަމަށް ސީޕީ ޝުޖާޢު ވިދާޅުވިއެވެ.
ސީޕީ ވިދާޅުވީ މައްސަލައަށް އެއްވެސް ނުފޫޒެއް ނުފޯރުވާ ކަމަށާއި، ފުލުހުންގެ މުއައްސަސާގެ އިޖުރާއަތްތައް އޮންނަ ގޮތުން އެކި ޑިޕާޓްމެންޓް ތަކުން ކުރާނީ އެކި މަސައްކަތްތައް ކަމަށާއި ނުފޫޒު ފޯރުވާނަމަ މުޅި މުއައްސަސާއަށް ނުފޫުޒު ފޯރުވަން ޖެހޭނެކަމަށެވެ. އަދި އެއީ ވާނެ ކަމެއް ނޫން ކަމަށް ސީޕީ ވިދާޅުވިއެވެ.
ސީޕީ ވިދާޅުވީ ވަޒީރު އަމީންއަކީ މަސައްކަތާއި ގުޅޭ ގޮތުން ގުޅުއްވާ ބޭފުޅެއް ކަމަށާއި މިމައްސަލައާއި ގުޅިގެން މިއަދާއި ހަމައަށް ވަޒީރު އަމީން ގުޅުއްވާ ވަކިގޮތެއް ހަދާކަށް ނުވަތަ މައްސަލައިގެ މަޢުލޫމާތެއް ހޯއްދެވުމަށް ގުޅުއްވައިފައި ނުވާކަމަށެވެ.