ރިޕޯޓް
ޒުވާނުންނަށް މަގު އޮޅުވާލުމުގައި ސޯޝަލް މީޑިއާގެ ދައުރު ބޮޑު

ޒުވާނުންނަށް މަގު އޮޅުވާލުމުގައި ސޯޝަލް މީޑިއާގެ ދައުރު ބޮޑު
ޒުވާނުން މަސްތުވާތަކެއްޗާއި ބަނގުރަލާ ތަޖުރިބާކުރުމަކީ އައު ކަމެއް ނޫނެވެ. ނަމަވެސް، ސޯޝަލް ނެޓްވޯކިންގ ސައިޓްތަކުން ޒުވާނުންނަށް މަސްތުވާތަކެއްޗަށް ހުށަހެޅުމުގެ ނުރައްކާތެރި ފުރުޞަތުތަކެއް އޮވެއެވެ. ޒުވާނުންނަކީ ސޯޝަލް މީޑިއާގައި ފެންނަ ކަންކަމުގެ އަސަރުތަކަށް ވަކިން ޚާއްޞަކޮށް ބަލިކަށި ބައެކެވެ. އެއީ މި އުމުރުފުރައިގެ ކުދިންނަކީ އެކުވެރިންގެ ނުފޫޒުތަކާއި ޕްރެޝަރަށް ވަރަށް ބޮޑަށް ހުށަހެޅޭ ބައެއް ކަމުންނެވެ. މީގެ އިތުރުން، ސޯޝަލް މީޑިއާ އެޑިކްޝަން އިތުރުވަމުން އަންނައިރު، އިންސްޓަގްރާމް، ފޭސްބުކް އަދި ސްނެޕްޗެޓް އެޑިކްޝަން ވެސް އިތުރުވަމުން އަންނަ ކަމާއި، މީގެ ސަބަބުން މަޝްހޫރު މީހުންނާއި އާންމު މީހުން މަސްތުވާތަކެއްޗާއި ބަނގުރަލާ ގުޅުންހުރި ނުރައްކާތެރި ޢަމަލުތަކުގައި ބައިވެރިވާ މަންޒަރު ގަވާއިދުން އަދި ތަކުރާރުކޮށް ފެންނަމުންދެއެވެ.
މައްޝޫރު މީހުން އުޅޭގޮތްފެނި ނަކަލު ކުރަން ބޭނުންވުން
ޖަސްޓިން ބީބަރ، ޑްރޭކް އަދި ކާޑީ ބީ ފަދަ މަޝްހޫރު މީހުން އެކި ޕްލެޓްފޯމްތަކުގައި ބަނގުރާ ބޯ މަންޒަރާއި މަސްތުވެފައިވާ މަންޒަރުތައް ގަވާއިދުން ޕޯސްޓްކުރަމުންދާއިރު، މިކަމުގެ އަސަރު އެ މަންޒަރުތައް ބަލަމުންދާ ޒުވާނުންނަށް ކުރަން ފަށައެވެ. މީގެ އިތުރުން، ޒުވާނުންނަށް މަޝްހޫރު މީހުންނާއި "އިންފްލުއެންސަރުން" ގެ އިތުރުން، އެމީހުންގެ ރައްޓެހިންނާއި ޢާއިލާގެ މީހުން ވެސް މިފަދަ ޢަމަލުތަކުގައި ބައިވެރިވާ މަންޒަރު ފެންނަމުންދެއެވެ. މިފަދަ ކޮންޓެންޓްތަކުން ޣައިރު ޤާނޫނީ އަދި ޑޮކްޓަރުގެ ލަފަޔާ އެއްގޮތަށް ބޭނުންކުރާ ބޭސްތައް ބޭނުންކުރުމާއި، ގިނަ އަދަދަކަށް ބަނގުރާ ބުއިން ފަދަ ކަންކަން ، ރީތި އަދި މަޖާކަމެއްގެ ގޮތުގައި ދައްކުވައިދޭއިރު، ޒުވާނުން ދެކެނީ މިއީ އެމީހުންނަށް ވެސް ކުރެވިދާނެ ކަމެއްގެ ގޮތުގައެވެ.
މިކަމާ ގުޅޭގޮތުން ހެދިފައިވާ ދިރާސާ
ކޮލަމްބިއާ ޔުނިވަރސިޓީގެ ނެޝަނަލް ސެންޓަރ އޮން އެޑިކްޝަން އެންޑް ސަބްސްޓަންސް އެބިއުސްއިން ހެދި ދިރާސާއަކުން ދައްކާގޮތުގައި، މަޤްބޫލު ސޯޝަލް މީޑިއާ ޕްލެޓްފޯމްތައް ގަވާއިދުން ބޭނުންކުރާ ޒުވާނުންނަކީ، ސޯޝަލް މީޑިއާ ބޭނުން ނުކުރާ ނުވަތަ މަދުން ބޭނުންކުރާ ޒުވާނުންނާ އަޅާބަލާއިރު، ބަނގުރާ ބުއިމާއި، މަސްތުވާތަކެތި ބޭނުންކުރުމާއި، ދުންފަތުގެ އިސްތިޢުމާލުކުރުމަށް އިތުރަށް އަރައިގަންނަ ބައެކެވެ. މި ސަރވޭގައި 2،000 ޒުވާނުންގެ މެދުގައި އެމީހުންގެ މަސްތުވާތަކެތީގެ ބޭނުންކުރުމާއި ސޯޝަލް މީޑިއާ އާދަތަކާ ބެހޭގޮތުން ސުވާލުކުރެވުނެވެ. އޭގެ ތެރެއިން %70 ބުނީ ކޮންމެ ދުވަހަކު ވެސް ސޯޝަލް މީޑިއާ ބޭނުންކުރާ ކަމަށެވެ. ދިރާސާވެރިންނަށް ފާހަގަކުރެވުނު ގޮތުގައި، ސޯޝަލް މީޑިއާ ބޭނުން ނުކުރާ ނުވަތަ މަދުން ބޭނުންކުރާ މީހުންނާ އަޅާބަލާއިރު، މި ގްރޫޕަކީ:
- ސިނގިރެޓް ގަތުމަށް 5 ގުނަ ބޮޑަށް ޝައުގުވެރިކަން ހުންނަ ބައެއް
- ބަނގުރާ ބުއިމަށް 3 ގުނަ ބޮޑަށް ޝައުގުވެރިވާ ބައެއް
- ކެނެބިސް ބޭނުންކުރުމަށް 2 ގުނަ ބޮޑަށް ޝައުގުވެރިވާ ބައެއް
ސޯޝަލް މީޑިއާއަކީ ނަފްސާނީ މައްސަލަތަކަށް ވެސް ހުށައެޅޭ ސަބަބަކަށްވާ އެއްޗެއް
މާކެޓިންގ އާއި އިޝްތިހާރުތަކުގެ ޒަރީޢާއިން މަސްތުވާތަކެއްޗަށް ހުށަހެޅުމުގެ އިތުރުން، ސޯޝަލް މީޑިއާއަކީ މަސްތުވާތަކެތީގެ ނަހަމަ ބޭނުންކުރުމަށް މަގުފަހިވެދާނެ ގިނަ ނަފްސާނީ މައްސަލަތަކަށް ވެސް ހުށައެޅޭ ސަބަބަކަށްވާ އެއްޗެކެވެ. ސޯޝަލް މީޑިއާއިން ހުރިހާ އެއްޗެއް ރީތިކަމާއި ފުރިހަމަކަމުގައި ދައްކުވައިދޭ ދުނިޔެއެއްގައި އިޖްތިމާޢީ އަޅާކިޔުން އާންމުވެއެވެ. މިއީ ޚާއްޞަކޮށް އިޖްތިމާޢީ އަޅާކިޔުމުގެ ސަބަބުން ޑިޕްރެސިވް ވިސްނުންތަކަށް އަރައިގަތުމަށް އިތުރަށް ހުށައެޅޭ ޒުވާނުންނަށް ވަރަށް ބޮޑު މައްސަލައެކެވެ. ސޯޝަލް މީޑިއާ ބޭނުންކުރުމާ ގުޅިގެން ޒުވާނުންގެ މެދުގައި ޑިޕްރެޝަން، ނިދުމުގެ މައްސަލަތައް އަދި ކެއުމުގެ ނުރަނގަޅު އާދަތައް ފަދަ ނަފްސާނީ ޞިއްޙަތުގެ މައްސަލަތައް ކުރިމަތިވާކަން ފާހަގަކުރެވިފައިވެއެވެ.
މިއަދު ޒުވާނުންގެ މެދުގައި ސޯޝަލް މީޑިއާ ބޭނުންކުރުން ވަނީ ހަމަހަމައަށް ހުރިހާ އެންމެންގެ މެދުގައި ވެސް އާންމުވެފައެވެ. ގާތްގަނޑަކަށް %92 ޒުވާނުން ބުނާ ގޮތުގައި އެމީހުން ދުވާލަކު އެއް ފަހަރަށްވުރެ ގިނައިން ސޯޝަލް ނެޓްވޯކިންގ ސައިޓްތައް ޗެކްކުރެއެވެ. ފޭސްބުކް، އިންސްޓަގްރާމް އަދި ސްނެޕްޗެޓަކީ ޒުވާނުންގެ މެދުގައި އެންމެ މަޤްބޫލު ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކެވެ.
ސޯޝަލް މީޑިއާ އިޝްތިހާރުތަކާއި ފޯމޯ އިން މަސްތުވާތަކެތީގެ ބޭނުންކުރުމަށް މަގުފަހިވުން ޅަ އުމުރުގެ، އަވަހަށް އަސަރުކުރާ މީހުންނަށް، އެމީހުންގެ ރައްޓެހިންނާއި ޢާއިލާގެ މީހުން ފޭސްބުކް ޕޯސްޓްތަކާއި އިންސްޓަގްރާމް ފޮޓޯތަކުގައި ޕާޓީ ކުރަމުން މަޖާކުރާ މަންޒަރު ފެނުމުން، ޒަމާނަަށް ފިޓްވުމަށްޓަކައި ނުރައްކާތެރި ޚިޔާރުތަކެއް ކުރުމަށް ހިތްވަރު ލިބިދެއެވެ. އަނެއްބައި މީހުންނަށް، މިކަމުގެ ސަބަބުން ކުރިމަތިވާ ހިތްދަތިކަމުގެ ސަބަބުން މަސްތުވާތަކެއްޗާއި ބަނގުރަލަށް އަރައިގަނެއެވެ.
ފަހުގެ ދިރާސާތަކުން ދައްކާ ގޮތުގައި، %75 ޒުވާނުންނަށް ސޯޝަލް ނެޓްވޯކިންގ ސައިޓްތަކުގައި އެހެން ޒުވާނުން ކެނެބިސް ބޭނުންކުރާ ނުވަތަ ބަނގުރާ ބޯ ފޮޓޯތައް ފެނުމުން، އެގޮތަށް ތަޖުރިބާކުރުމަށް ހިތްވަރު ލިބެއެވެ.
ޒުވާނުންގެ މެދުގައި ބަނގުރާ ބުއިމާއި ދުންފަތުގެ އިސްތިޢުމާލުކުރުމަކީ ޒަމާންވީ މައްސަލައެއް ކަމުގައިވީ ނަމަވެސް، ސޯޝަލް މީޑިއާގެ ސަބަބުން ކުޑަކުދިންނަށް މި ޙަރަކާތްތަކަށް ހޭނުމުގެ އިޙްސާސް ޅަ އުމުރެއްގައި ލިބެން ފަށާފައިވެއެވެ - ސަރވޭކުރެވުނު ކުދިންގެ ތެރެއިން %90 ކުދިން 16 އަހަރު ވުމުގެ ކުރިން އެމީހުންގެ އެކުވެރިންގެ މިފަދަ ފޮޓޯތައް އޮންލައިންކޮށް ދެކެފައިވެއެވެ. ގާތްގަނޑަކަށް ދެބައިކުޅަ އެއްބައި ޒުވާނުން މިފަދަ ފޮޓޯތައް ދެކިފައިވަނީ ފޮޓޯގައިވާ ކުދިން "މަޖާކުރަމުންދާ" ކަމަށެވެ. މިފަދަ ފޮޓޯތައް ދެކެފައިވާ ޒުވާނުންނަކީ، މިފަދަ ފޮޓޯތައް ނުދެކޭ ކުދިންނާ އަޅާބަލާއިރު، ކެނެބިސް ބޭނުންކުރުމަށް 4 ގުނަ އަދި ބަނގުރާ ބުއިމަށް 3 ގުނަ ބޮޑަށް ޝާމިލްވާ ބައެކެވެ.
އެކުވެރިންގެ ފަރާތުން މިފަދަ ޢަމަލުތަކަށް ހުށަހެޅުމުގެ އިތުރުން، ސޯޝަލް މީޑިއާގައި ހުންނަ އިޝްތިހާރުތަކުން ވެސް ޤާނޫނީ އުމުރު ނުފުރޭ ކުދިން ބަނގުރާ ބުއިމާއި މަސްތުވާތަކެތި ބޭނުންކުރުމަށް ހިތްވަރު ލިބިދެއެވެ. ދުންފަތުގެ އިސްތިޢުމާލުކުރުމާއި، އިލެކްޓްރޯނިކް ސިނގިރެޓް އަދި ބަނގުރާ އުފައްދާ ފަރާތްތަކުން ސޯޝަލް މީޑިއާ ޕްލެޓްފޯމްތައް މާކެޓިންގ ސްޓްރެޓެޖީތަކުގެ ތެރެއަށް ފުޅާ ދާއިރާއެއްގައި ވައްދާފައިވެއެވެ. މި އިޝްތިހާރުތަކަކީ ޒުވާނުންނަށް ފުރިހަމައަށް ލިބެން ހުންނަ އެއްޗެހިތަކެކެވެ. ސޯޝަލް މީޑިއާ އިޝްތިހާރުކުރުމުގެ ޒަރީޢާއިން، މި ޞިނާޢަތްތަކަށް ވަނީ ސީދާ ކުޑަކުދިންނަށް މާކެޓްކުރުމަކީ ޤާނޫނާ ޚިލާފު ކަމެއް ކަމުގައިވީ ނަމަވެސް، ޒުވާނުންނަށް މާކެޓްކުރުމުގެ ފުރުޞަތު ލިބިފައެވެ.
މިޝިގަން ސްޓޭޓް ޔުނިވަރސިޓީން ހެދި ދިރާސާއަކުން ދައްކާ ގޮތުގައި، ބަނގުރާ ޕްރޮމޯޓްކުރާ ފޭސްބުކް އިޝްތިހާރުތައް ދެއްކުނު މީހުންނަކީ، ފުޅީގައި ބަންދުކޮށްފައިވާ ފެނުގެ އިޝްތިހާރުތައް ދެއްކުނު މީހުންނާ އަޅާބަލާއިރު، ބަނގުރަލުގެ ބާވަތެއް ބުއިމަށް އިތުރަށް ޝާމިލްވާ ބައެކެވެ. ފޭސްބުކް އިޝްތިހާރުތައް ދެއްކުމަށްފަހު، ދިރާސާގައި ބައިވެރިވި 121 މީހުންނަށް ދިރާސާގައި ބައިވެރިވި ކަމަށްޓަކައި ބަދަލެއްގެ ގޮތުގައި ކެފޭއަކަށް ނުވަތަ ބާއަކަށް ގިފްޓް ކާޑެއް ހޮވުމުގެ ފުރުޞަތު ދެވުނެވެ. ބިއަރުގެ އިޝްތިހާރުތައް ދެކުނު މީހުންގެ ތެރެއިން %73 މީހުން ބާގެ ގިފްޓް ކާޑު ހޮވިއިރު، ފެނުގެ އިޝްތިހާރުތައް ދެކުނު މީހުންގެ ތެރެއިން ބާގެ ގިފްޓް ކާޑު ހޮޕީ %55 މީހުންނެވެ. މަސްތުވާތަކެތި ބޭނުންކުރާ މަންޒަރުތަކަށް ހުށަހެޅުމަކީ އޭގެ ފަހުން އެ ތަކެތި ބޭނުންކުރަން ފެށުމާ ގުޅުންހުރި ކަމެއް ކަމުން، މީޑިއާގައި ކުޑަކުދިންނަށް މިފަދަ އުފެއްދުންތައް އިޝްތިހާރުކުރުމަށް ހުރަސްތަކެއް އެޅިފައިވެއެވެ. ނަމަވެސް، ސޯޝަލް މީޑިއާ ރެގިއުލޭޓްކުރުމަކީ އުނދަގޫ ކަމެއްގެ ގޮތުގައި ސާބިތުވަމުންދެއެވެ.
މަޝްހޫރު މީހުން ވެސް ސޯޝަލް މީޑިއާ ސައިޓްތަކުގައި މަސްތުވާތަކެއްޗާއި ބަނގުރާ ބޭނުންކުރުން ޕްރޮމޯޓްކުރެއެވެ. މިއީ ޒުވާނުންނަށް ފެނި، ގިނަފަހަރު އެކަމަށް ހިތްވަރު ލިބޭ ކަމެކެވެ. މަޝްހޫރު މީހުންގެ އިޝްތިހާރުތަކުން ދުންފަތުގެ އިސްތިޢުމާލުކުރުމާއި ބަނގުރާ ބުއިމަކީ މަޖާ، ފެންވަރު ރަނގަޅު ޙަރަކާތްތަކެއްގެ ގޮތުގައި ދައްކުވައިދޭއިރު، މިއިން ޒުވާނުންނަށް ސިއްރުން އެ އުފެއްދުންތައް ތަޖުރިބާކުރުމަށް ޕްރެޝަރު ކުރިމަތިވެއެވެ. ގިނަ ޑިޖިޓަލް އިޝްތިހާރުތަކުގައި މަޝްހޫރު މީހުންނާއި، މިއުޒިކް އިންޑަސްޓްރީގެ މީހުންނާއި، ރީތި ޒުވާން މޮޑެލުން ބޭނުންކުރެއެވެ. މިއީ ކުޑަކުދިންނާއި ޒުވާނުންގެ މެދުގައި އޭގެ އަސަރު ފޯރާ މާކެޓިންގ ސްޓްރެޓެޖީތަކެއް ކަމަށް ދައްކުވައިދެވިފައިވެއެވެ. ޙަޤީޤަތުގައި، ދިރާސާތަކުން ހާމަވެފައިވާ ގޮތުގައި އިޝްތިހާރުތަކަކީ ޒުވާނުންގެ މެދުގައި ދުންފަތާއި ބަނގުރަލުގެ ބޭނުންކުރުމުގެ %30 އަށް ޒިންމާވާންޖެހޭ އެއްޗެކެވެ. މި ގޮތަށް މަސްތުވާތަކެތީގެ ނަހަމަ ބޭނުންކުރުމުގެ ސަބަބުން ޒުވާނުންގެ ޞިއްޙަތަށް ގިނަގުނަ ނޭދެވޭ އަސަރުތަކެއް ކުރިމަތިވެއެވެ.
ދިރާސާތަކުން ދައްކާ ގޮތުގައި ސޯޝަލް މީޑިއާ ބޭނުންކުރުމާއި، ނަފްސާނީ ދުޅަހެޔޮކަން ދަށްވުމާއި، އަމިއްލަ ނަފްސާމެދު އިތުބާރު ކުޑަވުމާ ދެމެދު ޝައްކެއްނެތް ގުޅުމެއް ވެއެވެ. މި ހުރިހާ ކަމަކީ ވެސް ޤާނޫނީ އުމުރު ނުފުރޭ ކުދިން މަސްތުވާތަކެތި ބޭނުންކުރުމަށް މަގުފަހިވެދާނެ ކަންކަމެވެ. ޒުވާނުން ނަފްސާނީ މައްސަލަތަކާ ކުރިމަތިލާއިރު، ގިނަފަހަރު އެމީހުންގެ އުނދަގޫ އިޙްސާސްތަކާ ކުރިމަތިލުމަށް ބޭނުންކުރާ ވަސީލަތެއްގެ ގޮތުގައި މަސްތުވާތަކެއްޗާއި ބަނގުރަލަށް އަރައިގަނެއެވެ. ސޯޝަލް މީޑިއާ ޕްލެޓްފޯމްތައް ގަވާއިދުން ޗެކްކޮށް، އަމިއްލަ ނަފްސު އެހެން މީހުންނާ އަޅާކިޔުމުގެ ސަބަބުން ޒުވާނުންނަށް އިތުރަށް ހިތްހަމަނުޖެހުންތަކާ، އެކަހެރިވެފައިވާކަމުގެ އިޙްސާސް ކުރިމަތިވެއެވެ.
ސޯޝަލް މީޑިއާއިން ބޭނުންކުރާ މީހުންނަށް ހަމައެކަނި އެކަނިވެރިކަމާ، ދިރިއުޅުމާމެދު ހިތްހަމަނުޖެހުން އިޙްސާސްވުމުގެ އިތުރުން، ނަފްސާނީ ދުޅަހެޔޮކަމުގެ މައްސަލަތަކެއް ކަމުގައިވާ ކަންބޮޑުވުމާއި ޑިޕްރެޝަން ޖެހުމުގެ ފުރުޞަތު ވެސް އިތުރުވެއެވެ. ޙަޤީޤަތުގައި، ދުވާލަކު 3 ގަޑިއިރު ނުވަތަ އެއަށްވުރެ ގިނައިރު ސޯޝަލް މީޑިއާ ބޭނުންކުރާ ކުދިންގެ ތެރެއިން %27 ކުދިންގެ ކިބައިގައި ނަފްސާނީ ދުޅަހެޔޮކަން ދަށްވުމުގެ އަލާމާތްތައް ފެންނަ ކަމަށް ލަފާކުރެވެއެވެ. ޑިޕްރެޝަން ނުވަތަ އެންޒައިޓީ ޖެހިފައިވާ ކުދިން އެމީހުން އުފާވެރި ވުމަށް ބަނގުރާ ނުވަތަ އެހެނިހެން މަސްތުވާތަކެތި ބޭނުންކުރަން މަސައްކަތްކޮށްފާނެއެވެ.
ޒުވާނުންގެ ތެރެއިން ޑިޕްރެޝަން އަށް ހުށައެޅިވައިވާ ކުދިންނަށް އެނގޭ އެމީހުންނަށް މައްސަލައެއް ދިމާވެފައިވާކަން. އެމީހުންނަށް އެއްވެސް ކަމަކުން އުފާވެރިކަން ނުލިބޭ. އެމީހުން އުފާވެރިއެއް ނޫން. އެހެންކަމުން، އެމީހުންގެ އެކުވެރިން އެމީހުންނަށް އުފާވެރިކަން ގެނެސްދޭ މަސްތުވާއެއްޗެއް ހުށަހަޅައިފިނަމަ، އެއީ ގިނަފަހަރު އެމީހުން އެންމެ ފުރަތަމަ އަރައިގަންނަ އެއްޗަކީ
ޑރ. ސަރްޕަރ ޓާސްކިރަން، އެމް.ޑީ، ކުޑަކުދިންނާއި ޒުވާނުންގެ ނަފްސާނީ ބަލިތަކުގެ ޑޮކްޓަރު
އިޖްތިމާޢީ ގޮތުން އެކަހެރިވުމާއި ޑިޕްރެޝަންގެ އިޙްސާސްތަކުގެ އިތުރުން، ސޯޝަލް މީޑިއާއަކީ ޒުވާނުންގެ މެދުގައި ހަށިގަނޑާމެދު ނުރަނގަޅު ގޮތަކަށް ދެކުމާ ގުޅުންހުރި އެއްޗެއްކަން ވެސް ފާހަގަކުރެވިފައިވެއެވެ. އިންސްޓަގްރާމް ފަދަ ފޮޓޯ ޕޯސްޓްކުރާ ސައިޓްތަކުގައި ޙަޤީޤަތާ ޚިލާފު ރީތިކަމުގެ މިންގަނޑުތަކަށް ގަވާއިދުން ހުށަހެޅުމުގެ ސަބަބުން ޒުވާނުންނަށް އަމިއްލަ ނަފްސު ދެކޭގޮތަށް އަސަރުކޮށް، އަމިއްލަ ނަފްސާމެދު އިތުބާރު ކުޑަވުމާއި ކެއުމުގެ ނުރަނގަޅު އާދަތައް ކުރިމަތިވެދާނެއެވެ. ވެ. ޒުވާނުންގެ ޑިޕްރެޝަން ފަދައިން، އަމިއްލަ ނަފްސާމެދު އިތުބާރު ކުޑަ މީހުންނަށް ނުރަނގަޅު ޚިޔާލުތަކާއި އިޙްސާސްތަކުން އަރައިގަތުމަށް އުނދަގޫވެދާނެއެވެ. އެހެންކަމުން، އެ ޚިޔާލުތަކާއި އިޙްސާސްތައް ހަނދާންނައްތާލުމަށް ނުވަތަ ބަދަލުކުރުމަށް މަސައްކަތްކުރުމުގެ ގޮތުން، އެމީހުން މަސްތުވާތަކެއްޗާއި ބަނގުރަލަށް އަރައިގަނެއެވެ. މަސްތުވާތަކެތި ބޭނުންކުރުމުން ނަފްސާނީ ދުޅަހެޔޮކަން ދަށްވެފައިވާ ޒުވާނުންގެ ނުރަނގަޅު ޚިޔާލުތައް ވަގުތީގޮތުން ހަނދާންނައްތާލެވިދާނެއެވެ. ނަމަވެސް، ގަވާއިދުން މަސްތުވާތަކެތި ބޭނުންކުރުމުން އެ އަލާމާތްތައް އިތުރަށް ގޯސްވެއެވެ.
ދަރިންނާ ވާހަކަދައްކައި، ސޯޝަލް މީޑިއާ ބޭނުންކުރާ މިންވަރު ބަލަހައްޓާ
ސޯޝަލް މީޑިއާއިން މިއަދު ޒުވާނުންނަށް މަސްތުވާތަކެއްޗާއި ބަނގުރަލާ ގުޅޭ ނުރައްކާތެރި ޢަމަލުތައް މާކެޓްކޮށް، ދައްކުވައިދިނުމުގެ އިތުރު ފުރުޞަތުތަކެއް ލިބެމުންދެއެވެ. މިއަދުގެ ޒުވާނުންގެ ދިރިއުޅުމުގައި ސޯޝަލް މީޑިއާ އިތުރަށް އެކުލެވިގެންދާއިރު، އެމީހުން މި ސައިޓްތަކުގައި ބަލާ އެއްޗެހި ވަރަށް މުހިންމެވެ.
ތިބާގެ ދަރިން މި ނުފޫޒުތަކުން ރައްކާތެރިކުރުމަށް އެންމެ ރަނގަޅު ގޮތަކީ ހުޅުވާލެވިފައިވާ މުއާމަލާތެއް ބޭއްވުމާއި މަސްތުވަސްތުވާތަކެތީގެ ނުރައްކާތަކާ ބެހޭގޮތުން އެމީހުންނަށް އުނގަންނައިދިނުމެވެ. ނަމަވެސް، ތިބާގެ ދަރިފުޅު ބަނގުރާ ނުވަތަ މަސްތުވާތަކެތި ގިނައިން ބޭނުންކުރުމުގެ މައްސަލައަކާ ކުރިމަތިލާނަމަ، ހަމައެކަނި ވާހަކަދެއްކުމުން ނުފުދޭނެއެވެ. ޕްރޮފެޝަނަލް އެހީތެރިކަން ބޭނުންވެދާނެއެވެ.