ކުޅިވަރު
ހައި ޖަމްޕުގެ ޤައުމީ ރެކޯޑު މުގުރާލައިފި

12 ވަނަ އެތުލެޓިކްސް އެސޯސިއޭޝަން ޗެމްޕިއަންޝިޕުގައި ޔޫސުފް ނާއިކް ވަޖީހު، ފޮޓޯ: އެތުލެޓިކްސް އެސޯސިއޭޝަން
މާލޭގައި މިހާރު ކުރިއަށްދާ 12 ވަނަ އެތުލެޓިކްސް އެސޯސިއޭޝަން ޗެމްޕިއަންޝިޕުގައި ހައި ޖަމްޕުގެ ޤައުމީ ރެކޯޑު މުގުރާލައިފިއެވެ.
ހުކުރު ދުވަހު މި ރެކޯޑު މުގުރާލާފައި ވަނީ މި މުބާރާތުގައި ޓްރެކް އެންޑް ފީލްޑް އެސޯސިއޭޝަންގެ ފަރާތުން ވާދަކުރާ، އުމުރުން 16 އަހަރުގެ ޔޫސުފް ނާއިކް ވަޖީހުއެވެ. އޭނާ މި ރެކޯޑު މުގުރާލީ 1.88 މީޓަރަށް ފުންމައިގެނެވެ.
ކުރިން މި ރެކޯޑު އޮތީ 1.85 މީޓަރަށް ފުންމައިގެން، މަޝްހޫރު ބާސްކެޓު ބޯޅަ ކުޅުންތެރިޔާ އަޙްމަދު ޒަބީރުގެ އަތުގައެވެ. އޭނާ މި ރެކޯޑު ހޯދީ 2009 ވަނަ އަހަރުގެ އެސޯސިއޭޝަން ޗެމްޕިއަންޝިޕްގައެވެ.
ހައި ޖަމްޕު އިވެންޓުގެ އެއްވަނަ ނާއިކް ހޮދިއިރު، 1.70 މީޓަރަށް ފުންމައިގެން ދެވަނަ ހޯދީ އީސާ ޖާހިޒް އަޖުހަދެވެ. އަދި ތިންވަނައަށް ދިޔައީ 1.70 މީޓަރަށް ފުންމައިގެން ލޫތު ބިން އަލީ ޝަރީފެވެ. ޖާހިޒަށް ކުރި ލިބުނީ ދެ ޕޮއިންޓުގެ ތަފާތުންނެވެ. އޭނާއަށް 8 ޕޮއިންޓް ލިބުނުއިރު ލޫތަށް ލިބިފައިވަނީ 6 ޕޮއިންޓެވެ. އެއްވަނަ ހޯދި ނާއިކަށް ލިބުނީ 10 ޕޮއިންޓެވެ.