ޚަބަރު
ހުޅުމާލެއަށް 21: ފޮޓޯ ނެގުމުގެ މުބާރާތުގައި ބައިވެރިވުމަށް ހުޅުވާލައިފި

ހުޅުމާލެއަށް 21 އަހަރު.
ހުޅުމާލޭގައި މީހުން އާބާދުވިތާ 21 އަހަރު ފާހަގަކުރުމަށް، ފޮޓޯއާއި ވީޑިއޯ ނެގުމުގެ މުބާރާތެއް ފަށައިފިއެވެ.
މި މުބާރާތަކީ ހުޅުމާލޭގެ އަހަރީ ދުވަސް ފާހަގަކުރުމަށް އެޗްޑީސީން ކުރިއަށްގެންދާ ހަރަކާތެއްކަމަށް އެޗްޑީސީއިން ބުނެއެވެ.
އެގޮތުން، މި މުބާރާތުގައި ބައިވެރުވުމަށް ހުޅުމާލޭގެ ރީތިކަމާއި ރަށުތެރޭގެ އާންމު ދިރިއުޅުން ދައްކުވައިދޭ ފޮޓޯއެއް ނުވަތަ ކުރު (އެއް މިނެޓަށްވުރެ ދިގު ނޫން) ވީޑިއޯކޮޅެއް ހުށަހަޅަންޖެހޭނެ ކަމަށް އެކޯޕަރޭޝަނުން ބުނެއެވެ.
އަދި ފޮޓޯ ނުވަތަ ވީޑިއޯ އެފަރާތެއްގެ (ޕަބްލިކް) ސޯޝަލް މީޑިއާއަށް އަޕްލޯޑް ކުރާއިރު، @hdcmaldives އަދި @myhulhumalemv ޓެގް ކުރުމުގެ އިތުރުން #LifeinHML ހޭޝްޓެގް ބޭނުންކުރަންވާނެއެވެ. މި މުބާރާތަށް ފޮޓޯއާއި ވީޑިއޯ ހުށަހެޅުމުގެ ސުންގަޑިއަކީ 08 މެއި 2025 ކަމަށްވެސް އެޗްޑީސީ އިން ބުނެެއެވެ.
ވަނަތަކަށް ދާ ފަރާތްތަކަށް ފައިސާގެ އިނާމު ލިބޭގޮތަށް ކުރިއަށްގެންދާ މި މުބާރާތުގައި ވަނަ ހޮވާނީ ފޮޓޯއާއި ވީޑިއޯތައް ވަކިން ކަމަށާއި، އެގޮތުން، މި މުބާރާތުން އެއްވަނައަށްދާ ވީޑިއޯ އަކަށް 8،000ރ. ދެވަނައަށް 5،000ރ. އަދި ތިންވަނައަށް 3،000ރ. ގެ ފައިސާގެ އިނާމު ދިނުމަށް ވަނީ ހަމަޖެހިފައި ކަމަށް އެޗްޑީސީއިން ބުނެއެވެ.
އަދި އެންމެ މޮޅު ފޮޓޯ ނަގާ ފަރާތަކަށް 5،000ރ. ދެވަނައަށްދާ ފަރާތަކަށް 3،000ރ. އަދި ތިންވަނައަށް 2،000ރ. ގެ ފައިސާގެ އިނާމު ދިނުމަށް ވަނީ ހަމަޖެހިފައިކަމަށްވެސް އެޗްޑީސީއިން ބުނެއެވެ.
އަންނަ މެއި މަހުގެ 12 ވަނަ ދުވަހު ފާހަގަކުރާ ހުޅުމާލޭގެ 21 ވަނަ އަހަރީ ދުވަހާ ގުޅިގެން ކުލަގަދަ ފެސްޓިވަލެއް ބޭއްވުމަށް ވަނީ ނިންމާފައި ކަމަށްވެސް އެކޯޕަރޭޝަނުން ބުނެއެވެ.
އެގޮތުން، ހަފްތާއަކަށް ދިގުދެމިގެންދާ ގޮތަށް ކުރިއަށްގެންދާ މި ފެސްޓިވަލްގެ ހަރަކާތްތައް އެކި ދުވަސްތަކަށް ބަހާލައިގެން ހުޅުމާލެގެ އެކި ސަރަހައްދުތަކުގައި އޮންނާނެ ކަމަށްވެސް އެކޯޕަރޭޝަނުން ބުނެފައިވެއެވެ.