ދުނިޔެ
ޖަބަލިއްޔާ އަށް ދިން ހަމަލާތަކުގައި 17 މީހަކު ޝަހީދުކޮށްލައިފި!
އިޒްރާއިލުން ޖަބަލިއްޔާއަށް ދިން ހަމަލާތަކާއި އިންޒާރުތަކަށް ފަހު އެތަނުން ނުކުތުމަށް ފަލަސްޠީނުގެ ރައްޔިތުންތަކެއް ތައްޔާރުވަނީ. ފޮޓޯ:ޤުދުސް ނެޓްވޯކް
ފަލަސްޠީނުގެ ޣައްޒާގެ ޖަބަލިއްޔާ އަށް މިއަދު ދިން ހަމަލާތަކުގައި 17 މީހަކު ޝަހީދު ކޮށްލައިފިކަމަށް އަލްޖަޒީރާއިން ރިޕޯޓު ކޮށްފިއެވެ.
ޣައްޒާގެ ސިވިލް ޑިފެންސް އެޖެންސީ އާއި ހަވާލާދީ އަލްޖަޒީރާގައި ބުނެފައިވަނީ ޖަބަލިއްޔާ ރެފިޔުޖީ ކޭމްޕަށް އިޒްރާއިލުން ދިން ހަމަލާތަކުގެ ސަބަބުން 9 ކުޑަކުއްޖަކު ހިމެނޭހެން 17 މީހަކު ޝަހީދު ވެފައިވާ ކަމަށެވެ.
އިޒްރާއިލުގެ ޔަހޫދީ ސިފައިން ބުނެފައިވަނީ އެބައިމީހުން ޖަބަލިއްޔާނ ވަށައިލައިލީ ހަމާސް އިން ޖަބަލިއްޔާގައި އަލުން ހަނގުރާމައިގެ މަރުކަޒުތައް ތައްޔާރުކުރަމުންދާތީ ކަމަށެވެ. އިޒްރާއިލްގެ މިފަދަ ތުހުމަތުތަކަކީ ދޮގުކަން ގިނަ ފަހަރަށް ވަނީ ސާބިތު ވެފައެވެ.
އިޒްރާއިލުން ޖަބަލިއްޔާ އަށް ދެމުންދާ ވައިގެ ހަމަލާތަކާ ގުޅޭ ގޮތުން ޖަބަލިއްޔަގައި ތިބި ފަލަސްޠީނުގެ ރައްޔިތުން ވަނީ ސޯޝަލް މީޑިއާގައި އެމީހުންގެ ގާތްތިމާގެ މީހުން ޝަހީދުވި މީހުންގެ މަރާއި މެދު ހިތާމަކޮށް އެކި މެސެޖުތައް ހިއްސާކޮށްފައެވެ.
އިމާދު އަލާރަބިދު ނަމަކަށް ކިޔާ މީހެއްގެ ފޭސްބުކް ޕޯސްޓެއްގައި ބުނެފައިވަނީ ޖަބަލިއްޔާގައި ހުންނަ އޭނާގެ ގެއަށް ދިން ހަމަލާއެއްގައި އޭނާގެ މައިންބަފައިން ހިމެނޭ ގޮތަށް އާއިލާގެ ދިހަވަރަކަށް މީހުން ޝަހީދުވެފައިވާ ކަމަށެވެ.
ފަލަސްޠީނުގެ ޞިއްޚީ ވުޒާރާގެ މެޑިކް ސައީދު އަބޫ ޢީލައިޝް ވިދާޅުވީ އެހަމަލާތަކުގެ ސަބަބުން އެނާ އަށް އަނިޔާވެ ލޭ އޮހޮރެމުން އަންނަކަމަށެވެ. އަދި ފަލަސްޠީނުގެ ރައްޔިތުންނަށްޓަކައި ދުޢާ ކޮށްދިނުމަށް އޭނަ ވަނީ އެދިފައެވެ.
މިއަދުގެ ވަގުތެއްގައި އިޒްރާއިލް ސިފައިން ވަނީ ޖަބަލިއްޔާގައި ތިބި މީހުން އެތަން ދޫކޮށް ދިޔުމަށް އަމުރެއް ނެރެފައެވެ. އެއަމުރުގައި އަންގައިފައިވަނީ ވަކި ބްލޮކެއް ވަކި ސަރަހައްދެއް ހުސްކުރުމަކަށް ނޫނެވެ. މުޅި ޖަބަލިއްޔާ އެއްކޮށް ހުސްކޮށް އެތަނުގައި ތިބި އެންމެން ޣައްޒާގެ ދެކުނުގެ ހިސާބުތަކަށް ދިޔުމަށެވެ.
ޣައްޒާގެ އުތުރުގައި އޮންނަ ޖަބަލިއްޔާގައި ތިބި ފަލަސްޠީނުގެ ބައެއް މީހުން ވަނީ ހަމަލާތަކާއި އެމީހުން ތަހައްމަލު ކުރަމުންދާ ބަނޑުހައިހޫނުކަމާއި ހަރުކަށި ޝަރުތުތަކާ އެކު ވެސް އެތަން ދޫކޮށް ދިއުމަށް ދެކޮޅު ހަދާފަ އެވެ.
އަދިމިހާރު ޖަބަލިއްޔާއަށް ދެމުންދާ ހަމަލާތަކާއި އެކުވެސް އެމީހުން އެތަން ދޫކޮށް ދިޔުމަށް ދަނީ ދެކޮޅު ހަދަމުންނެވެ.
އަކްޖަޒީރާގައި ހިންދު ޚުދްރީ ރިޕޯޓު ކުރަމުން ބުނެފައިވަނީ އުތުރުގައި ތިބި ފަލަސްތީނުގެ ރައްޔިތުން، އުތުރު ޣައްޒާ ސިޓީގެ ތެރެއިން މީހުން ހުސްކުރަމުންދާ ކަމަށާއި، އެ ސަރަހައްދުގައި ތިބި މީހުން ޣައްޒާގެ ހުޅަނގާއި މެދުތެރެއަށް ދިޔުމަށް ދަތުރުހަދައިފައިވާ ކަމަށް ބުނެފައިވާ ކަމަށެވެ.
މިއަދުގެ ހަމަލާތަކުގައި ޔޫއެންއާރުޑަބްލިއުއޭގެ މުވައްޒަފަކު ވެސް ޝަހީދުވެފައިވާ ކަމަށް ހިންދު ބުނެފައިވެއެވެ.