Ads by Aqeeqa Maldives

ޚަބަރު

ބިން ހިއްކުމުގެ ބަދަލުގައި ބިން ދޭގޮތަށް ހުރި ހުރިހާ އެއްބަސްވުމެއް ބާޠިލުކޮށްފިން: ރައީސުލްޖުމްހޫރިއްޔާ

ބިން ހިއްކުމުގެ ބަދަލުގައި ބިން ދޭގޮތަށް ހުރި ހުރިހާ އެއްބަސްވުމެއް ބާޠިލުކޮށްފިން: ރައީސުލްޖުމްހޫރިއްޔާ

ރަސްމާލެ މަޝްރޫޢުގެ ތެރެއިން ބިން ހިއްކުން، ފޮޓޯ: އެޗްޑީސީ

03 މޭ 2025، 02:40

ބިން ހިއްކުމުގެ ބަދަލުގައި ބިން ދޭގޮތަށް މިހާތަނަށް ހުރި ހުރިހާ އެއްބަސްވުމެއް މިހާރު ބާޠިލުކޮށްފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. 

މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ވިދާޅުވީ، ބިން ހިއްކުމުގެ ބަދަލުގައި ބިންދޭ ގޮތަށް ސަރުކާރުތަކުން ޢަމަލުކޮށްފައި އޮތުމަކީ އެ މަނިކުފާނު ބަލައިގަންނަ ކަމެއް ނޫންކަމަށެވެ. ނަމަވެސް މީގެ ކުރިން އެކަން އެގޮތަށް ކުރިޔަށް ގެންގޮސްފައިވާކަމަށް ވިދާޅުވިއެވެ.

އަދި މި ސަރުކާރުގެ ބޯހިޔާވަހި ކަމުގެ އުއްމީދީ މަޝްރޫޢު، "ރަސްމާލެ" ވެސް އެ މޮޑެލްއަށް ފަށަން ޖެހުނީ، 19 ވަނަ ރައްޔިތުންގެ މަޖިލީހުން އެކަން އެ ނޫން ގޮތަކަށް ކުރުމަށް އެއްބާރުލުން ނުދެއްވުމުންކަމަށް ވިދާޅުވިއެވެ. ނަމަވެސް މިހާރު އެ އެއްބަސްވުން ބާޠިލުކޮށް، ބިން އަތުލާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. 

އަޅުގަނޑުމެން ރަސްމާލެ މަޝްރޫޢު ފަށަން ބެލިއިރު، އަޅުގަނޑުމެނަށް ތާޢީދުކުރާ މަޖިލީހެއް ނޫން އޮތީ. އެއްގޮތަކަށްވެސް އަޅުގަނޑުމެން ބޭނުންވި މަގެއްފަހިކޮށް ނުދިން. އޭރު އަޅުގަނޑުމެންނަށް އެގްރިމަންޓް މޮޑެލް ހެދެން އޮތްގޮތަށް ހެދީ. އޭގެ ތެރޭގައި ވަރަށް ގިނަ ދުވަސް ހިނގައްޖެ. އަޅުގަނޑުމެން އެގްރިމަންޓް ބާތިލްކޮށްލައިފިން މިހާރު.

ރައީސް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މިފަދަ މަޝްރޫޢުތައް މިހާރު ކުރިޔަށް ގެންދަނީ ބަދަލުގައި ބިންދޭގޮތަށް ނޫންކަމަށެވެ. މިގޮތުން ކޮންޓްރެކްޓަރުން ހޯދުމުގެ މަސައްކަތް ކުރަމުންދާކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

އެއްވެސް ފަރާތަކަށް އެފަރާތަކުން ފައިސާ ޚަރަދުކުރުމުން ބިން އެފަރާތަކަށް ދިގުމުއްދަތަކަށްވެސް ނުލިބޭގޮތަށް އަޅުގަނޑުމެން ކުރިއަށްދާނީ. ހަގީގަތުގައި އެހެންވެ ގިރާވަރުފަޅު ހިއްކުންވެސް ލަސްވެގެންދަނީ. ގިރާވަރުފަޅުވެސް އޮތީ އެއާއި ގުޅުވާ ބިންދޭގޮތަށް. އަދި ހުޅުމާލޭ ފޭސް 3ވެސް ވެފައި އޮތީ އެހެން. މިހާރު ނޯންނާނެ ބިން ހިއްކި އެއްވެސް ބަޔަކަށް ސަރުކާރަކުން ދީފަ އޮތް ބިމެއް.

ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، ރަސްމާލެ މަޝްރޫޢުއަށް ލަސްކަމެއް އައީ ވެސް މިސަބަބާ ގުޅިގެން ކަމަށެވެ. ނަމަވެސް މިހާރުވެސް ދެ ކޮންޓްރެކްޓަރުން މަސައްކަތް ކުރަމުން އަންނައިރު މިހާތަނަށް 101.46 ހެކްޓަރުގެ ބިންވަނީ ހިއްކާ ނިންމާލާފައެވެ. އަދި އިތުރު ކޮންޓްރެކްޓަރުން ހޯދުމުގެ މަސައްކަތް ކުރަމުންދާއިރު މި އަހަރުގެ ނިޔަލަށް ބިން ހިއްކާ ނިންމުމަށް މަސައްކަތް ކުރަމުންދާކަމަށް ރައީސުލްޖުމްހޫރިއްޔާވަނީ ވިދާޅުވެފައެވެ.

މި ލިޔުން ކިޔާލުމުން

Ads by MSS