ޚަބަރު
އަސްކޮއި ގްރޫޕުން ޢުމްރާއަށް މީހުން ނުގެންދިޔަ މައްސަލައިގައި ބޮޑު އަދަދަކުން ޖޫރިމަނާކޮށްފި

ޢުމްރާއަށް ފުރުން/ފޮޓޯ: އިސްލާމިކް މިނިސްޓްރީ
އަސްކޮއި ޓްރެވަލް ސާވިސް ޕްރައިވެޓް ލިމިޓެޑް ގްރޫޕުން ޢުމްރާއަށް މީހުން ނުގެންދިޔަ މައްސަލައިގައި ބޮޑު އަދަދަކުން ޖޫރިމަނާކޮށްފި އެވެ.
އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާއިން ވިދާޅުވީ، އަސްކޮއި ގްރޫޕް ޖުރިމަނާކޮށްފައިވަނީ ޢުމްރާއަށް މީހުން ގެންދިއުމުގެ ހުއްދަ ދީފައިވާ ކުންފުނިތަކާއި އެ ވުޒާރާއާއި ދެމެދު ސޮއިކޮށްފައިވާ އެއްބަސްވުމާއި ޚިލާފުވެފައިވާތީ، ޢުމްރާއަށް މީހުން ގެންދިއުމާއި ގުޅޭ އުޞޫލުގެ 23 ވަނަ މާއްދާގެ ދަށުން ކަމަށެވެ.
އަސްކޮއި ގްރޫޕުގެ މައްސަލަ ބެލުމަށް ފަހު އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވަނީ އެ ގްރޫޕް 130,000 ރުފިޔާއިން ޖޫރިމަނާކޮށްފައެވެ. އަދި 30 ދުވަހުގެ ތެރޭގައި އެ ފައިސާ ދެއްކުމަށް އަންގާފައިވާއިރު، ރޯދަ މަހުގެ އުމްރާއަށް ގެންދިއުމަށް ކުރިއާލާ ފައިސާ ދެއްކި ނުވަ މީހުންނަށް ރިފަންޑު ދިނުމަށް ވެސް އެ ވުޒާރާއިން ވަނީ އަސްކޮއި ޓްރެވަލް ސާވިސް ޕްރައިވެޓް އަށް އަންގާފައެވެ.
އަސްކޮއި ގްރޫޕްގެ މައްސަލަ ބަލަން ފަށާފައިވަނީ، އެ ގްރޫޕުން ރަމަޟާންމަހުގެ ފަހު ފަނަރައާއި ޝައްވާލްމަހުގެ ހަ ރޯދަ ހިމެނޭ ގޮތަށް ޢުމުރާއަށް ދާން އެތައް ބަޔަކު އަތުން ފައިސާ ނެގުމަށްފަހު، އެ ދަތުރު ކުރެވޭނެ ގޮތެއް ނެތްކަމަށް ބުނެ ރަމަޟާން މަހުގެ 6 ވަނަ ދުވަހުގެ ރޭ މެސެޖަކުން އެންގުމާއި ގުޅިގެންނެވެ. އަދި މިކަމާއި ގުޅިގެން ފައިސާ ދެއްކި މީހުންނާއި ޢާއިލާތަކުން ވަނީ މީސް މީޑިއާގައި މިކަމާ ގުޅިގެން ކަންބޮޑުވުން ފާޅުކޮށް އިސްލާމީ ވުޒާރާގެ ސަމާލުކަމަށް މިކަން ގެނެސްފައެވެ.
އުމްރާއަށް މީހުން ގެންދިއުމުގައި އަމަލުކުރާން ގެޒެޓް ކޮށްފައިވާ އުޞޫލަށް އަމަލު ނުކުރާ ހުރިހައި ކުންފުނިތަކަށް އެ ވުޒާރާއިން ފިޔަވަޅު އަޅާނެކަމަށް އިސްލާމިކް މިނިސްޓްރީން މީގެ ކުރީން ވެސް ބުނެފައިވެއެވެ.