ޚަބަރު
މަސްތުވާތަކެއްޗާ ދެކޮޅަށް ހިންގި ބޮޑު އޮޕަރޭޝަނެއްގައި ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު 6 މީހަކު ހައްޔަރުކޮށްފި

މަސްތުވާތަކެތީގެ މައްސަލައިގައި ހައްޔަރުކުރި ހަ މީހުން/ފޮޓޯ: ފުލުހުން
ދިވެހި ފުލުހުންގެ ޚިދުމަތުން މަސްތުވާތަކެއްޗާ ދެކޮޅަށް ހިންގި ބޮޑު އޮޕަރޭޝަނެއްގައި ގިނަ ޢަދަދެއްގެ މަސްތުވާތަކެއްޗާއެކު ޖުމްލަ 6 މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް އަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން ހިންގި މި އޮޕްރޭޝަނުގައި 2 ކިލޯއާ ގާތްކުރާ އަދަދެއްގެ މަސްތުވާތަކެތި އަތުލައިގެންފައިވާ ކަމަށެވެ. ހަމަ އެއާއެކު، ގިނަ އަދަދެއްގެ ފައިސާއާއި، އިލެކްޓްރޯނިކް ވަސީލަތްތަކާއި، ކެނަބިސް އެކުލެވޭ އުފެއްދުންތައް ވެސް ވަނީ އަތުލައިގެންފައެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ގއ. ދާންދޫ/ބޯގަންވިލާ، ޙަސަން ޢަލީ (26އ) އާއި، ޅ. ކުރެންދޫ/މެދުރިގެ، މުޙައްމަދު އަލީޝް އަޙްމަދު (28އ) އާއި، ހދ. ނޮޅިވަރަންފަރު/ސާރާޒް، ވަލީދު މުޙައްމަދު (26އ) އާއި، ސ. ފޭދޫ/ފެނިގެއްލިދާގެ، ޖައިލަމް މުޙައްމަދު ޒަކީ (28އ) އާއި، ފ. ދަރަނބޫދޫ/ނާރެސް، ޝަޔާން އިސްމާޢީލް ވަޙީދު (18އ) އާއި، އއ. ތޮއްޑޫ / ތުނޑި، އިބްރާހީމް މައިޝަމް މާހިރު (21އ) އެވެ.
ފުލުހުން ވިދާޅުވީ، މި މަހުގެ 14 އަދި 15 ވަނަ ދުވަހު ޑްރަގް އެންފޯސްމަންޓާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި މި އޮޕަރޭޝަނުގައި މާލެއާއި ހުޅުމާލެ ހިމެނޭގޮތަށް ޖުމްލަ 7 ތަނެއް ބަލައި ފާސްކޮށްފައިވާ ކަމަށެވެ. އަދި މި ތަންތަނުން ހެރޮއިންއާއި، މެތަމްފެޓަމިން، އަދި ކެނަބިސް ހިމެނޭގޮތަށް މަސްތުވާ ތަކެއްޗަށް ޝައްކުކުރެވޭ ގިނަ ޢަދަދެއްގެ ތަކެތި ވަނީ ފެނިފައެވެ. އަދި މި ތަކެތީގެ ވަގުތީ ބަރުދަނަކީ 1943.76 ގްރާމްކަމަށް ފުލުހުން މަޢުލޫމާތުދެއެވެ.
މީގެ އިތުރުން ފުލުހުން ވިދާޅުވީ، މި އޮޕަރޭޝަންގެ ދަށުން ނިކޮޓިން-ސްޓައިލް ވޭޕް ކާޓްރިޖްތަކާއި، "މޫންޝައިން" ކެނަބިސް ބުއިންތަކާއި، ފްލޭވަރ ކުރެވިފައިވާ ތެޔޮ ވެސް އަތުލައިގެންފައިވާ ކަމަށެވެ. ހަމަ މިއާއެކު، 90،000 އަށްވުރެ ގިނަ ދިވެހި ރުފިޔާ އާއި 3،605 އެމެރިކާ ޑޮލަރު ވެސް މި އޮޕަރޭޝަންގެ ތެރެއިން އަތުލާގެންފައިވާކަމަށް ފުލުހުން މަޢުލޫމާތުދެއެވެ. އަދި 6 މޯބައިލް ފޯނަކާއި 2 ލެޕްޓޮޕް ވެސް ފުލުހުންގެ ބެލުމުގެ ދަށަށް ވަނީ ގެނެވިފައެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ޖައިލަމް މުޙައްމަދު ޒަކީ (28އ) 5 ދުވަހަށް، އިބްރާހީމް މައިޝަމް މާހިރު (21އ) އާއި ޝަޔާން އިސްމާޢީލް ވަޙީދު (18އ) 10 ދުވަހަށް، އަދި ޙަސަން ޢަލީ (26އ) އާއި މުޙައްމަދު އަލީޝް އަޙްމަދު (28އ) އާއި ވަލީދު މުޙައްމަދު (26އ) 15 ދުވަހަށް ބަންދުކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.
މި މައްސަލަ އިތުރަށް ތަހުޤީގު ކުރަމުންދާއިރު، މިއީ ވަރަށް ކާމިޔާބު އޮޕަރޭޝަނެއްކަމަށް ފުލުހުން ވަނީ ފާހަގަކުރައްވާފަ އެވެ.