ކުޅިވަރު
ސާފް ޗެމްޕިއަންޝިޕްގެ ސެމީގައި އިންޑިއާ އަތުން ރާއްޖެ ބަލިވެއްޖެ

19 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިފްގެ ސެމީފައިނަލުގައި އިންޑިއާ އާއި ރާއްޖެ ބައްދަލުކުރި މެޗު، ފޮޓޯ: ސާފް
މިހާރު ކުރިޔަށްދާ 19 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިފްގެ ސެމީފައިނަލުގައި އިންޑިއާއިން 3-0 އިން ރާއްޖެ ބަލިކުރުމުން، މި އަހަރުގެ މުބާރާތް ރާއްޖޭގެ ފުޓުބޯޅަ ޓީމަށް ނިމިއްޖެއެވެ.
އިންޑިއާގައި ކުރިޔަށްދާ މި މުބާރާތުގެ ރޭގެ ސެމީގައި އިންޑިއާއިން ވަނީ ފުރަތަމަ ހާފު ދެ ގޯލުގެ ލީޑެއް ނަގާފައެވެ. އެ ޓީމުގެ ފުރަތަމަ ގޯލު ކާމިޔާބުކުރީ މެޗުގެ 10 ވަނަ މިނެޓުގައި ޑެނީ މައިޓޭއި ލައިޝްރަމއެވެ. އަދި އެ ޓީމުން ލީޑު ފުޅާކުރީ މެޗުގެ 21 ވަނަ މިނެޓުގައި، ފޯވަރޑް އޮމަގް ޑޯޑަމް ކާމިޔާބުކުރި ގޯލަކުންނެވެ.
އިންޑިއާގެ ތިން ވަނަ ގޯލު ފަހު ހާފުގެ 21 ވަނަ މިނެޓުގައި ކާމިޔާބުކުރީ ޕްރަޝާން ޖާޖޯއެވެ.
މި މެޗުގައި އިންޑިއާގެ ގޯލަށް ނުރައްކާ ކުރުމަށް ރަގަޅު ފުރުސަތުތަކެއް ރާއްޖޭގެ ޓީމަށް އުފެއްދިފައެއް ނުވެއެވެ. ނަމަވެސް އިންޑިއާއިން ވަނީ ރާއްޖޭގެ ކޮޅަށް ގިނަ ހަމަލާތަކެއް ފޮނުވާލާފައެވެ.
މި މުބާރާތުގެ ސެމީއަށް ރާއްޖެ ދަތުރުކުރީ ގްރޫޕް ސްޓޭޖުގެ ދެ މެޗު އެއްވަރުވެގެން ލިބުނު ދެ ޕޮއިންޓުންނެވެ. ގްރޫޕް ސްޓޭޖުގައި ރާއްޖެއިން ވަނީ ބަނގުލަދޭޝް އާއި ބޫޓަންއާ އެއްވަރުކޮށްފައެވެ. މި ދެ މެޗުވެސް ނިމުނީ 2-2 އިންނެވެ.
އަނެއްކޮޅުން އިންޑިއާ ސެމީއަށް ދަތުރުކުރީ ގްރޫޕް ސްޓޭޖުގައި 12 ގޯލު ކާމިޔާބުކުރުމަށްފަހުއެވެ. އަދި ގްރޫޕް ސްޓޭޖުގައި އިންޑިއާ ކޮޅަށް އެއްވެސް ޓީމަކަށް ގޯލެއް ކާމިޔާބުކުރެވިފައެއް ނުވެއެވެ.
ފައިނަލްގައި އިންޑިއާއިން ނިކުންނާނީ، ސެމީފައިނަލުގެ އަނެއް މެޗުގައި ނޭޕާލް ބަލިކުރި ބަނގުލަދޭޝްއާ ދެކޮޅަށެވެ.