ފަރުދުން / ވިޔަފާރި

މިއީ ޓެކްނިކަލް ހުނަރުތަކާއެކު ރަނގަޅު އާމްދަނީ ލިބޭ ފުރުޞަތުތައް ގިނަ ، އަންހެނުންނަށް ބާރުވެރިކަން ދޭ ޞިނާޢަތެއް : ޝަޒްވާ

މިއީ ޓެކްނިކަލް ހުނަރުތަކާއެކު ރަނގަޅު އާމްދަނީ ލިބޭ ފުރުޞަތުތައް ގިނަ ، އަންހެނުންނަށް ބާރުވެރިކަން ދޭ ޞިނާޢަތެއް : ޝަޒްވާ

އެމްއެސްއެސްގެ ޑޮކިއުމެންޓޭޝަން މެނޭޖަރ ޝަޒްވާ އިބްރާހީމް ރަޝީދު

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

18 މޭ 2025، 02:01

18 މޭ 2025، 02:01

ކަނޑުދަތުރުފަތުރުގެ ދާއިރާއަކީ އާންމުކޮށް ފިރިހެނުން ގިނަ ދާއިރާއެއް ކަމުގައިވީ ނަމަވެސް، ޝަޒްވާ އިބްރާހީމް ރަޝީދު ވަނީ މި ދާއިރާގައި ކާމިޔާބުކަމާއެކު މަސައްކަތްކުރައްވާ، އަންހެނުންނަށް މަގުދައްކައިދޭ ނަމޫނާއެއްގެ ގޮތުގައި ވެވަޑައިގެންފައެވެ. އެމްއެސްއެސްގެ ޑޮކިއުމެންޓޭޝަން މެނޭޖަރުގެ މަޤާމުގައި މަސައްކަތްކުރައްވާ ޝަޒްވާ، އޭނާގެ އަމިއްލަ އަދި ފަންނީ ދަތުރުގެ ތަޖުރިބާތައް އަޅުގަނޑުމެންނާ ހިއްސާކޮށްދެއްވިއެވެ.

2009 ވަނަ އަހަރު ޝިޕިންގ ދާއިރާގައި މަސައްކަތްކުރަން ފެށުމަށްފަހު، ޝަޒްވާ ވަނީ މި ދާއިރާގައި 16 އަހަރު ވަންދެން މަސައްކަތްކުރައްވާފައެވެ. އޭނާ ވިދާޅުވި ގޮތުގައި، މި ދާއިރާގައި މަސައްކަތްކުރުމުގެ ތެރެއިން ވަރަށް ގިނަ ކަންތައްތަކެއް ދަސްވެ، މި ދާއިރާގައި މަސައްކަތްކުރުމުގެ ޝައުޤުވެރިކަން އިތުރުވެގެން ދިޔައެވެ. ގޮންޖެހުންތަކާ ކުރިމަތިލާންޖެހޭ މާޙައުލެއްގައި މަސައްކަތްކުރުމުން އޭނާގެ ހުނަރުތަކާއި މަޢުލޫމާތު އަދި މަސައްކަތުގެ ޤާބިލިއްޔަތުކަން އިތުރުވެގެން ދިޔައެވެ.

ޝަޒްވާ ވިދާޅުވި ގޮތުގައި، އޭނާ މި ސިނާޢަތުގެ މަސައްކަތް ފެށީ ޝިޕިންގ ޑޮކިއުމެންޓޭޝަން އިންނެވެ. ރާއްޖެއާއި ރާއްޖެއިން ބޭރުގެ ސްޓޭކްހޯލްޑަރުންނާއި ކަސްޓަމަރުންނާ މުޢާމަލާތްކުރުމަކީ ޝައުޤުވެރިކަން ލިބޭ ކަމެއްކަން އޭނާއަށް ފާހަގަކުރެވުނެވެ. މިއީ އޮފީހުގެ މަސައްކަތެއް ކަމުގައިވީ ނަމަވެސް، މިއީ ވަރަށް ބުރަ އަދި ގޮންޖެހުންތައް ހުރި މަސައްކަތެކެވެ.

މިއީ ޓެކްނިކަލް ހުނަރުތަކާއެކު ރަނގަޅު އާމްދަނީ ލިބޭ ފުރުޞަތުތައް ގިނަ ، އަންހެނުންނަށް ބާރުވެރިކަން ދޭ ޞިނާޢަތެއް : ޝަޒްވާ

ޝަޒްވާ އިބްރާހީމް ރަޝީދު

އަންހެނެއްގެ ހައިސިއްޔަތުން، ފިރިހެނުންނަށް ވެސް މިދާއިރާގައި ކުރިމަތިނުވާ އެއްވެސް ދަތިކަމެއް އޭނާއަށް ކުރިމަތިވާ ކަމަކަށް ނުދެކޭ ކަމަށް ޝަޒްވާ ވިދާޅުވިއެވެ. އޭނާ ވިދާޅުވި ގޮތުގައި، މިއީ ފިރިހެނުންނަށް ވެސް އަންހެނުންނަށް ވެސް އެއްވަރަށް ގޮންޖެހުންތަކާއި ފުރުޞަތުތައް ހުރި މަސައްކަތުގެ ދާއިރާއެކެވެ.މމި ދާއިރާގައި ޖިންސުގެ ތަފާތުކުރުމެއް ނެތްކަމާއި، ހަމައެކަނި ޤާބިލުކަމާއި ހުނަރުގެ މައްޗަށް ބިނާކޮށް ކުރިއެރުން ލިބޭކަން މިއީ އުފަލެކެވެ. އެމްއެސްއެސްއިން އަންހެނުންނަށް ޕްރޮފެޝަނަލީ ކުރިއެރުމަށްޓަކައި ފުދޭވަރަކަށް ގިނަ ތަމްރީނުތައް ދޭ ކަމަށާއި، އެމްއެސްއެސްއިން ހުޅުވާ ވަޒީފާތަކަކީ އަންހެނުންނަށާއި ފިރިހެނުންނަށް އެއްހަމައެއްގައި ހުޅުވިފައިވާ ފުރުޞަތުތަކެއް ކަމަށް އޭނާ ވިދާޅުވިއެވެ.

ޝަޒްވާ ވިދާޅުވި ގޮތުގައި، އެމްއެސްއެސްގެ ޑޮކިއުމެންޓޭޝަން ޑިޕާޓްމަންޓުގެ 75 އިންސައްތައަކީ އަންހެނުންނެވެ. އޭނާ ވިދާޅުވި ގޮތުގައި، އެމްއެސްއެސްއިން އެތައް ޝިޕިންގލައިނަރ އެއް ބަލަހައްޓައެވެ. އަދި ކޮންމެ ލައިނަރ އެއްގެ ކަންކަން ބަލަހައްޓަނީ އޭނާގެ ޓީމުގެ ވަކިވަކި މުވައްޒަފުންނެވެ. އެ މުވައްޒަފުންނަށް މަސައްކަތް ބެލެހެއްޓުމާއި ލިޔެކިޔުންތައް ހެދުމުގެ ޕްރޮސެސް ގެންދާނެ ގޮތުގެ ތަމްރީނު ދެވެއެވެ.

މިއީ ޓެކްނިކަލް ހުނަރުތަކާއެކު ރަނގަޅު އާމްދަނީ ލިބޭ ފުރުޞަތުތައް ގިނަ ، އަންހެނުންނަށް ބާރުވެރިކަން ދޭ ޞިނާޢަތެއް : ޝަޒްވާ

ޝަޒްވާ ވިދާޅުވި ގޮތުގައި، އެމްއެސްއެސްގެ ޑޮކިއުމެންޓޭޝަން ޑިޕާޓްމަންޓުގެ 75 އިންސައްތައަކީ އަންހެނުން

ޝަޒްވާ ވިދާޅުވި ގޮތުގައި، އެމްއެސްއެސްގެ ރެކްރިއޭޝަނަލް ކްލަބުން އަންހެނުންނަށް ޚާއްޞަކޮށްގެން ޓީމް ބިލްޑިންގ ހަރަކާތްތައް ބާއްވައެވެ. އަދި އެމްއެސްއެސްގެ މާޙައުލަކީ ވަރަށް އެކުވެރި މާޙައުލެކެވެ. އޭނާ އަލަށް ވަޒީފާއަށް ގެނެވޭ މުވައްޒަފުން މޮނިޓަރކޮށް، އެ މީހުންނަށް ތަމްރީނު ދީ، އެ މީހުންގެ މަސައްކަތުގައި އިރުޝާދު ދެއެވެ.

މިއަހަރުގެ އައިއެމްއޯގެ ޝިޢާރު ކަމުގައިވާ "އެން އޯޝަން އޮފް އޮޕަރޗޫނިޓީޒް ފޯ ވިމަން" އާ ގުޅޭގޮތުން ޝަޒްވާ ވިދާޅުވި ގޮތުގައި، މި ޢިބާރާތުން ދޭހަކޮށްދެނީ މި ޞިނާޢަތުގައި ހުރި ފުރުޞަތުތަކުގެ ފުޅާކަމާއި، އަންހެނުންނަށް ރަނގަޅު އާމްދަނީ ލިބެން ހުރި ވަޒީފާތަކުގެ ތަފާތު ބާވަތްތަކުގެ ގިނަކަމެވެ.

ކަނޑުދަތުރުފަތުރުގެ ދާއިރާގައި މުސްތަޤުބަލެއް ބިނާކުރަން ބޭނުންވާ ޒުވާން އަންހެނުންނަށް ޝަޒްވާ ދެއްވި މެސެޖަކީ، މިއީ ޚާއްޞަ ޓެކްނިކަލް ހުނަރުތަކާއެކު ރަނގަޅު އާމްދަނީ ލިބޭ ވަޒީފާތައް ހުރި، ފުރުޞަތުތައް ގިނަ އަދި އަންހެނުންނަށް ބާރުވެރިކަން ދޭ ޞިނާޢަތެއް ކަމަށެވެ. އޭނާ މި ދާއިރާއަށް ވަނުމަށް ޒުވާން އަންހެނުންނަށް ހިތްވަރުދެއްވިއެވެ.


މުސްތަޤުބަލާ ގުޅޭގޮތުން ޝަޒްވާ ވިދާޅުވި ގޮތުގައި، ދިވެހިރާއްޖެ ކަހަލަ އިމްޕޯޓަށް ބަރޯސާވާ ޤައުމެއްގައި ޝިޕިންގ އިންޑަސްޓްރީ އިތުރަށް ކުރިއަރައިގެން ގޮސް މުދާ އެތެރެކުރުމާއި ބޭރުކުރުމަށް ލުއިފަސޭހަ މެކޭނިޒަމްއެއް ޤާއިމުވެ، މި އިންޑަސްޓްރީގައި ހުރި އެތަކެއް ރަނގަޅު ފުރުޞަތުތަކަށް ކުދިން އިތުރަށް ހޭލުންތެރިވެ، ދެން އޮތް ޖީލުގެ ޓެކްނިކަލް ކުދިން ބިނާކޮށް، އަންހެނުންގެ ޙިއްސާ މި ދާއިރާގައި އިތުރުވެ، މުހިންމު ރޯލެއް އެމްއެސްއެސްއިން އަދާކުރާނެ ކަމަށް އޭނާ ދެކެވަޑައިގަންނަވައެވެ.


ޝަޒްވާގެ ތަޖުރިބާތަކާއި ވިސްނުންތަކުން އެނގިގެންދަނީ ކަނޑުދަތުރުފަތުރުގެ ދާއިރާގައި އަންހެނުންނަށް ވެސް ފުރުޞަތުތައް ހުރިކަމާއި، މި ދާއިރާގައި އަންހެނުންގެ ދައުރު އިތުރުވަމުންދާކަމެވެ. އަދި މުސްތަޤުބަލުގައިމި ދާއިރާގައި އަންހެނުންގެ ބައިވެރިވުން އިތުރަށް ފުޅާވެގެންދާނެ ކަމަށް އުންމީދުކުރެވެއެވެ.ޝަޒްވާފަދަ ނަމޫނާ އަންހެނުންގެ ތަޖުރިބާތަކާއި ވިސްނުންތައް ހިއްސާކުރުމަކީ އިތުރު އަންހެނުން މި ދާއިރާއަށް ޝައުޤުވެރިވުމަށް މަގުފަހިކޮށްދޭނެ ކަމެކެވެ.

މި ލިޔުން ކިޔާލުމުން

Ads by MSS