ކުޅިވަރު

ލީގުގައި ކޮންޓްރޯލް ނެގުމަށް އިންޓަރ މިލާނަށް ލިބުނު ރަނުގެ ފުރުސަތު ގެއްލިއްޖެ

ލީގުގައި ކޮންޓްރޯލް ނެގުމަށް އިންޓަރ މިލާނަށް ލިބުނު ރަނުގެ ފުރުސަތު ގެއްލިއްޖެ

ލާޒިއޯއިން ވަނީ ފަހު މިނެޓުގައި އިންޓަރ މިލާން އައި އެއްވަރުކޮށްފައި ---

19 މޭ 2025، 06:36

އިޓަލިއަން ސިރީ އޭގައި އެއްވަނައަށް އެރުމަށްފަހު އަމިއްލަ ބާރުގެ ދަށަށް ލީގު ގެނައުމަށް އިންޓަރ މިލާނަށް ލިބުނު ރަނުގެ ފުރުސަތު ގެއްލިއްޖެއެވެ.

ޔޫރަޕްގެ ބޮޑު ލީގުތަކުގެ ތެރެއިން ފަހު މެޗާ ހިސާބަށް ގޮސްފައި އޮތްއިރު ވެސް މިހާތަނަށް ލީގުގެ ޗެމްޕިއަނުން ޔަގީންވެފައި ނުވަނީ އިޓަލީގައި އެކަންޏެވެ. އެ ލީގުގައި ތައްޓަށް ވާދަކުރަމުންދަނީ 79 ޕޮއިންޓާއެކު އޮތް ނަޕޯލީ އާއި 78 ޕޮއިންޓާއެކު އޮތް އިންޓަރ މިލާނެވެ.

ނަޕޯލީ އާއި ޕާރމާ ރޭ ކުޅުނު މެޗު 0-0 އިން އެއްވަރުވިއިރު، އެ ޓީމާ ދެމެދު އޮތް އެއް ޕޮއިންޓުގެ ފަރަގު ދުއްވާލައި ލީގުގެ އެއްވަނައަށް އެރުމަށް އިންޓަރއަށް ލިބުނު ފުރުސަތު ގެއްލުނީ އެ ޓީމާއި ލާޒިއޯ ބައްދަލުކުރި މެޗުގައި، ޗެމްޕިއަންސް ލީގަށް ކޮލިފައިވުމަށް މަސައްކަތް ކުރަމުންދާ ލާޒިއޯއިން ފަހު މިނެޓުގައި ނަތީޖާ ހަމަހަމަ ކުރުމުންނެވެ.

އެހެންކަމުން އިޓަލީގެ ލީގު ތަށި މިފަހަރު ޔަގީން ވާނީ ލީގުގެ އެންމެ ފަހު ބުރުގެ މެޗުތައް ނިމުމުންނެވެ. 

އިންޓަރ އާއި ލާޒިއޯ ރޭ ބައްދަލުކުރި މެޗުގައި  ފުރަތަމަ ލީޑު ނެގީ ވެސް އިންޓަރއިންނެވެ. އެ ޓީމުން ފޮނުވާލި ރަގަޅު ހަމަލާތަކެއް ލާޒިއޯގެ ގޯލްކީޕަރު ދިފާއުކޮށްފައި ވީނަމަވެސް، ވިސްނުންތެރިކަމާއެކު ޔަން ބިސެކް ފުރަތަމަ ހާފުގެ އިތުރު ވަގުތު ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ މަތީ ދާގަނޑަށްށެވެ. 

ލާޒިއޯއިން މެޗުގެ ނަތީޖާ ފުރަތަމަ ފަހަރަށް ހަމަހަމަ ކުރީ 72 ވަނަ މިނެޓުގައި ޕެޑްރޯގެ ގޯލަކުންނެވެ. އަދި އޭގެ 7 މިނެޓު ފަހުން، މި ސީޒަންގައި ތަފާތު މޮޅު ކުޅުމެއް ދައްކަމުން އަންނަ ޑެންޒެލް ޑެމްފްރީޒް އިންޓަރގެ ލީޑު އަނބުރާ ހޯދައިދީ، އެ ޓީމުން ލީގު ތަށި ދިފާއު ކުރުމަށް ކުރަމުންދާ އުއްމީދު އައުކޮށްދިނެވެ.

ނަމަވެސް، އިންޓަރގެ ޕެނަލްޓީ އޭރިއާ ތެރެއިން އެ ޓީމުގެ ކުޅުންތެރިއެއްގެ އަތުގައި ޖެހުމުން ލިބުނު ޕެނަލްޓީ ކާމިޔާބުކޮށް، ލާޒިއޯއަށް ޗެމްޕިއަންސް ލީގުގެ އުއްމީދު ޕެޑްރޯ ބޮޑުކޮށްދިންއިރު، އިންޓަރ މިލާނަށް އެ ގޯލުވީ ބޮޑު މާޔޫސް ކަމަކަށެވެ. 

ނަޕޯލީ އެންމެ ފަހުން ލީގު ކާމިޔާބުކުރީ 2022/23 ސީޒަންގައެވެ. އެއީ 33 އަހަރަށް ފަހު އެ ޓީމުން ލީގު ކާމިޔާބުކުރި ފުރަތަމަ ފަހަރު ވެސް މެއެވެ.

ލީގުގެ ތަށި ޔަގީން ވެގެންދާނެ ފަހު ބުރު މި މަހުގެ 25 ގައި ކުޅުމަށް ހަމަޖެހިފައިވާއިރު، އެ ދުވަހު އިންޓަރއިން ނިކުންނާނީ ސެސްކް ފެބްރިގާސް ކޯޗުކޮށްދެމުންދާ ކޮމޯ 1907 އާ ދެކޮޅަށެވެ. އަނެއްކޮޅުން ނަޕޯލީ ކުޅެން ޖެހޭނީ ކެގްލިއާރީއާ ދެކޮޅަށެވެ. 

މި ލިޔުން ކިޔާލުމުން

Ads by MSS