ކުޅިވަރު
ޕެނަލްޓީއިން ބަނގުލަދޭޝް ބަލިކޮށް ސާފް ޗެމްޕިއަންޝިޕް އިންޑިއާއިން ކާމިޔާބުކޮށްފި

19 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕް އިންޑިއާއިން ކާމިޔާބުކުރުން ---
ޕެނަލްޓީ ޖަހައިގެން ބަނގުލަދޭޝް ބަލިކޮށް، އިންޑިއާއިން 19 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކޮށްފިއެވެ.
އިންޑިއާގެ އަރުނާޗަލް ޕްރަދޭޝްގެ ޔޫޕިއާގެ ގޯލްޑަން ޖޫބްލީ ސްޓޭޑިއަމްގައި ކުޅުނު މި މެޗުގައި، އުއްމީދުކުރެވުނު ވަރަށް ވުރެ މޮޅު ކުޅުމެއް ވަނީ ބަނގުލަދޭޝް ޓީމުން ދައްކާފައެވެ.
ގްރޫޕް ސްޓޭޖުގައި ކުޅުނު ދެ މެޗުން 12 ގޯލު ޖަހައި، ސެމީ ފައިނަލްގައި 3-0އިން ރާއްޖެ ބަލިކުރުމަށްފަހު ފައިނަލަށް ދަތުރުކުރި އިންޑިއާ ބޮޑު ތަފާތަކުން މެޗު ކާމިޔާބުކުރާނެކަމަށް ބެލެވުނެވެ. ނަމަވެސް ބަނގުލަދޭޝްގެ ކުޅުންތެރިން ދެއްކި ހިތްވަރުން އެ ޓީމަށް އިންޑިއާ ބަލިނުކުރެވުނީ ހަމަކިރިޔާއެވެ.
ފައިނަލް މެޗުގައި ފުރަތަމަ ލީޑު ނެގީ އިންޑިއާއިންނެވެ. މެޗުގެ ދެވަނަ މިނެޓުގައި އެ ޓީމަށް ލީޑު ނަގައިދިނީ ކެޕްޓަން ސިގްމޭޔަމް ސާމީއެވެ. އަދި މެޗުގައި ގަޑިއިރެއް ކުޅެވުނު ފަހުން ބަންގްލަދޭޝްގެ އެމްޑީ ޖޯއީ އަހުމަދު ވަނީ ގޯލު ޖަހައި ނަތީޖާ ހަމަހަމަ ކޮށްފައެވެ.
ޕެނަލްޓީ ޝޫޓް-އައުޓްގައި އިންޑިއާގެ ދެވަނަ ޕެނަލްޓީ ބަންގްލަދޭޝްގެ ކީޕަރު އެމްޑީ އަލީ ހޮސެއިން ވަނީ ދިފާއުކޮށްފައެވެ. ނަމަވެސް އިންޑިއާއަށް ކާމިޔާބު ލިބުނީ އޭގެ ފަހުން ބަންގްލަދޭޝްގެ ނަޒްމުލް ހުދާ ފައިސަލް އާއި ސަލާހުއްދީން ސާހިދު ޖެހި ޕެނަލްޓީތައް ނާކާމިޔާބުވުމުންނެވެ.
މި މުބާރާތް ކުރިން ފަހަރު ކާމިޔާބުކުރި ބަނގުލަދޭޝް އާއި ރާއްޖެ އޮތީ މިފަހަރު އެއް ގްރޫޕެއްގައެވެ. އަދި ރާއްޖެއާ ބަނގުލަދޭޝް ބައްދަލުކުރި މެޗު ވަނީ 2-2 އިން އެއްވަރުވެފައެވެ.