ޚަބަރު
މުލީ އެއަރޕޯޓު ރަސްމީކޮށް ހުޅުވުމަށް ރައީސުލްޖުމްހޫރިއްޔާ އެ ރަށަށް ވަޑައިގެންފި

ރައީސުލްޖުމްހޫރިއްޔާ މުލިއަށް ފުރާވަޑައިގަތުން/ފޮޓޯ: ރައީސް އޮފީސް
މ. މުލީގައި ތަރައްޤީކޮށްފައިވާ އެއަރޕޯޓު ރަސްމީކޮށް ހުޅުވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެރަށަށް ވަޑައިގެންފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅަކީ އެއް ދުވަހުގެ މުއްދަތަކަށް ކުރައްވާ ދަތުރުފުޅެކެވެ. މި ދަތުރުފުޅުގައި ރައީސް ވަނީ މުލީ އެއަރޕޯޓު ރަސްމީކޮށް ހުޅުއްވަވައިދެއްވުމަށް ހަމަޖެހިފައެވެ.
މީގެ އިތުރުން މި ދަތުރުުފުޅުގައި، ނާލާފުށި ކައުންސިލް އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީއާއި ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. ހަމަ އެހެންމެ، މި ދަތުރުފުޅުގެ ތެރެއިން ރައީސް މ.މުލީ ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ މެންބަރުންނާ ބައްދަލުކުރައްވާ މުހިންމު މަޝްވަރާތަކެއް ކުރައްވާނެއެވެ.
ރައީސްގެ މި ދަތުރުފުޅުގައި، މުލި-ނާލާފުށި ގުޅުވައިދޭ ކޯޒްވޭ ގެ ޢަމަލީ މަސައްކަތް ފެއްޓެވުމަށް ވެސް ވަނީ ނިންމަވާފައެވެ. އަދި 5 މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމްގެ ދަށުން މުލީ އެއަރޕޯޓުގައި ގަސް އިންދުމުގެ މަސައްކަތް ވެސް މި ދަތުރުފުޅުގެ ތެރެއިން ފެށިގެން ދާނެއެވެ. ރައީސްގެ މި ދަތުރުފުޅަކީ، މުލީގައި ތަރައްޤީއަށް ކުރެވެމުންދާ ގިނަ މަސައްކަތްތަކެއްގެ ބިންގާ އެޅިގެންދާނެ ދަތުރެކެވެ.