ޚަބަރު
ދުނިޔޭގެ ނޫސްވެރިކަމުގެ މިނވަންކަމުގެ ދުވަހާ ގުޅުވައިގެން ޕޮލިސް-މީޑީއާ ރިސެޕްޝަން ބާއްވައިފި

ދުނިޔޭގެ ނޫސްވެރިކަމުގެ މިނވަންކަމުގެ ދުވަހާ ގުޅުވައިގެން ބޭއްވުނު ޕޮލިސް-މީޑީއާ ރިސެޕްޝަން/ފޮޓޯ: ފުލުހުން
ދުނިޔޭގެ ނޫސްވެރިކަމުގެ މިނވަންކަމުގެ ދުވަހާ ގުޅުވައިގެން "ޕޮލިސް-މީޑީއާ ރިސެޕްޝަން 2025" ގެ ނަމުގައި ޚާއްޞަ ހަފްލާއެއް ބާއްވައިފި އެވެ.
މި ހަފްލާއަކީ، ދުނިޔޭގެ ނޫސްވެރިކަމުގެ މިނވަންކަމުގެ ދުވަހާ ގުޅުވައިގެން ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް އިސްމާއީލް ނަވީންގެ އިސްނެންގެވުމާއެކު ބޭއްވި ހަފުލާއެކެވެ. އެގޮތުން މި ހަފްލާގައި، ޑީސީޕީ ނަވީން އާއި، ޑސީޕީ ފަރުހާދު ފިކުރީއާއި، ފުލުހުންގެ އެގްޒެކެޓިވް އޮފިސަރުންނާއި، މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަންގެ މެންބަރުންނާއި، އެކި މީޑިއާތަކުގެ އިސްވެރިންނާއި މުވައްޒަފުން ބައިވެރިވެލައްވާފައިވާކަމަށް ފުލުހުންގެ ޚިދުމަތުން މަޢުލޫމާތުދެއެވެ.
މި ހަފްލާގައި ވާހަކަފުޅު ދައްކަވަމުން ޑީސީޕީ އިސްމާއީލް ނަވީން ވިދާޅުވީ، މިއީ ރައްޔިތުންނަށް އަމާން މާޙައުލެއް ޤާއިމްކޮށްދިނުމާއި، މީޑިއާއާއި ފުލުހުންނާ އެކުގައި މަސައްކަތްކުރެވިދާނެ ރޫހު ކުރިއަށްވުރެ ހަރުދަނާކުރުމަށް މަގުފަހިވެގެންދާނެ ހަފުލާއެއް ކަމަށް އުންމީދުކުރައްވާ ކަމަށެވެ. ހަމަ އެހެންމެ، މިއީ އާ ފެށުމެއްކަމަށް ބަލައިގެން ކުރިއަށް އޮތްތަނުގައި ގުޅިގެން މަސައްކަތްކުރުމަށް ޑީސީޕީ ގޮވާލެއްވިއެވެ. އަދި ރައްޔިތުންނާ ހަމައަށް ތެދުވެރިކަމާއި ހާމަކަން ބޮޑު ގޮތެއްގައި މައުލޫމާތު ގެނެސްދެވޭނެ ފަދަ މާހައުލެއް ގާއިމުކުރުމަށް މަސައްކަތް ކުރަންޖެހޭ ކަމަށް ވެސް ޑީސީޕީ ވަނީ ވިދާޅުވެފައެވެ.
މީގެ އިތުރުން ޑީސީޕީ ވަނީ ދެ ފަރާތުން ވެސް އިހުތިރާމާއެކު މުއާމަލާތުކުރުމަށް ނަސޭޙަތްތެރިވެލައްވާފަ އެވެ. އަދި ދެ ފަރާތުން ވެސް އެ އިހުތިރާމު ދެމެހެއްޓުމަށް މަސައްކަތްކުރުމުގެ މުހިންމުކަމުގެ މައްޗަށް ވަނީ އަލިއަޅުއްވާލައްވާފައެވެ. މި ހަފްލާގައި މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަންގެ ސެކްރެޓަރީ އަޙްމަދު ނާއިފް ވަނީ ނޫސްވެރިންގެ ކަންބޮޑުވުންތައް ޑީސީޕީ އާއި ހިއްސާކުރައްވާފައެވެ. ހަމަ އެހެންމެ، ފުލުހުންނާއި ނޫސްވެރިންގެ މެދުގައި އޮންނަ ގުޅުން ރަނގަޅުކުރުމަށް އިލްތިމާސްކުރައްވާ، ފުލުހުންގެ ފަރާތުން ނޫސްވެރިންނަށް ބޭނުންވާ މައުލޫމާތު އަވަސް މިނެއްގައި ފޯރުކޮށްދިނުމަށް ވަނީ އެދިލައްވާފައެވެ.
މި ހަފުލާގައި ވަނީ މީޑިއާތަކުގެ އަގުވަޒަންކުރުމުގެ ގޮތުން ކޮންމެ މީޑިއާ އަކަށްވެސް ދިވެހި ފުލުހުންގެ ޚިދުމަތުގެ ފަރާތުން ހަނދާނީ ޓޯކަންއެއް އަރުއްވާފައެވެ.