ޚަބަރު
މޯލްޑިވްސް މީޑިއާ ކައުންސިލް ގެ އިންތިޚާބަށް ކުރިމަތިލުމުގެ ފުރުޞަތު އަލުން ހުޅުވާލައިފި

މޯލްޑިވްސް މީޑިއާ ކައުންސިލް/ފޮޓޯ: އެޑިޝަން އެމްވީ
މޯލްޑިވްސް މީޑިއާ ކައުންސިލް ގެ އިންތިޚާބަށް ކުރިމަތިލުމުގެ ފުރުޞަތު އަލުން ހުޅުވާލައިފި އެވެ.
މި ފުރުޞަތު އަލުން ހުޅުވާލާފައިވަނީ، މޯލްޑިވްސް މީޑިއާ ކައުންސިލުގެ ހުސްވެފައިވާ މަޤާމުތަކަށް މެންބަރުން ޢައްޔަންކުރެއްވުމަށް ބާއްވާ އިންތިޚާބުގައި ވާދަކުރާ 2 ކެނޑިޑޭޓަކު ނަން އަނބުރާ ގެންދިއުމުންނެވެ.
ޒުވާނުން ބާރުވެރިކުރުވުމާއި މަޢުލޫމާތާއި ފަންނާބެހޭ ވުޒާރާއިން ވިދާޅުވީ، އެންމެ ފުރަތަމަ މީޑިއާ ކައުންސިލްގެ ހުސްވެފައިވާ މެންބަރުކަމުގެ 3 މަޤާމަށް ކުރިމަތިލުމަށް ހުޅުވާލި ފުރުޞަތުގައި 4 ކެނޑިޑޭޓުން މަޤާމަށް ކުރިމަތިލާފައިވާ ކަމަށެވެ. ނަމަވެސް، އޭގެ ތެރޭގައި ހިމެނޭ 2 ކެނޑިޑޭޓުން މިހާރު ނަން އަނބުރާ ގެންގޮސްފައިވާކަމަށް އެ ވުޒާރާއިން މަޢުލޫމާތުދެއެވެ. އެހެންކަމުން، އެ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު އަލުން ވަނީ ހުޅުވާލާފައެވެ.
މީގެ އިތުރުން ޒުވާނުން ބާރުވެރިކުރުވުމާއި މަޢުލޫމާތާއި ފަންނާބެހޭ ވުޒާރާއިން ވިދާޅުވީ، މި މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު އަލުން ހުޅުވާލައްވާފައި ވީ ނަމަވެސް، ކުރިން އެ މަޤާމަށް ފޯމު ހުށަހަޅާފައިވާ ބޭފުޅުން އަލުން ފޯމު ހުށަހަޅަން ނުޖެހޭނެ ކަމަށެވެ. އަދި އެ މަޤާމަށް ކުރިމަތިލާން ބޭނުންވާ ފަރާތްތަކުން މި މަހުގެ 27 ވަނަ ދުވަހުގެ މެންދުރު 14:00 ގެ ކުރިން އެކަމަށް އެދި ހުށައަޅާ ފޯމާއި މައްސަލަ ސާފު ކުރާ ފޯމު އެ ވުޒާރާގެ އީމެއިލް، [email protected] މެދުވެރިކޮށް ހުށަހެޅުމަށް ވަނީ އެދިލައްވާފައެވެ.
މޯލްޑިވްސް މީޑިއާ ކައުންސިލުގެ ހުސްވެފައިވާ މަޤާމުތަކަށް މެންބަރުން އިންތިޚާބު ކުރުމަށް ތާވަލްކުރީ މިމަހުގެ 30 ވަނަ ދުވަހަށެވެ. އަދި މި އިންތިޚާބުގައި ވޯޓުލެވޭ މީހުންގެ ދާއިމީ ލިސްޓުވެސް އެ ވުޒާރާއިން ވަނީީ ޢާންމުކޮށްފައެވެ.