ޚަބަރު
ތެލެސީމިއާ ކުދިންނަށް ދެވޭ ޚިދުމަތްތައް ހަރުދަނާ ކުރުމާއިގުޅޭ އެއްބަސްވުމެއްގައި ސޮއިކޮށްފި

ތެލެސީމިއާ ކުދިންނަށް ދެވޭ ޚިދުމަތްތައް ހަރުދަނާ ކުރުމާއިގުޅޭ އެއްބަސްވުމެއްގައި ސޮއިކުރުން: ފޮޓޯ- ސިއްޚީ ވުޒާރާ
ރާއްޖޭގައ ތިބި ތެލެސީމިއާ ކުދިންނަށް ދެމުންގެންދާ ޚިދުމަތްތައް ހަރުދަނާ ކުރުމަށް ދިވެހިރާއްޖެއާއި ސައިޕްރަސް އާއި ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. މި އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް ހެލްތު ޢަބްދުﷲ ނާޡިމް އިބްރާހީމެވެ. އަދި، ސައިޕްރަސް ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް ހެލްތު މައިކަލް ދަމްޔަނޮސް އެވެ.
ސިއްޚީ ވުޒާރާއިން ވިދާޅުވީ، ދިވެހިރާއްޖެއާއި ސައިޕްރަސް ސަރުކާރާ ދެމެދު "މެމޮރެންޑަމް އޮފް އަންޑަސްޓޭންޑިންގ ބިޓްވީން ދަ ގަވަރމަންޓް އޮފް ދަ ރިޕަބްލިކް އޮފް މޯލްޑިވްސް ރިޕްރެޒެންޓެޑް ބައި ދަ މިނިސްޓްރީ އޮފް ހެލްތު އެންޑް ދަ ގަވަރމަންޓް އޮފް ދަ ރިޕަބްލިކް އޮފް ސައިޕްރަސް ރިޕްރެޒެންޓެޑް ބައި ދަ މިނިސްޓްރީ އޮފް ހެލްތު އޮން ހެލްތު ކޯޕަރޭޝަން" އެއްބަސްވުމުގައި ސޮއިކުރީ ސްވިޒަލޭންޑްގެ ޖެނީވާގައި މިހާރު ކުރިއަށްދާ ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާގެ 78 ވަނަ ވަރލްޑް ހެލްތު އެސެމްބްލީގެ ހަވާސާގެ ތެރެއިން ކަމަށެވެ.
މި އެއްބަސްވުމުގެ ދަށުން، ތެލެސީމިއާ ބަލިން ރައްކާތެރިވުމާއި، ބަލި ދެނެގަތުމާއި، ފަރުވާދިނުމުގައި ސައިޕްރަސްގެ ތަޖުރިބާކާރު ފަންނީ ބޭފުޅުންގެ އެހީތެރިކަމާއި، މޯލްޑިވިއަން ބްލަޑް ސަރވިސަސްއިން ފޯރުކޮށްދޭ ޚިދުމަތްތައް އިތުރަށް ހަރުދަނާކުރުމާއި، ޓެލެކޮންފަރެންސިން މެދުވެރިކޮށް ސްޕެޝަލައިޒްޑް ޑޮކްޓަރުންގެ ޚިދުމަތް ލިިބިގެންދާނެއެވެ. މީގެ އިތުރުން ޞިއްޙީ ޚިދުމަތްތެރިންގެ އިންސާނީ ވަސީލަތްތައް ހަރުދަނާކުރުމަށް މި އެއްބަސްވުމުގެ ދަށުން ސައިޕްރަސްއިން އެހީތެރިކަން ލިބިގެންދާނެއެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ހެލްތު މިނިސްޓަރ ޢަބްދުﷲ ނާޘިމް ވިދާޅުވީ މިއަދު މި ސޮއިކުރެވުނު އެއްބަސްވުމަކީ ދެޤައުމުގެ ދެމެދުގައި ގުޅުން ބަދަހިކުރުމަށް އެޅުނު ފާހަގަކޮށްލެވޭ މުހިންމު ފިޔަވަޅެއް ކަމުގައެވެ. އަދި، ރާއްޖޭގެ އާބާދީގެ ގާތްގަނޑަކަށް 18 އިންސައްތަ މީހުންނަށް ތެލެސީމިއާ ފަރުވާދެމުންދާކަމާއި ތެލަސީމިއާއަކީ އާންމު ޞިއްޙަތާ ގުޅޭ ވަރަށް ބޮޑު ކަންބޮޑުވުމެއްކަމަށް ވިދާޅުވިއެވެ.
މިނިސްޓަރ ވިދާޅުވީ، ސައިޕްރަސް ފަދަ ތެލެސީމިއާ ކޮންޓްރޯލް ޕްރޮގްރާމްގެ މަސައްކަތްތައް ބައިނަލްޢަޤުވާމީ ގޮތުން ބަލައިގަނެފައިވާ ޤައުމެއްގެ ފަރާތުން ޢިބުރަތް ހާސިލުކޮށް އެފަރާތުގެ ފަންނީ އެހީތެރިކަން ލިބިގެން ދިއުމަކީ ޞިއްހީ ދާއިރާއަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއްކަމުގައެވެ. މީގެއިތުރުން، މި އެއްބަސްވުމުގެ ސަބަބުން ތެލެސީމިއާ ޕްރިވެންޝަން އެންޑް މެނޭޖްމަންޓާއި، ލޭ އެޅުމުގެ ޚިދުމަތާއި، ކްލިނިކަލް އަދި ފަންނީ ތަޖުރިބާ ހިއްސާކުރުން ފަދަ މުހިންމު ދާއިރާތަކުން އެއްބާރުލުން އިތުރުކުރުމަކީ އަމާޒެއްކަމުގައި މިނިސްޓަރ ވިދާޅުވިއެވެ.
ތެލެސީމިއާ ޕޭޝަންޓުންނަށް މިހާރު ދެވޭ ޚިދުމަތްތައް ހަރުދަނާކޮށް ފުޅާކުރުމަކީ ރައީސުލްޖުމްހޫރިއްޔާގެ ވައުދުތަކުގައި ހިމެނޭ މުހިންމު ވައުދަކަށްވާތީއާއި، ސައިޕްރަސް އަކީ ތެލަސީމިއާ ކުދިން ނިސްބަތުން ގިނަ ޤައުމަކަށްވެފައި އެ ޤައުމުން އެކުދިންނަށް ދެމުންގެންދާ ފަރުވާއާގުޅޭ ތަޖުރިބާ ހިއްސާކުރުމުގެ ޝައުޤުވެރިކަން ފާޅުކޮށް، މިއަދު މި ސޮއިކުރެވުނު އެއްބަސްވުން ތަންފީޒުކުރުމަކީ މި މިނިސްޓްރީގެ އެންމެ ބޮޑު އެއް އަމާޒެވެ.