ކުޅިވަރު

ޔޫރޮޕާ ލީގު: މިއީ މިހާ ބޮޑަށް ފޯމު ގެއްލިފައިވާ ދެ ޓީމަކުން ޔޫރަޕްގެ ފައިނަލެއް ކުޅޭ ފުރަތަމަ ފަހަރު

ޔޫރޮޕާ ލީގު: މިއީ މިހާ ބޮޑަށް ފޯމު ގެއްލިފައިވާ ދެ ޓީމަކުން ޔޫރަޕްގެ ފައިނަލެއް ކުޅޭ ފުރަތަމަ ފަހަރު

ޔޫރޮޕާ ލީގުގެ ފައިނަލް ކުޅުމަށް ހަމަޖެހިފައި ވަނީ ސްޕެއިންގެ ބިލްބާއޯގައި، ފޮޓޯ: ޔޫއެފާ

21 މޭ 2025، 02:33

މިރޭ ސްޕެއިންގެ ބިލްބާއޯގައި ޔޫރޮޕާ ލީގުގެ ފައިނަލު ކުޅުމަށް ހަމަޖެހިފައިވާއިރު، މިއީ ޔޫރަޕްގެ ތާރީޙުގައި ވެސް މިހާ ބޮޑަށް ފޯމު ގެއްލިފައިވާ ދެ ޓީމެއްގެ ކުރިމަތުލިމެއް އެ ބައްރުގެ ފައިނަލެއްގައި ފެންނާނެ ފުރަތަމަ ފަހަރެވެ. 

ޔޫއެފާއިން ކޮންމެ އަހަރަކު އެ ބައްރުގެ ކުލަބުތަކަށް ބާއްވާ  މުބާރާތްތަކަކީ ޔޫރަޕްގެ އެންމެ ޝަރަފުވެރި މުބާރާތްތަކެވެ. އެ ގޮތުން ޗެމްޕިއަންސް ލީގަށްފަހު، ޔޫރަޕްގެ އެންމެ ބޮޑު މުބާރާތަކީ ޔޫރޮޕާ ލީގެވެ. އަދި ޔޫރަޕްގެ ތިންވަނަ ދަރަޖައިގެ ޓީމުތަކަށް ޙާއްސަކޮށް 2021 ވަނަ އަހަރު ވަނީ ކޮންފަރެންސް ލީގު ވެސް ތަޢާރަފްކޮށްފައެވެ.

މި އަހަރުގެ ޔޫރޮޕާ ލީގުގެ ފައިނަލުގައި އިނގިރޭސިވިލާތަށް ނިސްބަތްވާ މެންޗެސްޓަރ ޔުނައިޓެޑާއި ޓޮޓެންހަމް ހޮޓްސްޕަރ ބައްދަލުކުރަން ހަމަޖެހިފައިވާއިރު، ޔުނައިޓެޑު އޮތީ 16 ވަނައިގައެވެ. އަދި ސްޕާރސް އޮތީ އޭގެ ފަހަތުން 17 ވަނައިގައެވެ. އެހެންކަމުން މިތަނުން މިރޭގެ ފައިނަލް ކާމިޔާބުކުރާނެ ޓީމަކީ ލީގުގައި އެންމެ ދަށް ނަތީޖާތަކެއް ހޯދައި މި އަންނަ ސީޒަނުގައި ޔޫރަޕްގެ އެންމެ ޝަރަފުވެރި މުބާރާތް ކަމުގައިވާ ޗެމްޕިއަންސް ލީގަށް ކޮލިފައިވާނެ ޓީމެވެ.

ޔުނައިޓެޑު އެންމެ ފަހުން ލީގުގައި މޮޅުވެފައި ވަނީ މާޗު މަހުއެވެ. އަދި އޭގެ ފަހުން 6 މެޗުން ބަލިވިއިރު 2 މެޗުން ވަނީ އެއްވަރުވެފައެވެ. އަނެއްކޮޅުން ސްޕާރސްއަށް އެންމެ ފަހުން ކުޅުނު 6 މެޗު ވެސް ކާމިޔާބު ކުރެވިފައެއް ނުވެއެވެ. އަދި މި ދެ ޓީމު އެއްކޮށްލުމުން މި ސީޒަނުގައި 39 މެޗުން ވަނީ ބަލިވެފައެވެ. 

މީގެ ކުރިން ލީގުގައި އެންމެ ދަށް ނަތީޖާއަކާއެކު، ޔޫރަޕްގެ މުބާރާތެއް ކާމިޔާބުކޮށްފައި ވަނީ ވެސްޓް ހޭމް ޔުނައިޓެޑެވެ. އެ ޓީމަށް މީގެ ދެ ސީޒަން ކުރިން ލީގުގައި 14 ވަނަ ލިބުނުއިރު، އެ އަހަރު ޔޫއެފާ ކޮންފަރެންސް ލީގު ކާމިޔާބުކޮށްފައިވެއެވެ.

މިދިޔަ 15 އަހަރަށް ބަލާއިރު، ޔޫރޮޕާ ލީގު ފައިނަލުގައި ކުޅުނު ޓީމުތަކުގެ ތެރެއިން ލީގުގައި އެންމެ ދަށް ނަތީޖާތަޖެއް ލިބިފައިވަނީ އިނގިރޭސިވިލާތުގެ ފުލަމް އާއި ސްޕެއިންގެ ސެވިއްޔާއެވެ. 2009/10 ސީޒަންގައި ފުލަމްއަށް ލީގުގެ 12 ވަނަ ލިބި ޔޫރޮޕާ ލީގުން ރިހި މެޑަލް ހޯދާފައިވާއިރު، 2022/23 ސީޒަންގައި ސެވިއްޔާއިން ޔޫރޮޕާ ލީގު ކާމިޔާބުކުރިއިރު އެ ކުލަބަށް ލީގުގައި ލިބުނީ 12 ވަނައެވެ. 

ޔޫރޮޕާ ލީގުގެ ފައިނަލް މެޗު ފަށާނީ މިރޭ ރާއްޖެ ގަޑިން މެންދަމު 12:00 ގައެވެ.

މި ލިޔުން ކިޔާލުމުން

Ads by MSS