ކުޅިވަރު

މެންޗެސްޓަރ ޔުނައިޓެޑަށް އޮތް ހަމައެކަނި އުއްމީދު ފެނަށް ދުއްވާލައި ޓޮޓެންހަމް ޔޫރޮޕާ ލީގު ކާމިޔާބުކޮށްފި

މެންޗެސްޓަރ ޔުނައިޓެޑަށް އޮތް ހަމައެކަނި އުއްމީދު ފެނަށް ދުއްވާލައި ޓޮޓެންހަމް ޔޫރޮޕާ ލީގު ކާމިޔާބުކޮށްފި

ޓޮޓެންހަމް ޔޫރޮޕާ ލީގު ތަށި އުފުލާލުން، ފޮޓޯ: ގެޓީ އިމޭޖަސް

22 މޭ 2025، 07:49

1990 ވަނަ އަހަރުން ފެށިގެން މެދުނުކެނޑި ޔޫރަޕްގެ މުބާރާތްތައް ކުޅެމުންދިޔަ މެންޗެސްޓަރ ޔުނައިޓެޑަށް އެކަން ކުރިޔަށް ގެންދިއުމަށް އޮތް ހަމައެކަނި އުއްމީދު ފެނަށް ދުއްވާލައި، ޓޮޓެންހަމް ހޮޓްސްޕާއިން ޔޫރޮޕާ ލީގު ކާމިޔާބުކޮށްފިއެވެ. މިއީ 17 އަހަރަށް ފަހު ސްޕާރސްއިން ކާމިޔާބުކުރި ފުރަތަމަ ތައްޓެވެ.

ޔުރޮޕާ ލީގުގެ ޗެމްޕިއަން ޓީމަށް، އެ ބައްރުގެ ކްލަބުތަކުގެ މެދުގައި ކުޅޭ އެންމެ ޝަރަފުވެރި ޗެމްޕިއަންސް ލީގުން ޖާގަ ލިބޭތީ ލީގުން ރަގަޅު ނަތީޖާއެއް ނުހޯދުނަސް، ޔުނައިޓެޑުން ހުވަފެން ދެކުނީ މި މުބާރާތް ކާމިޔާބުކޮށް ޔޫރަޕްގައި މި އަންނަ ސީޒަންގައި ވެސް ކުޅުމަށެވެ. ނަމަވެސް އެ ފުރުސަތު ނުލިބުނުތާންގައި، މިއީ ފާއިތުވި 50 އަހަރުގެ ތެރޭގައި ޔުނައިޓެޑަށް ކުރިމަތިވި އެންމެ ނާކާމިޔާބު ސީޒަނެވެ.

ޔޫރޮޕާ ލީގުގެ ކާމިޔާބާއެކު، ސްޕާރސްގެ ކޯޗު އޭންގް ޕޮސްޓެކޮގްލޫ މިވަނީ އޭނާގެ ދެވަނަ ސީޒަނުގައި ތައްޓެއް ހޯދައިދޭނެކަމަށް ބުނެ އެ ކްލަބަށްވީ ވަޢުފު ފުއްދާދީފައެވެ. ނަމަވެސް މި ތަށި ނެގުމަކުން އޭނާގެ ވަޒީފާ ސަލާމަތެއް ނުކުރެވޭނެއެވެ. އެކަމަކު ޔޫރޮޕާ ލީގު ތައްޓާއެކު، މި ސީޒަނަށްފަހު އޭނާ ކްލަބު ދޫކޮށް ދާނީ ކްލަބުގެ ބަޠަލެއްގެ ގޮތުގައިކަން ޔަގީނެވެ.

ސްޕެއިންގެ ބިލްބާއޯގައި ރޭ ކުޅުން ފައިނަލަކީ، ޔޫރަޕްގެ ފައިނަލެއްގައި މިހާތަނަށް ގައުމުގެ ލީގުގައި އެންމެ ދަށުގައި އޮތް ދެ ޓީމުން ކުޅުނު ފައިނަލެއްކަމުން، މެޗުން ބަލިވި ޓީމަށް ހިތާމަ ނޫން އިހުސާސެއް ނެތެވެ. އަދި މެންޗެސްޓަރ ޔުނައިޓެޑުން އެސްޓަން ވިލާއާ ދެކޮޅަށް ލީގުގެ ފަހު މެޗު ކުޅުމަށް ހަމަޖެހިފައިވާއިރު، އެ މެޗަށްފަހު ދެން ވާނެ ގޮތެއް އެ ޓީމުގެ ކޯޗު، ރޫބެން އަމޮރިމްއަކަށް ވެސް ނޭންގެއެވެ. އޭނާ ބުނަނީ އަމިއްލައަށް ވަޒީފާ ދޫކޮށް ނުލާނެކަމަށާއި، އޭނާގެ މުސްތަގުބަލު ބިނާވާނީ ކްލަބުން ނިންމާގޮތެއްގެ މައްޗަށް ކަމަށެވެ.

ފައިނަލް މެޗު ބަލަން ތިބި ޔުނައިޓެޑުގެ ސަޕޯޓަރުންނަށް ޔަގީންވިކަމަކީ، އެ މެޗަށް އޭނާގެ ރޭވުންތެރިކަން މަސައްކަތް ނުކުރިކަމެވެ. އެގޮތުން އަލެހާންޑްރޯ ގަނާޗޯގެ ބަދަލުގައި މޭސަން މައުންޓު ބޭނުންކުރުން ބޭކާރުވިއިރު، ބްރޫނޯ ފެނާންޑޭޒްގެ ބޭނުން އެންމެ އެކަށޭނަ ގޮތެއްގައި ނުހިފުނުކަމެވެ. މުޅި މެޗުގައި ވެސް އޭނާ ފެނުނީ ނާއުއްމީދީ ގޮތަކަށެވެ. 

މި މެޗުގައި ސްޕާރސްއިން ޖެހި ހަމައެކަނި ގޯލަކީ، ބޮޑު ތައްޓަކާއެކު ޗެމްޕިއަންސް ލީގަށް ސީދާ ކޮލިފައިވާވަރު ގޯލެއް ނޫނެވެ. ފުރަތަމަ ހާފު ނިމެން 3 މިނެޓަށްވެފައި ވަނިކޮށް ބްރެނަން ޖޯންސަން ފައިގައި ޖެހިފައި ގޯލުގެ ތެރެއަށް ވަތް ބޯޅައަކީ، އަންދްރޭ އޮނާނާގެ އަތް ނުފޯރައިގެން ދިޔަ ބޯޅައެކެވެ. ނަމަވެސް އެއީ ކޮންމެ ގޮތަކަށް ވަތް ގޯލެއް ނަމަވެސް، މުހިންމީ ނަތީޖާ ނެރުންތާއެވެ. ޓޮޓެންހަމުން އެކަންކޮށްފިއެވެ. އަދި މިއީ 2008 ވަނަ އަހަރު ކާލިން ކަޕް ކާމިޔާބު ކުރުމަށްފަހު އެ ޓީމުން އުފުލާލި ފުރަތަމަ ތައްޓެވެ.

ސްޕާރސްއިން މީގެ ކުރިން ވެސް ޔޫރޮޕާ ލީގު ކާމިޔާބުކޮށްފައިވެއެވެ. ނަމަވެސް އެއީ 1972 ވަނަ އަހަރާއި 1984 ވަނަ އަހަރެވެ.

މި ލިޔުން ކިޔާލުމުން

Ads by MSS